ލައިފްސްޓައިލް

މި ކުރެހުމުން ރިޝްވާން ބުނެދިނީ މުހިންމު ވާހަކައެއް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި އަހަރަށް ފަށަން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީސް ޒީނަތްތެރިކޮށްފައި ވަނީ ތަފާތު ގޮތަކަށެވެ. ދިވެހި ކުރެހުންތެރިންގެ ހިތްގައިމު މަންޒަރުތަކުން މަޖިލީސް އިދާރާ އޮތީ ވަރަށް ބޮޑަށް ނަލަ ހައްދާފަ އެވެ. އެއީ ހަމައެކަނި ރީތި ކުރެހުންތަކަކުން މަޖިލީހުގެ އިދާރާ ރީތިކޮށްލުމުގެ މަގްސަދުގައި ކުރި ކަމެއް ނޫނެވެ. އެއް ބޭނުމަކީ އެ ކުރެހުންތަކެއް މެދުވެރިކޮށް ވެސް ރައްޔިތުން ހޭލެއްވުމެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް މޯލްޑިވްސް އާޓްސް ކޮމިއުނިޓީގެ 25 ޒުވާނެއްގެ ކުރެހުންތައް ބަހައްޓާފައި ހުއްޓެވެ. އޭގެ ކޮންމެ ކުރެހުމަކީ މުހިންމު މެސެޖެއްދޭ ކުރެހުމެކެވެ. އޭގެ ތެރެއިން މިއީ ހާއްސަ ކުރެހުމެކެވެ. މިއީ މޯލްޑިވްސް އާޓްސް ކޮމިއުނިޓީއަށް ލިބުނު ފުރުސަތުގައި ޒުވާން ކުރެހުންތެރިޔާ އަލީ ރިޝްވާން ކުރެހި ކުރެހުމެވެ. މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި އިއްޒަތްތެރިންނާއި، މެންބަރުންގެ ނަޒަރުވެސް އެންމެ ބޮޑަށް ހުއްޓުނު އެއް ކުރެހުމަކަށް އެވި އެވެ. ސަބަބަކީ ރިޝްވާންގެ ކުރެހުމުގައިވާ މެސެޖެކެވެ. ފޮރުވިފައިވާ އަސްލު ހަގީގަތް އެ ކުރެހުން ހާމަކޮށްދޭ މިންވަރެވެ.

ފުރަަތަމަ ރިޝްވާން މި ކިޔައިދެނީ އޭނާގެ ކުރެހުމުން ބުނެދޭ ވާހަކަތަކެކެވެ؛ އެ ފޮޓޯގަނޑާމެދު ފުންކޮށް ވިސްނާލާށެވެ.

ގޮނޑުދޮށުގައިވާ ކާށިން އެ ބުނެދެނީ ފަތުރުވެރިންނަށް ދިވެހިން ވިއްކަމުން އަންނަ ނަލަނަލަ ރާއްޖެ އާއި ދޮންވެލި ގޮނޑުދޮށްތަކެކެވެ. އަދި ދިވެހީންގެ މި ހިތްގައިމު ޖަޒީރާ ރަށްތަކެވެ. ނަމަވެސް މުޅި މަންޒަރަށް ބަލާލުމުން އެ ހިތްގައިމު ކަމެއް ނުފެނެ އެވެ.

މަންޒަރުގެ ބޮޑުބައިގައި އޮތީ ދަޅާއި ފުޅި އަދި ކުނިތަކުން ރީތިކަން ގެއްލިފައިވާ ގޮނޑުދޮށެކެވެ. ދޮންވެލީގެ ނަލަ ގޮނޑުދޮށުގެ ހުދުކަން ގެއްލުވާލަނީ ކުނިތަކެވެ. ދެން ސަމާލުކަމަށް ގެނެސްދެނީ ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމެެވެ. މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއެކު ދިވެހި ރަށްތައް ގިރަމުންދާ ދިއުމެވެ.

"މުޅި ކުރެހުމުގައި މި ބުނެދެނީ މި ހުރިހާ ވާހަކައެއް. ވެއްޓިފައިވާ ކާށި އެއީ ރާއްޖޭގައިވާ ރިސޯޓްތައް ކަމަށް ބައްލަވާ. އެ ކާށިން ފެންނަނީ ވަރަށް ސާފު ރީތި ގޮނޑުދޮށެއް. ނަމަވެސް ބޮޑު މަންޒަރު މި ފެންނަނީ ކޮންމެވެސް މީހުން ދިރިއުޅޭ ރަށެއްގެ ގޮނޑުދޮށް. އެ ގޮނޑުދޮށުން ރިސޯޓްތަކުން ފެންނަ ނަލަކަމެއް ނުފެނޭ. ނަމަވެސް ހަގީގަތަކީ ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ސާފު ރީތި އުޅުމެއް އުޅޭ ބައެއް. އެ ކޮންސެޕްޓަށް މިއަދު ރިސޯޓްތައް އެ ހިންގަނީ. ނަމަވެސް މިއަދު އަޅުގަނޑުމެން މި ތިބީ ރިސޯޓްތަކަށް އެ ނަލަކަން ދޫކޮށްލާ، ރަށްތަކަށް އިހުމާލުވެގެން." ރިޝްވާންގެ އޭނާގެ ކުރެހުމުގެ ތައާރަފެއް ދިނެވެ. "އަނެއްކޮޅުން ދެން މިފެންނަނީ މޫސުމީ ބަދަލުތަކާއެކު ރަށްތައް ގިރައިގެންދާ މަންޒަރު. މި ކުރެހުމުން މި ހުރިހާ ކަމެއް ސަމާލުކަމަށް މި ގެންނަނީ. ރިސޯޓްތަކުގެ ނަލަކަން، ރަށްރަށުގެ ގޮނޑުދޮށްތަކުން އެ ނަލަކަން ގެއްލި ކުނިބުނިން ފުުރެމުންދާކަން އަދި ރަށްތައް ގިރާ ހުސްވަމުންދާކަން."

މީގެ އިތުުރުން ރިޝްވާންގެ މި ކުރެހުމުގައި ރަށު ފަތުރުވެރިކަން ކުރިއަރާދާއިރު ދިވެހިން އުޅޭ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކޮށް، އެ ގޮނޑުދޮށްތައް ރީތިކޮށް ބޭއްވުމުގެ މުހިންމު ކަމަށްވެސް އަލިއަޅުވައި ދެއެވެ. އެހެންވެ ރިޝްވާންގެ މި ކުރެހުން ވެގެންދިޔައީ ވަރަށް މެސެޖަކަށެވެ. އަދި ބޮޑު ވާހަކައަކަށެވެ.

ރިޝްވާންގެ ކުރެހުމުން ފޮނުވާލި މެސެޖާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް މިވަނީ ތިމާވެށީގެ ކުއްލި ހާލަތު އިއުލާންވެސް ކޮށްފައެވެ. މިއިން ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރި ކުރުމަށް ގޮންޖެހުން ކުރިމަތިވެ، ތިމާވެއްޓަށް ނުރައްކާތެރިވެފައިވާ މިންވަރު ބުނެދެ އެވެ.

އާޓްގެ ތެރެއަށް ވަދެވުނު ގޮތް

ހަނދާން ހުންނަން ފެށީއްސުރެ އޭނާ ކުރަހައެވެ. އާޓަށް ވަރަށް ލޯބި ކުރެއެވެ. އެލްކޭޖީގައި އުޅުނު ދުވަސްވަރު އޭނާ ކުޅެން ބޭނުންކުރާ ތަފާތު ކުޅޭ ތަކެތިވެސް ހެދީ އަމިއްލައަށެވެ.

"ވަރަށް ކުޑައިރުން ފެށިގެން ކުރަން. އެންމެ ފުރަތަމަ އެލްކޭޖީގައި އުޅުނުއިރު ކްލޭއިން ތަފާތު އެއްޗެހި ހަދަން. އޭރު ނެޝެނަލް ޖޯގްރަފިކް ބަލަމުން ތަފާތު އެއްޗެހި ހަދަން. އަމިއްލައަށް ޓޯއީސް ހަދައިގެން އޭރު ކުޅޭނީ ވެސް."

އާޓްސްއަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން ދަރުމަވަންތަ ސުކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު އޮޕްޝަން މާއްދާއެއްގެ ގޮތުގައި ނެގީވެސް އާޓްސް އެވެ. ރިޝްވާން ނަޒަރުގައި ކުރެހުމުގެ ތެރެއަށް އަސްލު ވަދެވުނު ހިސާބަކީ އެއީއެވެ.

ފަހުން ސުކޫލް ނިމުނީއްސުރެ ރިޝްވާން ގެންދަނީ ތަފާތު ކުރެހުންތައް ކުރަހަމުންނެވެ. މޯލްޑިވްސް އާޓް ކޮމިއުނިޓީއާއެކު ވެސް ވަރަށް ގިނަ މަސައްކަތްތައް އޭނާ ކޮށްފިއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުއްޓެވެ.

ދާދިފަހުން ހިތްގައިމު ކުރެހުންތަކުން ދ. ރިނބުދޫ ނަލަކޮށްލިއިރު އެ މަސައްކަތުގައި ވެސް ރިޝްވާން ބައިވެރިވި އެވެ. އެ ރަށުގައި ރިޝްވާން ކުރެހީ ދިވެހިންގެ ޒަމާންވީ މަސައްކަތެއް ކަމަށްވާ ތިލޭރުކަން ކުރާ މަންޒަރު ދައްކައިދޭ ކުރެހުމެވެ.

"އެކްރަލިކް ޕެއިންޓް" ބޭނުން ކޮށްގެން ކުރަހާ ރިޝްވާންގެ އެންމެ ފާހަގަކޮށްލެވޭ ކުރެހުންތަކުގެ ގޮތުގައި ގުރޫޕް މަސައްކަތެއްގެ ގޮތުގައި ހުޅުމާލެ ސެންޓްރަލްޕާކްގައި ތްރީޑީކޮށް ކުރަހާފައިވާ ކުރެހުން ފާހަގަ ކޮށްލެވެއެވެ. މިއީ ސެންޓްރަލް ޕާކަށްދާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ކުރެހުމެކެވެ. އަދި ހުޅުމާލެ ނިރޮޅު މަގުގައި ރިޝްވާން ކުރަހާފައިވާ ކުރެހުމަކީ ވެސް ފާހަގަކޮށްލެވޭ ކުރެހުމެކެވެ. އެއީ ބަޔަކު ވާ ދަމަނިކޮށް ފެންނަ ކުރެހުމެކެވެ. އެ ކުރެހުމާއެކު ވަލުގެ އަނެއްކޮޅުގައި ހިފައިން ތިބޭތަން ފެންނަ ގޮތަށް ގިނަ ބަޔަކު ފޮޓޯ ނަގައެވެ.

މިފްކޯގައި ގްރެފިކްސް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ރިޝްވާންގެ ނަޒަރުގައި މިފަހުން ކޮންމެ ވެސް ވަރަކަށް ކުރެހުންތެރިން ނުވަތަ އާޓްގެ މަސައްކަތްތެރެއިން އަގު ވަޒަން ކުރަން ފަށާފައި ވެއެވެ. ނަމަވެސް އަދިވެސް އާޓަށް އޮންނަން ޖެހޭ ހަގީގީ މަގާމު މުޖްތަމައުގައި ނެތެވެ.

އެ އަމާޒަށް ވާސިލްވުމަށް މޯލްޑިވްސް އާޓްސް ކޮމިއުނިޓީން ކުރާ މަސައްކަތުގައި ރިޝްވާނަކީ މުހިންމު ބައިވެރިއެކެވެ. އޭނާއަކީ އާޓްސް ކޮމިއުނިޓީގެ ބޯޑްގެ މެންބަރެކެވެ. އަދި އެ ހަރަކާތުގެ ޓްރެޝަރާ އެވެ.

މީހުނަށް އާޓްގެ މި މަސައްކަތުގެ އަގުވަޒަން ނުކުރެވުމަކީ ވެސް އޭނާ އާއި މުޅި އާޓްސް ކޮމިއުނިޓީގެ ބޮޑު ކަންބޮޑުވުމެކެވެ. އާޓްސްގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންވެސް އެ މަސައްކަތް ކުރަނީ ފަންނު ކުރިއެރުވުމާއެކު ދިރިއުޅުމަށް އާމްދަނީއެއް ހޯދުމެވެ. އެހެންވެ މަސައްކަތުގެ ހަގީގީ އަގު ވަޒަން ކުރެވޭނެ ދުވަހަކަށް ކުރެހުންތެރިން އިންތިޒާރު ކުރެއެވެ.

"ހުރެލާފަ މީހަކު ބުނެފާނެ ހިލޭ ކުރަހާލަ ދީބަލާށޭ. އެއީ ކިހާވަރެއްގެ މަަސައްކަތެއްކަމެއް އަސްލު ނޭންގޭތީ އެހެން އެ ބުނަނީ. ގިނަ ކުރެހުންތަކަށް މަދުވެގެން ހަތް ގަޑިއިރު ނޫނީ ނުވަ ގަޑިއިރު ވަރު އެބަ ހޭދަ ކުރަންޖެހޭ."

ރިޝްވާން ލައްވާ ކުރަހަން ބޭނުންވާ މީހުންނާއި، އޭނާގެ ކުރެހުމެއް ގަންނަން ބޭނުންވާ މީހުންނަށް ފުރުސަތު އޮތީ ހުޅުވިފައެވެ : "އިންސްޓަގްރާމްން ފެންނަން ހުންނާނެ އަޅުގަނޑުގެ ކުރެހުންތައް. އިންޓްރެސްޓް ހުރިނަމަ މެސެޖް ކޮށްލަންވީ. އަޅުގަނޑު ލައްވާ ކުރެހުމެއް ކުރަހަން ބޭނުން ނަމަވެސް އެކަން ކުރެވޭނެ."