ޗިލީގެ ދެކުނުގައި އޮންނަ ޖަންގައްޔެއްގައި ވަރަށް ބިޔަ ބޮޑު ގަހެއް އެބަހުއްޓެވެ. މިއީ އެތައް ހާސް އަހަރެއްވެފައިވާ ގަދީމީ ގަހެކެވެ. އަދި މި ގަހަށް ދުނިޔޭގެ އެންމެ ދުވަސްވީ ގަހުގެ ދަރަޖަ ދޭން ކަމާ ބެހޭ އިދާރާތަކުން މިހާރު އެބަ މަސައްކަތް ކުރެ އެވެ.
މި ގަސް މަޝްހޫރުވެފައިވަނީ "ގްރޭޓް ގްރޭންޑްފާދާ" (މުނިކާފަ)ގެ ނަމުންނެވެ. މި ގަހުގެ ވަށަމިނުގައި 13 ފޫޓު ހުރެ އެވެ. އަދި ގަހުގެ ދިގުމިނުގައި 28 މީޓަރު ހުރެ އެވެ. މި ގަހުގައި ދުނިޔޭގެ ވަރަށް ގިނަ ސިއްރުތަކެއް ރައްކާކުރެވިފައިވާ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ތިމާވެއްޓަށް އައިސްފައިވާ ބަދަލާއި މި ބަދަލުތަކާ އެކު ވެސް މި ގަސް ސަލާމަތުން ހުރި ސަބަބެވެ.
މި ގަހަށް 5000 އަށް ވުރެ ގިނަ އަހަރު ވެދާނެކަމަށް ގަބޫލުކުރެ ވެއެވެ. އެހެންކަމުން އެންމެ ގިނަ ދުވަސްވީ ގަހުގެ ރެކޯޑް މީގެ ކުރިން އޮތް މެތުސެލާގެ ރެކޯޑް މި ގަސް މުގުރާލަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެމެރިކާގެ ކެލިފޯނިއާގެ ގްރޭޓް ބެސިން ބްރިސްޓްލްކޯން ޕައިން އަށް ވީ 4850 އަހަރު ކަމަށް ރެކޯޑް ފޮތްތަކުގައި ވެއެވެ.
"މިއީ ހަމަ ވަރަށް ހިތްވަރުގަދަކަމުން ސަލާމަތްވެފައިވާ ގަހެއް. އެހެން އެއްވެސް ގަހަކަށް މިހާ ގިނަ ދުވަހު ސަލާމަތުން ހުރުމުގެ ނަސީބެއް ނުލިބުނު،" ޗިލީގެ ސެންޓަ ފޯ ކްލައިމެޓް ސައިންސް އެންޑް ރިސައިލެންސްގެ ރިސާޗާ އެންޓޯނިއޯ ލާރާ ވިދާޅުވި އެވެ. ޗިލީން ފެނުނު ގަހުގައި މިން އަޅައި އޭގެ އުމުރު ބެލުމުގެ މަސައްކަތް ކުރާ ޓީމުގައި އެންޓޯނިއޯ ހިމެނިވަޑައިގަންނަވަ އެވެ.
ގްރޭޓް ގްރޭންޑްފާދާ ގަހަކީ ސައިޕްރަސް ކިޔާ ވައްތަރުގެ ގަހުގެ ބާވަތެކެވެ. މިއީ ސައުތު އެމެރިކާގައި ހެދޭ ގަސްތަކުގެ ތެރެއިން އެންމެ ބިޔަކޮށް ހެދޭ އެއް ބާވަތުގެ ގަހެވެ. މި ގަހުގެ މަޝްހޫރުކަން ބޮޑުވެ ޓޫރިސްޓުން މި ގަހުގެ ފޮޓޯ ނަގަން އަންނަން ވަރުން ޗިލީގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ ގަސް ހުންނަ ސަރަހައްދު ރައްކާތެރިކޮށްފަ އެވެ.
އަނެއްކޮޅުން ކެލިފޯނިއާގައި ހުރި މެތުސެލާ ގަސް ހުރި ތަނެއް އެކަކަށް ވެސް ނޭނގެ އެވެ. އެ ގަސް ސިއްރުން ފޮރުވައިގެން ގެންގުޅޭތީ އެވެ.
ޗިލީގައި ހުރި ގަހަށް ވީ އަހަރު ސީދާކޮށް ބުނާކަށް އަދިވެސް ރިސާޗަރުންނަކަށް ނޭނގެ އެވެ. އެ ގަހުގެ އެންމެ އެތެރެއާ ހަމައަށް ލޯ ވަޅު ތޮރުފައިގެން އަދިވެސް ބެލިފައި ނުވާތީ އެވެ. ލަފާ ކުރެވެނީ 5000 އަށް ވުރެ ގިނަ އަހަރު ވެފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ ދުސްވީ ގަހަށް ވެސް އެ ހިސާބަށް ކުރިމަތިވި އެކި ކަހަލަ ގުދުރަތީ ކާރިސާތަކާ ކުރިމަތިވެފައި ވެއެވެ. އެގޮތުން 1960 އައި އެހިސާބަށް އައި ބާރުގަދަ ބިންހެލުން ހިމެނެ އެވެ. މިއީ ދުނިޔެއަށް މިހާތަނަށް އައި އެންމެ ބާރުގަދަ ހެލުމުގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ ބިން ހެލުމެވެ. މީގެ އިތުރަށް ވެސް ޖަންގަލީގައި އަލިފާން ރޯވުމާއި އެނޫންވެސް މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ވެސް މި ގަހަށް ކުރިމަތިވި އެވެ. ނަމަވެސް ހުރިހާ ޒަމާނެއްގެ ހުރިހާ މާހައުލަކަށް ވެސް ފެތިގެން މި ގަސް މަރުނުވެ ހުރި ގޮތް މިއީ ސައިންސްވެރިން ބަލަން ވަރަށް ޝައުގުވެރިވާ ކަމެކެވެ. ގަހުގެ ބުޑުގަނޑުގެ އެތެރޭގެ ކޮންމެ ރިންގެއްގައި އެތައް ހާސް ސިއްރުތަކެއް ވާކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.
"މިއީ ހުޅުވާލެވިފައިވާ ފޮތެއް ކަހަލަ ގަހެއް. ފޮތް ކިޔަމުންދާ ވަރަކަށް ލިބޭ މައުލޫމާތު އިތުރުވަމުންދާ ގޮތަށް ގަހުގެ އެތެރޭގެ ކޮންމެ ރިންގަކާ ހަމައަށް ވާސިލު ވެވުމުން އެތައް ހާސް މައުލޫމާތެއް ލިބިގެންދޭ،" މިގަހުގެ މައުލޫމާތު އެއްކުރާ ސައިންސްވެރިން ބުނެފައި ވެއެވެ.