ރަބީއު މޫސުމާއެކު ގޭގޭގެ ބެލްކަނީގައާއި މަގުތަކުގައި އިންދާފައިވާ ގަސްތަކުގައި މާމެލާމެލި އަޅާ ޒީނަތްތެރިވެ އެވެ. އަދި މި ގަސްތަކުން އިންސާނުންގެ ހިތަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދެ އެވެ. ނަމަވެސް އެކި މޫސުމަށް މާ ފޮޅުން ނޫނަސް ގަސްތައް ކުރާ އެހެން ކަންކަން ވެސް ހުންނަކަން އެނގޭ ހެއްޔެވެ؟
ރީތި އާ ފަތްތައް ފަޅައި މާތައް ފޮޅުމުގެ އިތުރުން ގަހަކީ ވާހަކަ ދައްކާ، ރޮއި ވެސް ހަދާ އެއްޗެކެވެ.
ފަހުގެ ދިރާސާއެއް ބުނާ ގޮތުގައި އަހަރެމެން އިންސާނުންނަށް ގަސްގަހާގެހި ވާހަކަ ދައްކާ އަޑު ނީވުނަސް އެ އެއްޗެތި ވާހަކަ ދައްކާ އުޅެ އެވެ. ޚާއްސަކޮށް ގަސްތަކަށް އުނދަގޫތަކާ ކުރިމަތިވެ ސްޓްރެސް ވާ ދުވަސް ދުވަހު ގަސްތައް ރޮއި ވެސް އުޅެ އެވެ.
ސްޓްރެސް ވީމަ ނުވަތަ ފެން މަދުވީމަ ގަސްތައް ވެސް ރޯކަމަށް ސައިންސްވެރިން ބުނެފައިވަނީ ވަރަށް ފަހުން ހެދި ދިރާސާއެއްގެ ނަތީޖާއަށް ބަލާފަ އެވެ.
ޖާނަލް ސެލްގައިވާ މި ދިރާސާ ކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ގަސްގަހުން ގޮއްވާ އަޑުތައް ރެކޯޑްކޮށް އެނަލައިޒްކޮށްފައި ވެއެވެ. މި އަޑުތައް އެންމެ ވައްތަރީ ޕޮޕްކޯން ހަދާއިރު ޒުވާރިފުށްތަކުގައި މާޖެހޭއިރު ގޮވާ އަޑާ އެވެ. މި އަޑުތަކުގެ ވޮލިއުމް ވެސް އާދައިގެ ގޮތެއްގައި އިންސާނުން ވާހަކަ ދައްކާއިރު އަޑު ހުންނަހާ ބާރެވެ. ނަމަވެސް ފްރިކިއުންސީ މަތިކަމުން އިންސާނުންގެ ކަންފަތަށް މި އަޑު ނީވޭނީ އެވެ.
"އެކޯސްޓީކް ޗެމްބާއެއްގަ އާއި ގްރީން ހައުސްގައި ޓޮމާޓޯ ގަސް ތަކަކާއި ދުންފަތް ގަސްތަކެއް ބަހައްޓައިގެން އަހަރެމެން މި ގަސްތަކުގެ އަޑުތައް ރެކޯޑްކޮށްފައިވަނީ. މިގޮތުން ގަސްތަކުގެ ފިޒިއޮލޮޖިކަލް ޕެރަމީޓާޒް މޮނިޓާ ކޮށްފައިވާނެ،" ދިރާސާ ރިޕޯޓުގައި ވެއެވެ.
މި ދިރާސާގައި ފޯކަސް ކުރީ ޓޮމާޓޯ، ދުންފަތް، ގޮދަން، ޒުވާރި، ކެކްޓަސް އަދި ހެންބިޓް ގަސް ތަކަކަށެވެ. ދިރާސާ ކުރުމުގެ މަރުހަލާގައި އެކި އެކި ހާލަތް ތަކުގައި ގަސްތަކަށް ވާ ގޮތާއި އޭގެން ނުކުންނަ އަޑުތައް ރެކޯޑް ކުރި އެވެ. ބައެއް ގަސްތަކަށް ފަސް ދުވަސް ވަންދެން ފެން ނުދީ ބަހައްޓައިގެން އެ ގަސްތަކުގެ އަޑު ރެކޯޑް ކުރިއިރު ބައެއް ގަސްތައް ކޮށާލާފައި ބަހައްޓާފައި އޭގެން ނުކުންނަ އަޑު ރެކޯޑް ކޮށްފައި ވެއެވެ. އަދި އަނެއް ބައިގަސްތަކުގައި އެއްގޮތަކަށް ވެސް އަތްނުލާ އެކަހެރިކޮށްފައި ގިނަ ދުވަހު ބެހެއްޓުމަށްފަހު އޭގެ އަޑުތައް ރެކޯޑް ކުރި އެވެ.
އަޑުތައް ރެކޯޑް ކުރުމަށްޓަކައި ދިރާސާ ޓީމުން ގަސްތައް ބެހެއްޓީ ބިންގަރާހެއްގެ އެކަހެރި ތަނެއްގައި އެކޯސްޓިކް ފޮއްޓެއްގެ ތެރޭގަ އެވެ. އަދި އެއްވެސް ބެކްގްރައުންޑް އަޑެއް މިތަނަށް ނާންނާނެ ގޮތަށް މި ތަން ބަންދުކޮށް އަލްޓްރާސޮނިކް މައިކްރޯފޯންތަކެއް ސެޓް ކުރި އެވެ. 20-250 ކިލޯހާޓްޒް ފްރިކިއުންސީގެ އަޑުތައް ރެކޯޑް ކުރެވޭ ގޮތަށެވެ.
އިންސާނުންގެ ތެރެއިން ބޮޑެތި މީހުންގެ ކަންފަތަށް އެންމެ މައްޗަށް އިވޭ ފްރިކުއެންސީގެ ބާރުމިނަކީ 16 ކިލޯހާޓްޒް އެވެ.
"އަހަރެންގެ ރެކޯޑިންތަކުން އެނގުނު ގޮތުގައި އަހަރެމެން އެކްސްޕެރިމެންޓްގައި ބޭނުންކުރި ގަސްތައް ނެރެފައިވާ އަޑުގެ ފްރިކުއެންސީގައި 40-80 ކިލޯހާޓްޒް ހުރި. ސްޓްރެސް ނުވެ ހަމަޖެހިފައި ހުރި ގަސްތައް އެވްރެޖްކޮށް ނެރެފައިވަނީ ގަޑިއަކު އެންމެ އަޑެއް ވަރު. އޭގެ ބަދަލުގައި ފެން މަދުވެގެން ނުވަތަ އަނިޔާއެއް ލިބިގެން ސްޓްރެސް ވެފައި ހުރި ގަސްތަކުން ގަޑިއެއްގެ އިރު ތެރޭ ޑަޒަނެއްހާ އަޑު ނެރެފައިވޭ،" ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.
ދިރާސާކުރި ޓީމުން ގަހުން ނެރުނު އަޑުތަކުގެ ރެކޯޑިން އެނެލައިޒްކުރީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ އެހީގަ އެވެ. ތަފާތު ގަސްތައް ނެރޭ ތަފާތު އަޑުތައް ވަކިވަކި ކުރަން އޭއާއި އިން އެހީތެރިކަން ލިބިފައި ވެއެވެ.
ކުރިން ކޮށްފައިވާ ދިރާސާތަކުންނާއި މީހުންނަށް ހީކުރެވިފައިވާ ހީކުރުންތަކުން އެންމެންނަށް ވެސް ގަބޫލު ކުރެވިފައި އޮތީ ގަސްތަކަކީ އެއްވެސް އަޑެއް ލައްވާ އެއްޗެއް ނޫން ކަމަށެވެ. މި ދިރާސާއިން ސައިންސްވެރިން ސާބިތުކޮށްދިނީ ގަސްތައް ވެސް އަޑުއަޑު ލައްވާ ކަމެވެ. އަދި ދުނިޔޭގައި އަހަރެމެންގެ ވަށައިގެންވާ މާހައުލެއްގައިވާ އެތައް މިލިއަން ގަހަކުން އަބަދުވެސް އެތައް އަޑުތަކެއް ބޭރުކުރަމުން ގެންދާ ކަމެވެ. އަދި މި އަޑުތަކުގައި ގިނަ ގުނަ މައުލޫމާތުތައް ވެސް އެކުލެވޭ ކަމެވެ.
ދިރާސާގެ އިސް ސައިންސްވެރިޔާ ޕްރޮފެސަރު ހަޑާނީ ވިދާޅުވި ގޮތުގައި ގަސްތަކަށް ފެން މަދުވެއްޖެނަމަ އެ ވާހަކަ ވެސް ގަސްތައް ބުނެ އެވެ. އަދި އަނިޔާއެއް ލިބިއްޖެނަމަ އެ އަނިޔާއެއްގެ ވާހަކަ ވެސް ބުނެ އެވެ. އަހަރެމެން އިންސާނުންނަށް އެ އަޑުތައް އެހުމުގެ ގާބިލްކަން ލިބިފައި ނުވަނީ އެވެ.