ގަހަކީ ބަލާލަން ރީތި އަދި ހިތްގައިމު އެއްޗެއް ނަމަވެސް ބައެއް ގަހަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވާ ވަރުގެ ވިހަ ގަސް ގަހެވެ. ނަމަވެސް މަންޗިނީލް ނަމަކަށް ކިޔާ ގަހަށް ވުރެ އިންސާނުންނަށް ގެއްލުން ހުރި އެއްވެސް ގަހެއް ދުނިޔޭގައި ހުރި ނެތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މި ގަހަށް "ޓްރީ އޮފް ޑެތު" (މަރު ގަސް) ކިޔަނީ މި ސަބަބާ ހުރެ އެވެ.
ވަރަށް ބިޔަކޮށް ހެދޭ މި ގަހުގެ ވިހަކަމުން ވާރޭ ވެހޭ ދުވަހަކު މި ގަސް ދަށުގައި މީހަކު ހުރެއްޖެނަމަ ހަންގަނޑު އަނދައި ފޮޅުލާނެ އެވެ. އަދި މި ގަހުގެ މޭވާ ކައިފިނަމަ އެތެރެ ހަށިން ލޭ އައިސް ފުރާނަ ދިއުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމެކެވެ.
މަންޗިނީލް އާއްމުކޮށް ހެދިފައި ހުންނަނީ ކެރީބިއަން އާއި އެމެރިކާގެ ގޮނޑުދޮށް ހިސާބުގައި މެންގްރޯވްސް ގަސްތައް ހުންނަ ހިސާބުތަކުގަ އެވެ. މި ބާވަތުގެ ގަސް 50 ވަރަކަށް ފޫޓު މައްޗަށް ހެދިފައި ހުރެ އެވެ.
މި ގަހުންނާއި އޮފިތަކުން އަދި ފަތާއި މޭވާއިން ވެސް ވަރަށް އޮލަ ކިރެއް ފައިބަ އެވެ. މި ކިރު އިންސާނުންގެ ގައިގައި ޖެހިއްޖެނަމަ އެ ތަނަކުން ދިލަ ނަގާ ވަގުތުން ފޮޅުލާނެ އެވެ. ސަބަބަކީ މީގައި ވަރަށް ގިނަ ވިހަ ބާވަތްތައް އެކުލެވޭތީ އެވެ. ނަމަވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ އެންމެ ސީރިއަސް ރިއެކްޝަނެއް އަންނަނީ މި ގަހުގައި ހުންނަ ފޯބޮލް ކިޔާ އޯގަނިކް ކަމްޕައުންޑަކުންނެވެ. ވާރޭ ވެހޭ ދުވަސްވަރު މި ގަހުގެ ދަށުގައި ހުރުމުން އިންސާނުންގެ ފުރާނައަށް ނުރައްކާވަނީ ވާރޭ ފެނާއެކު ގަހުން ނުކުމެފައި ހުންނަ ކިރުތަކުގެ ކޮންމެވެސް މިންވަރެއް ވެސް ފައިބާތީ އެވެ. މި ފެން ޖެހޭ ތަންތަނުން ވަރަށް ގަދަޔަށް ދިލަ ނަގާ ވަގުތުން ފޮޅުލާ ކަމަށް ވެއެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގައި ވެސް މި ގަހުގެ ވާހަކަ ލިޔެފައި ވެއެވެ. ދުނިޔޭގައިވާ އެންމެ ވިހަ އަދި ނުރައްކާތެރި ގަހަކީ ޑެތު ޓްރީ ނުވަތަ މަންޗިނީލް ގަސް ކަމަށެވެ.
މި ގަސްތައް ހެދިފައި ހުންނަ ހިސާބުތަކުގައި އާންމުކޮށް ގަހުގެ ނުރައްކާތެރިކަން ބަޔާންކޮށްދޭ އިންޒާރުގެ ބޯޑުތައް ބަހައްޓާފައި ހުރެ އެވެ. އަދި މަންޗިނީލް ގަސްތަކުގައި ރަތް އަކުރުން ނުބައިރަސްގެ ލާފައި އިންޒާރު ހުރެ އެވެ.
މިފަދަ ނުރައްކާތެރި ގަހެއް ދުނިޔޭން ނައްތާނުލާ ހުރީ ކީއްވެބާއޭ ބައެއް މީހުން ހިތަށް އަރާފާނެ އެވެ. މި ގަސް ކިތަންމެ ވިހަޔަސް މި ނައްތާލެވޭކަށް ވެސް ނެތެވެ. އެ ސަރަހައްދެއްގެ އީކޯސިސްޓަމަށް މި ގަސްތައް ވަރަށް މުހިއްމެވެ. ރަށް ގިރުން ހުއްޓުވުމަށް މި ގަސް މުހިއްމު ދައުރެއް އަދާ ކުރެ އެވެ. ކެރީބިއންގެ ޖަޒީރާގައުމުތަކަށް ރަށްގިރުމުގެ މައްސަލަތައް ދިމާވެފައިވާއިރު މި ގަހަކީ އެކަމުން މި ރަށްތައް ހިމާޔާތްކޮށްދޭ އެއްޗެކެވެ.
މަންޗިނީލް ގަހުގެ ލަކުޑި އެންދިޔަސް އިންސާނުންނަށް ވަރަށް ގެއްލުންވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. އޭގެ ދުން ޖެހިއްޖެނަމަ ލޮލަށް ބޮޑެތި ގެއްލުންތައް ލިބި ލޮލުގެ ފެނުން ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މި ދުން ނޭވާލުމުގެ ނިޒާމުގެ ތެރެއިން އެތެރެ ހައްޓަށް ވާސިލު ވެއްޖެނަމަ ވާނެ ގޮތެއް ބުނެދޭން ވެސް ނޭނގޭ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.