ވަށައިގެންވާ މާހައުލަކީ ފެހިކަންގަދަ އަދި ގުދުރަތީ މާހައުލެއް ނަމަ މީހާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސް ދެއެވެ. ނަމަވެސް އަބަދު ގުދުރަތީ މާހައުލެއްގައި އުޅުމަކީ ފަސޭހަ އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ. ދުވާލުގެ ގިނަވަގުތު މިއުޅެން ޖެހެނީ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް މަސައްކަތުގަ އެވެ. އެތައްބަޔަކާއެކު އޮފީހެއްގައި ބަންދުވެގެން މަސައްކަތެއް ކުރުމުގަ އެވެ.
ސުކޫލް އުމުރުގެ ކުދިން ނަމަ އެ ކުދިން ތިބޭނީ ސްކޫލެއްގެ ކްލާހުގައި ބަންދުވެފަ އެވެ. ބަލިވެއްޖިޔާ ހޮސްޕިޓަލުން އަރައި ނުގަނެވި ނުވަތަ އެތާނގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހިފަ އެވެ. މަސައްކަތުން ބްރޭކެއް ނަގަން ކޮންމެވެސް ރަށަކަށް ޖައްސާލަން ބަލާއިރު ވެސް ގިނަ މީހުން ބަލަނީ ކޮންމެވެސް ގުދުރަތީ ރީތިކަމެއް ހުރި ތަނަކަށް ދެވޭތޯ އެވެ. ބަލަންވީ މި ތަންތަނަކީ ވެސް ވީހާވެސް ބޮޑަށް ގުދުރަތީ މާހައުލެއް ކަމުގައި ހެދޭތޯ އެވެ. އެ ތަންތަނުގައި އެކި އެކި ގަސްގަހާގެހީގެ ގަސްމުށިތައް ބެހެއްޓިދާނެ އެވެ.
ދުވާލަކު އަށް ގަޑިއެއްހާ އިރު ނުވަތަ އެއަށްވުރެ ވެސެ ގިނަ ވަގުތު ސައްކަތުގައި އޮފީހުގައި ހޭދަކުރާނަމަ މި މާހައުލަކީ ވީހާވެސް ގުދުރަތީ މާހައުލެއްކަމަށް ހެދުން މުހިއްމެވެ. އޮފީސް މާހައުލު ގުދުރަތީ ކުރުމަށް ގަސް ބަހައްޓާނަމަ، ފުރަތަމަ ކަމަކަށް 24 ގަޑި އިތުރު ވައިގެ ތެރޭހިމެނޭ ޓޮކްސިންގެ 87 ޕަސެންޓް މަދުކޮށް ދެއެވެ. އަދި ވައިގެ ހިއުމިޑިޓީ އިންސާނުން ނޭވާލާން ރިކޮމެންޑްކުރާ ރޭންޖު 30 ޕަސެންޓާއި 60 ޕަސެންޓްގައި ހިފަހައްޓައި ދެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި އޮފީހުގައި ގަސް ބަހައްޓާނަމަ އެ އޮފީހެއްގެ މުވައްޒަފުންގެ ހިޔާލު ތަނަވެސްވެ އެމީހުން އާ ހިޔާލުތައް ހުށަހަޅާވަރު 15 ޕަސެންޓަށް އިތުރެވެ. އޮފީހެއްގެ އެންމެ މުހިއްމު ތަރިކައަކީ އެ އޮފީހެއްގެ މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތުކަން ކަމުގައިވާއިރު އެ މީހުން މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް ގާއިމް ކުރުމީ ކޮންމެހެންވެސް މުހިއްމު ކަމަކެވެ. އޮފީސްތެރޭގައި ގަސް ބަހައްޓާނަމަ އޮފީހަށް ސަލާންބުނުން 15 ޕަސެންޓް އިން ފަސް ޕަސެންޓަށް ދަށްކޮށްދޭ ކަމުގައިވެސް ބައެއް ދިރާސާތަކުން ދައްކައެވެ.
ގަސް ހުންނަ މާހައުލަކީ ވަރަށް ހިއްގައިމު މާހައުލެއް ގޮތުގައި މުވައްޒަފުންނަށް ސިފަވެގެން ދެއެވެ. އަދި މުވައްޒަފުންގެ ސަލާން ބުނުމާއި، ސްޓްރެސް މަދުކޮށްދީ އުފާވެރިކަން ވެސް ގެނެސް ދެއެވެ.
ހޮސްޕިޓަލްގައި ގަސް ބަހައްޓާނަމަ ބަލި މީހުންނަށް ތަދުތަކާއި ވޭނާއި ކުރިމަތިލާން ވެސް ފަސޭހަ ވެއެވެ. މިގޮތުން ހެދި ދިރާސާއެއްގައި ގަސް ހުންނަ ކޮޓަރިއެއްގައި ތަދުތަކަށް ތަހައްމަލު ކުރުވޭވަރު އިތުރުވެގެން ގޮސްފައިވާކަމަށް ވަނީ ފާހަގަ ވެފައެވެ. މި ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން ގިނަ މީހުން ފަސް މިނެޓަށް އައިސް ފެނަށް އަތްލައިގެން ތިބެވޭ ކަމަށް ވެސް ފާހަގަ ކުރެވުނެވެ.
ސްކޫލް މާހައުލަކީ އެއް އުމުރެއްގެ އެތައް ކުދިންނެއް ކޮންމެ ދުވަހަކު ދިމާވާ މާހައުލެކެވެ. އެއީ ކުދިން ގަޔާވާ އެ ކުދިންނަށް އަމާން މާހައުލެއް ކަމުގައިވާންޖެހެ އެވެ. މި މާހައުލަށް ފުރިހަމަ ކަމެއް ގެނައުމަށް ސްކޫލްގައި ގަސް ބަހައްޓާނަމަ ދަރިވަރުންނަށް ވެސް ފައިދާތަކެއް ކުރެއެވެ. މިގޮތުން ކުދިން ސްޕެލިންގް ކިއުމާއި، ސައިންސް އަދި ހިސާބުން ފާހަގަވާ ވަރަށް ނަތީޖާ ރަނގަޅުކޮށްފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ހޮސްޕިޓާލިޓީ ނުވަތަ ޓުއަރިޒަމް ދާއިރާއަށް ބަލާއިރު ގިނައިން ގަސް ބަހައްޓާނަމަ އެތަނުގެ އޮކިއުޕަންސީ އިތުރުވާކަމަށް ވެސް ދައްކާފައިވާއިރު ކަސްޓަމަރުން އެތަނުގައި ހިތްހަމަޖެހިގެން ކޮލިޓީ ވަގުތެއް ހޭދަކުރިކަމަށް ބުނެއެވެ.
މާހައުލު ޒީނަތްތެރި ކުރުމުގައި ގަސްމުށިތަކުން ހިތްހަމަޖެހުން ގެނެސްދޭ ކަމަކަށްވާ އިރު ކޮންމެ އަހަރަކު ފަތުގެ ކޮންމެ އަކަ މީޓަރަކުން 300 ގްރާމް ކާބޮންޑައިއޮކްސައިޑް އެ ވެށިން އުނި ކޮށްދެ އެވެ.