ލައިފްސްޓައިލް

ޖެކީ ޝްރޮފް އާއި އޭނާގެ ލޯބިވާ "ސްޕައިޑާ ޕްލާންޓް"

ބޮލީވުޑް އެކްޓަރު ޖެކީ ޝްރޮފް ބައިވެރިވާ ކޮންމެ އިވެންޓަކަށް އޭނާ ދާއިރުވެސް އެކުގައި ސްޕައިޑާ ޕްލާންޓެއް ގެންދެ އެވެ. ކޮންމެ އިވެންޓެއްގައި ހުއްޓާ ޖެކީ ފެނުނަސް އޭނާ އަތުގައި މި ގަސް ހުއްޓާ ފެންނާނެ އެވެ. އަދި މިއީ ގިނަ ބަޔަކަށް މިހާރު ވަރަށް ފާހަގަ ކުރެވޭ ކަމަކަށް ވެސް ވަނީ ވެފަ އެވެ.

ޖެކީ މިގޮތަށް ކަންތައް ކުރަނީ ތިމާވެއްޓަށް އޭނާ ކުރާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި ތިމާވެށި ނުސާފުވުމުން ރައްކާތެރިވުމަށް ގަސް އިންދުމުގެ މުހިއްމުކަން އާއްމުންނަށް ވިސްނައިދިނުމަކީ ވެސް އޭނާ މިކަން ކުރުމުގެ މަގްސަދެކެވެ.

ޖެކީ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި ސްޕައިޑާ ޕްލާންޓްގެ އާދަޔާހިލާފު ރަނގަޅު ސިފަތައް ކިޔައިދީފައި ވެއެވެ. އަދި މިއީ ބެންޒީން ކަހަލަ އެލެމެންޓްސް ނައްތާލައި އޭގެ ބަދަލުގައި އޮކްސިޖަން ލިބުމަށް އެހީތެރިވެދޭ ގަހެއް ކަމަށް ޖެކީ ބުނެފައި ވެއެވެ.

ޓައިމްސް އޮފް އިންޑީއާ އަށް ދިން އިންޓަވިއު އެއްގައި ޖެކީ ބުނި ގޮތުގައި ގަސް އިންދައިގެން އޭނާ ދުނިޔެއަށް މި ކޮށްދެނީ ހެޔޮކަމެއް ނޫނެވެ. ގަސް އިންދުމަކީ އެންމެންގެ ވެސް ޒިންމާ އެކެވެ. މިހާރުއްސުރެ ގަސް އިންދުމަށް ސަމާލުކަން ނުދޭނަމަ އެންމެން އަނދައިގެން ހިނގައިދާނެކަމަށް ވެސް ޖެކީ ބުންޏެވެ.

"އަހަރެމެން މިހާރު މިހިރީ އަދުތޯ މާދަން ވެފަ. އެކަމަކު އެހެން މީހުން ވިސްނަން ޖެހޭނެ އެމީހުންގެ ދަރިންގެ ދަރިންނަށް. އަދި އޭގެ ފަހުން އަންނަ ދަރިދަރިކޮޅަށް ވެސް،" ޖެކީ ބުންޏެވެ.

ޖެކީ އިތުރަށް ބުނި ގޮތުގައި އޭނާގެ ކަރުގައި އަޅާފައި އޮންނަ ފަށުގައި ވެސް އެވަނީ އަސްލު ގަހެކެވެ. އަދި އެއީ އޭނާގެ އެކުވެރިޔަކު އަމިއްލަ އަތުން އޭނާއަށް ހަދާދީފައިވާ ޚާއްސަ އެއްޗެއް ކަމަށް ވެސް ޖެކީ ބުންޏެވެ.

"އަހަރެން ކޮންމެ ދުވަހަކު އެ ގަހަށް ފެންދެން. އަހަރެންގެ ކަރުގައި އެ އަޅަން. އެކަމަކު މީހުންނަށް އެމީހުންގެ ކާރުގަޔާއި ގޭގެ ޒީނަތްތެރިކުރުމަށްޓަކައި މިފަދަ ގަސްތައް ގޭގައި ބެހެއްޓިދާނެ. އަގުބޮޑު ބުދުތަކާއި އާޓް ޕީސްތައް ބެހެއްޓުމަށް ވުރެ މާ ރަނގަޅުވާނެ ގަސް ބެހެއްޓީމަ،" ޖެކީ ބުންޏެވެ.

އުމުރުން 66 އަހަރު ފުރިފައިވާ ޖެކީ ސްޕައިޑާ ޕްލާންޓެއް އަތުން ހިފައިގެން އިވެންޓަކަށް ގޮސް ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް ވައިރަލް ވުމުން ބައެއް މީހުން މިކަމަށް ޖޯކު ޖަހައި ވަރަށް މަޖާ ކޮމެންޓްތައް ކޮށްފައި ވެއެވެ. އެގޮތުން އެކަކު ބުނި ގޮތުގައި ޖެކީ އެކަނި މިފަހަރު ދުނިޔެ ހޫނުވުން އިދިކޮޅަށް ޖަހާނެ އެވެ.

ދާދިފަހުން ވަރަށް ގިނަ ފިލްމީ ތަރިންނާއި ފަންނާނުން ރެޑް ކާޕެޓްގައި ހިނގި އިވެންޓެއް ކަމަށްވާ ނީތާ މުކޭޝް އަމްބާލީ ކަލްޗަރަލް ސެންޓަ ލޯންޗުކުރުމުގެ އިވެންޓަށް ވެސް ޖެކީ ދިޔައީ ސްޕައިޑާ ޕްލާންޓެއް އަތުން ހިފައިގެންނެވެ.

ފިލްމީ ކެރިއަރަށް ބަލާއިރު ޖެކީ އެންމެ ފަހުން ފެނިފައިވަނީ އިޝާން ޚައްތަރު އާއި ކެޓުރީނާ ކައިފް އަދި ސިދަންތު ޗަތުރަވޭދީގެ ހޮރޯ ކޮމެޑީ "ފޯން ބޫތު" އިންނެވެ.