ޖާންވީ ކަޕޫރު އޭނާގެ މަންމަ ޝްރީދޭވީ ދެކެ އިންތިހާއަށް ލޯބިވި އެވެ. އަދި އެ ދެ މައިންނަކީ ވަރަށް ގާތް ގުޅުމެއް އޮތް ދެމައިންނެވެ.
ޝްރީދޭވީ ވަނީ 2018ގައި ޑުބާއީގެ ހޮޓަލެއްގެ ބާތު ޓަބެއްގައި ހިނގި އެކްސިޑެންޓެއްގައި ގެނބިގެން މަރުވެފަ އެވެ.
ޝްރީދޭވީގެ ކުއްލި ވަކިވުން ޖާންވީއަށް ވީ ބަރުދާސްތު ކުރަން ދަތިވި ވޭނަކަށެވެ. ނަމަވެސް އޭނާގެ އާއިލާގެ މީހުންނާއި ފިލްމު އިންޑަސްޓްރީގައި ތިބި ހެޔޮއެދޭ މީހުންގެ އެހީތެރިކަމާއެކު ޖާންވީ ދިރިއުޅުމައިގެން ކުރިއަށް ދިޔަ އެވެ. އެކަމަކު މަންމަގެ ހަނދާންތައް އަބަދުވެސް އޭނާއަށް އުދަނގޫ ކުރެ އެވެ.
ޖާންވީގެ ވަރަށް ގިނަ އިންޓަވިއު ތަކެއްގައި އޭނާގެ މަންމަގެ ވާހަކަތައް ކިޔައިދީފައި ވެއެވެ. މަންމަ މަރުވިތާ ފަސް އަހަރެއްހާ ދުވަސް ވީއިރުވެސް ޖާންވީ އަށް މަންމަގެ ހަނދާންތަކާ ދުރު ނުވެވޭކަން ދާދިފަހުން ދިމާވި ކަމަކުން ގިނަ ބަޔަކަށް އަނެއްކާވެސް ވަނީ ފާހަގަކުރެވިފަ އެވެ. އެއީ ޖާންވީ ކާރު ތެރޭގައި، އޭނާގެ ފޯނުގެ ވޯލްޕޭޕަރުގައިވާ އޭނާގެ މަންމަގެ ފޮޓޮއަށް ބަލަހައްޓައިގެން ވަރަށް ދެރަވެފައި އިންދާ ބަޔަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.
މި ވީޑީއޯ އިން ފެންނަނީ ރެސްޓޯރަންޓަކުން ނުކުމެގެން އައިސް ޖާންވީ އޭނާގެ ކާރަށް އަރާ މަންޒަރެވެ. އަދި އޭނާގެ ފޯނު ޗާޖަށް ޖެހުމުން ފޯނު ދިއްލޭ ވަގުތު އޭނާގެ މަންމަގެ ފޮޓޯ ފެނުމުން އިރުކޮޅެއް ވަންދެން އެ ފޮޓޮއަށް ބަލަހައްޓައިގެން އިންނަ ތަނެވެ.
މި ވީޑިއޯ ބަލާފައި ޖާންވީގެ ފޭނުން ބުނެފައިވަނީ ޖާންވީ މަންމަ މަތިން ހަނދާންވެ ވަރަށް ދެރަވެފައި އިން ކަމަށާއި އޭނާގެ ދެލޮލުން ދެރަވެފައިވާކަން ހާމަވާ ކަމަށެވެ.
ތަންކޮޅެއް ކުރިން ޓީވީ ޝޯ އެންކަރު ބަރްކާ ދަތު އަށް ދިން އިންޓަވިއު އެއްގައި ޖާންވީ ވަނީ މަންމައާ ނުލައި ދިރިއުޅެން ދަސްކުރި ގޮތް ކިޔައިދީފަ އެވެ.
ޖާންވީ ބުނި ގޮތުގައި ކުޑައިރުއްސުރެ މަންމައާއި އާއިލާއާއެކު އޭނާ އުޅުނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އޭނާގެ ހަޔާތުގައި ދެރަވާ ކަހަލަ އަދި ފިކުރު ކުރަން ޖެހޭ ކަހަލަ އެއްވެސް ކަމެއް ދިމަލެއް ނުވެ އެވެ.
"ކުއްލިއަކަށް މަންމަ މަރުވުމުން އިންތިހާއަށް ދެރަވެ އަހަރެންގެ ހިތުގައި ލޯވަޅެއް އެޅުނު. ނަމަވެސް ފަހުން ހިތަށް އެރި އުމުރުގައި އަދި ދުވަހަކުވެސް ހިތާމަކުރަން ޖެހޭ ކަހަލަ ކަމެއް ދިމާނުވެ ހުރެފައި މި ލިބުނީ ވަރަށް ބޮޑު ހިތާމައެކޭ. ދިރިއުޅުމުގައި ހިތާމަތައްވެސް އެއީ ލިބެން ޖެހޭ އެއްޗެކޭ. އެހެން ހިތަށް އަރާ ހިތްހަމަޖައްސާލީ،" ޖާންވީ ބުންޏެވެ.