ބޮލީވުޑް

ގިނަ ހިންދީ ލަވަތަކެއް ކިޔައިދީފައިވާ ޝާރްދާ މަރުވެއްޖެ

ފިލްމު "ސޫރަޖް"ގެ 'ތިތުލީ އުޅީ' ފަދަ ރީތި ލަވަތައް ކިޔައިދީފައިވާ އަސަރުގަދަ އަޑުގެ ވެރިޔާ ޝާރްދާ ރަންޖަން މަރުވެއްޖެ އެވެ.

އުމުރުން 89 އަހަރުގައި ޝާރްދާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށް ފަހުގައި މިދިޔަ ބުދަ ދުވަހު އެވެ.

ޝާރްދާގެ ދަރިފުޅު ސުދާ މަޑޭރާ ޕީޓީއައި ނިއުސް އަށް ދިން އިންޓަވިއު އެއްގައި ބުނީ އޭނާގެ މަންމަ އަށް ކެންސަރު ޖެހި ފަރުވާ ކުރާތާ ހައެއްކަ މަސް ދުވަސް ވެއްޖެ ކަމަށެވެ.

ޝާރްދާ އަށް ހިންދީ ފިލްމުތަކަށް ލަވަ ކިޔުމުގެ ފުރުސަތު ލިބުނީ 1966ގައި ރިލީޒްކުރި "ސޫރަޖް"ގެ 'ތިތުލީ އުޅީ' ކިޔުމުގެ ފުރުސަތު އެ ފިލްމުގެ މިއުޒިކް ޑައިރެކްޓަރު ޝަންކަރް-ޖެއިކިޝަން އޭނާއަށް ދިނުމުންނެވެ. ފިލްމުގައި އެ ލަވަ ކިޔަނީ ވިޖެންތިމަލާ އެވެ.

ޝާރްދާގެ "ތިތުލި އުޅީ"

ޝާރްދާ ވަރަށް ކުރިން ބައިވެރިވި ޝޯއެއްގައި ވާހަކަ ދައްކަމުން އޭނާ ބުނެފައިވާ ގޮތުގައި ޝަންކަރް-ޖެއިކިޝަން އަށް އޭނާގެ އަޑު އިވުނީ ޕާޓީއެއްގައި ލަވަ ކިޔަނިކޮށެވެ. އޭނާގެ އަޑު ރީތިކަމުން މުމްބައި އަށް އައިސް އަޑުގެ ޓެސްޓެއް ހަދަން ދައުވަތު ލިބުނު ކަމަށް ޝާރްދާ ބުންޏެވެ.

"ތިތުލީ އުޅީ" އޭނާއަށް ލިބުނީ ވޮއިސް ޓެސްޓުން ފާސް ވުމުންނެވެ.

އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ ފިލްމުފެއާ އެވޯޑު 1970ގައި ޝާރުދާ އަށް ލިބިފައި ވެއެވެ. އެއީ "ޖަހާނ ޕިޔާރް މިލޭ" އަށް އޭނާ ކިޔައިދިން ކެބެރޭ ލަވަ "ބާތު ޒަރާ ހޭ އާޕަސް ކީ" ލަވައިންނެވެ. މިއީ ހެލަންގެ ވަރަށް ފަރި ނެށުމެއް ނަށާ ލަވަ އެކެވެ.

މި ނޫނަސް 1960ގެ އަހަރު ތަކާއި 70ގެ އަހަރު ތަކުގައި ރިލީޒްކުރި ވަރަށް ގިނަ ފިލްމުތަކަށް ޝާރްދާގެ ރީތި އަޑުން ލަވަތައް ކިޔައިދީފައި ވެއެވެ.