ބޮލީވުޑް

އެކަނިވެރި ކަމަށް، ފިލަން ލަތާ ބޭނުންވި: ދަރުމެންދުރަ

ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް މި ދުނިޔެއާ ވަކިވުމުން ބޮލީވުޑް ފަންނާނުންނާއި ގިނަ އަދަދެއްގެ ލަތާ ފޭނުން ދަނީ އެކަމުގެ ހިތާމަ ކުރަމުންނެވެ. ލަތާގެ 70 އަށް ވުރެ ގިނަ އަހަރުވީ މިއުޒިކް ކެރިއަރުގައި އެތައް ބަހަކުން ލަވަ ކިއުމުގެ އިތުރުން ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެތައް ބައެއްގެ ގަދަރާއި ލޯބި ވެސް ވަނީ ހޯދާފަ އެވެ. އޭނާގެ ސާދާކަމާއި އެހެން މީހުންނާ ދޭތެރޭ އަޅާލާ މިންވަރުންނެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރަ އާއި ލަތާގެ ވެސް ގާތް ގުޅުމެއް އޮންނަތާ ވަރަށް ގިނަ ދުވަސް ތަކެއް ވަނީ ވެފަ އެވެ. ނަމަވެސް ލަތާގެ ޖަނާޒާއިން ދަރުމެންދުރަ ނުފެނުމުން ބައެއް މީހުން އެކަމާ ސުވާލު އުފެއްދި އެވެ.

އާޖްތަކް ޓީވީއަށް ދިން އިންޓަވިއު އެއްގައި ދަރުމެންދުރަ ބުނީ ލަތާގެ ޖަނާޒާއިން ނުފެނުނީ އެތަނަށް ދާނެ ހިތްވަރު ނުލިބިގެން ކަމަށެވެ. ތިން ފަހަރެއްގެ މަތިން އޭނާ ޖަނާޒާއަށް ދާން ތައްޔާރުވެގެން ނުކުތް ކަމަށާއި ކޮންމެ ފަހަރަކުވެސް ހިތްވަރު ނެތިގެން އަނބުރާ ގެއަށް ވަންނަނީ ކަމަށް ދަރުމެންދުރަ ބުންޏެވެ.

"ލަތާގެ ވަކިވުމުން މުޅި ދުނިޔެ ވެސް ދެރަވި،" ދަރުމެންދުރަ ކުރި ޓުވީޓެއްގައި ވެއެވެ.

ދަރުމެންދުރަ ވަނީ އޭނާ އާއި ލަތާގެ އޮތް ގާތް ގުޅުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ލަތާގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި އޭނާއާ ވަރަށް ގާތް ގުޅުމެއް އުފެދިފައި ވެއެވެ.

"އެކަނިވެރިކަމުން ދުވެ ފިލަން ލަތާ ބޭނުންވި،" ދަރުމެންދުރަ ބުންޏެވެ.