ބޮލީވުޑް

މިއުޒިކް ޑައިރެކްޓަރު އާދޭޝްގެ ބައޮޕިކް އޭނާގެ ދަރިފުޅަށް

މީގެ އެތައް އަހަރެއް ކުރިން މަރުވެފައިވާ މިއުޒިކް ޑައިރެކްޓަރު އާދޭޝް ސްރީވާސްތަވާގެ ބައޮޕިކް އޭނާގެ ފިރިހެން ދަރިފުޅު އަވިތޭޝް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމުގައި އަވިތޭޝް ކުޅެނީ އޭނާގެ ބައްޕަގެ ކެރެކްޓާ އެވެ.

ބައްޕައިންގެ ދުވަހާ ދިމާކޮށް މި ފިލްމު އިއުލާން ކޮށްފައިވާއިރު މި ފިލްމުގައި ދައްކާނީ އާދޭޝްގެ ހަޔާތުގެ ޅަ ދުވަސްތަކާއި އޭނާގެ ލޯބީގެ ހަޔާތެވެ.

އާދޭޝްގެ ލޯބިވެރިޔާ އަކީ އަދި ހަޔާތުގެ ބައިވެރިޔާ އަކީ "ލަވް ސްޓޯރީ"އިން ކުމާރް ގޯރަވް އާއެކު ބޮލީވުޑަށް ތައާރަފްވީ ބަތަލާ ވިޖޭތާ ޕަންޑިތު އާއެވެ. ވިޖޭތާ އަކީ މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ޖަތިން-ލަލިތުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެކެވެ.

ވިޖޭތާ އާއި އާދޭޝްއަށް ދެ ފިރިހެން ދަރިން ލިބިފައިވެ އެވެ. އޭގެ ތެރެއިން އާދޭޝްގެ ބައޮޕިކް ކުޅެނީ ހަގު ފިރިހެން ދަރިފުޅެވެ.

އުމުރުން 51 އަހަރުގައި ކެންސަރު ޖެހިގެން އާދޭޝް މަރުވީ 2015 ވަނަ އަހަރު އެވެ. އާދޭޝް ވަނީ މިއުޒިކް ޑައިރެކްޓަރެއްގެ ގޮތުގައި ވަރަށް ރީތި ގިނަ ލަވަތަކެއް ހިންދީ މިއުޒިކް އިންޑަސްޓްރީއަށް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި އަމީތާބުގެ ގިނަ ފިލްމުތަކަކަށް އޭނާ ތައްޔާރުކޮށްދީފައިވާ މިއުޒިކް ހިމެނެ އެވެ.

ބައްޕަގެ ބައޮޕިކް އަކީ އަވިތޭޝް ކުޅޭ ފުރަތަމަ ފިލްމެއް ނޫނެވެ. "ސިރްފް އެކް ފްރައިޑޭ" ކިޔާ ފިލްމަކުން އަވިތޭޝް ވަނީ ބޮލީވުޑަށް ތައާރަފްވެފަ އެވެ. އަދި ބައްޕަ ފަދަ މިއުޒީޝަނަކަށް ވުމުގެ ހުވަފެންވެސް އާދޭޝް ދެކެ އެވެ.

ލަވަކިޔުންތެރިޔެއްގެ ގޮތުގައި އަވިތޭޝް ވަނީ 2020ގައި "ޔާދޭން" ކިޔާ ސިންގަލް އެއް ނެރެފަ އެވެ. މި ލަވައިގެ މިއުޒިކް ތައްޔާރުކޮށް ލިރިކްސް ލިޔެފައިވަނީ ވެސް އަވިތޭޝް އަމިއްލަ އަށެވެ.