ބޮލީވުޑް

2022: މިއުޒިކް އިންޑަސްޓްރީއަށް ހިތާމަވެރި އަހަރެއް

މި ފާއިތުވީ 2022 ވަނަ އަހަރަކީ ބޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީއަށް ހީނުކުރާ ވަރުގެ ބޮޑު ހިތާމާއެއް ލިބުނު އަހަރެކެވެ.

ގިނަ އަދަދެއްގެ މިއުޒީޝަނުން ދުނިޔެ ދޫކޮށްފައިވާތީ އެވެ. މިއުޒިކްގެ ގޮތުން އެންމެ ފުންނާބު އުސް ބައެއް ޝަހަސިއްޔަތުން މިދިޔަ އަހަރު ދުނިޔެއަށް އަލްވަދާއު ކިޔާފައި ވެއެވެ.

މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ޝަހްސިއްޔަތަކީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް އެވެ. "ނައިޓީންގޭލް އޮފް އިންޑިއާ"ގެ ނަމުން މަޝްހޫރުވެފައިވާ ލަތާ އުމުރުން 92 އަހަރުގައި މި ދުނިޔެ ދޫކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.

ލަތާ މަރުވީ ކޮވިޑް ބަލީގަ އެވެ. ލަތާގެ ކުރިންވެސް އަދި ފަހުންވެސް އެ ވަރުގެ ލަވަކިޔުންތެރިޔަކު ނޫފެދޭނެ ކަމަށާއި އޭނާއާ ކައިރިކުރާވަރަށް ވެސް ލަވަ ކިޔޭނެ މީހަކު ނެތް ކަމަށް އިންޑިއާގެ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ބައްޕީ ލެހެރީ ވެސް މަރުވީ މިދިޔަ އަހަރު އެވެ. ޑިސްކޯ ކިންގްގެ ނަމުން މަޝްހޫރުވެފައިވާ ބައްޕީ މަރުވީ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ބައްޕީ ވަނީ މިއުޒިކް ތައްޔާރުކޮށްދީ ލަވަ ކިޔައިދީފަ އެވެ. މީގެތެރޭގައި "ޑިސްކޯ ޑާންސާ"، "ޗަލްތޭ ޗަލްތޭ"، "އާޕް ކީ ޚާތިރު"، ހިމެނެ އެވެ.

ޕަންޖާބުގެ ޒުވާން ލަވަކިޔުންތެރިޔާ ސިދޫ މޫސާ ވާލާ ވެސް މި ދުނިޔެއަށް އަލްވަދާއު ކީ މިދިޔަ އަހަރު އެވެ. ސިދޫ މަރުވީ އިންޑިއާގެ ބޮޑު ގޭންގަކަށް ނިސްބަތްވާ ބަޔަކު ބަޑިން ދިން ހަމަލައިގައި މިދިޔަ އަހަރު މޭ 29 ވަނަ ދުވަހު އެވެ.

ސިދޫ އަކީ އިންޑިޔާގެ އިތުރުން މުޅި ދުނިޔޭގައި ވެސް މަޝްހޫރުވަމުން އައި ރެޕް ލަވަކިޔުންތެރިއެކެވެ. އަދި އޭނާގެ ޖެނެރޭޝަންގެ މިއުޒީޝަނުންގެ ތެރެއިން އެންމެ މޮޅު އެއް އާޓިސްޓެވެ.

"ތަޅަޕް ތަޅަޕް ޕެ ދިލް ސޭ" ފަދަ ރީތި ލަވަތައް ކިޔައިދީފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިޝްނަކުމާރު ކުންނަތު (ކޭކޭ) ވެސް ވަނީ ވަރަށް ކުއްލިގޮތަކަށް މި ދުނިޔެއާ ވަކިވެފަ އެވެ. ޖޫން ދެވަނަ ދުވަހު ކޭކާ މަރުވީ ކަލްކަތާގައި އޮތް ކޮންސެޓެއްގައި ލަވަކިޔަން ހުއްޓާ މެޔަށް އުނދަގޫތަކެއް ވާތީ ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

އުމުރުން 53 އަހަރުގެ ކޭކޭ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ކޮމްޕޯސަރެއް ވެސް މެއެވެ. އޭނާ މިއުޒިކް އިންޑަސްޓްރީއަށް ތައާރަފްވީ 1999ގައި ރިލީޒްކުރި "ޕަލް" އިންނެވެ. އޭގެ ފަހުން "ހަމް ދިލް ދޭ ޗުކޭ ސަނަމް"ގެ ލަވަތަކާއި މި ނޫންވެސް ބޮލީވުޑްގެ ގިނަ އަދަދެއްގެ ފިލްމުތަކަށް އޭނާ ލަވަ ކިޔައިދީފައި ވެއެވެ.