ބޮލީވުޑް

ބައްޕީ ލެހެރީ އާއި އޭނާގެ "ރަން" ލޯބި!

އިއްޔެ މި ދުނިޔެއާ ވަކިވެފައިވާ އިންޑީޔާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ބައްޕީ ލެހެރީގެ ރީތި ލަވަތަކާއި އެއްވަރަށް އޭނާގެ ރަނުގެ ގަހަނާ ދެކެ ވާ ލޯބި ވެސް މަޝްހޫރެވެ. ސަބަބަކީ ބައްޕީ އަކީ އަބަދުވެސް އޭނާ އެ އަޅާ ހެދުމަކާއެކު ގިނަ އަދަދެއްގެ ރަން ގަހަނާތައް ބޭނުންކުރާ މީހަކަށް ވާތީ އެވެ.

ބައްޕީ ފެންނައިރު އެންމެ ފުރަތަމަ ވެސް މީހުން އަޅައިގަންނާނީ އޭނާ އަޅާފައި ހުންނަ ބޮޑެތި ފަލަ ރަން ފަށްތަކާއި ލޮކެޓު ތަކުގަ އެވެ. އެ އެއްޗެތި ނާޅާ ހުއްޓާ އެއްގޮތަކަށް ވެސް ބައްޕީއެއް ނުފެންނާނެ އެވެ.

ބައެއް މީހުން އޭނާއަށް މިކަމާ ވަރަށް މަލާމާތްވެސް ކުރެ އެވެ. ނަމަވެސް މީހުންގެ މަލާމާތަކަށް ބައްޕީ މާ ބޮޑަކަށް ސަމާލުކަމެއް ނުދެ އެވެ. މަޖަލަކަށް ހަދާލާފައި އޭނާ އެ މަލާމާތް އޮއްބާލަ އެވެ.

ބައްޕީ ރަނުގެ ގަހަނާ އަޅަން ދެވި ހިފި ގޮތް އެނގޭ ހެއްޔެވެ؟ އޭނާ މިކަމަށް ދެވިހިފީ އެމެރިކާގެ ރޮކް-ސްޓާ އެލްވިސް ޕްރެސްލީ މިގޮތަށް ރަނުގެ ގަހަނާތައް އަޅާތަން ފެނިގެން އޭނާ ކޮޕީކުރަން ކުރި މަސައްކަތުންނެވެ.

އެލްވިސް ޕްރެސްލީގެ ރަން ޒަމާނުގައި ހޮލީވުޑްގައި އޭނާ މި ރަނުގެ ގަހަނާތައް ވަރަށް މަޝްހޫރު ވެފައި ވެއެވެ.

"އަހަންނަކީ އެލްވިސް ޕްރެސްލީގެ ވަރަށް ވަރަށް ބޮޑު ފޭނެއް. އަދި އޭނާ ވަރަށް ބޯޑަށް ފޮލޯ ކުރަން. އަހަރެން އެންމެ ކުރިން ވެސް ހިތަށް އަރާ ލަވަކިޔުމުގެ ރޮނގުން އަހަންނަށް ރަނގަޅު މަގާމަކަށް ދެވިއްޖިއްޔާ އެލްވިސް ހޯދި ކަހަލަ ތަފާތު އިމޭޖެއް ހޯދާނަމޭ. އެހެންވެ އަހަރެން "ރަނުގެ" އިމޭޖެއް ގާއިމްކުރީ،" ބައްޕީގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ރަން އަޅަން ފެށުނުގޮތް ކިޔައިދެމުން ބައްޕީ ބުނި ގޮތުގައި އޭނާގެ ފުރަތަމަ ބްލޮކްބަސްޓާ އަކަށް "ޒަޚްމީ" ވުމުން އޭނާގެ މަންމަ ބޮޑު ލޮކެޓެއް ލާފައި އިން ރަން ފަށެއް އޭނާއަށް ހަދިޔާއަކަށް ދިނެވެ. އަދި މަންމަ އެ ފަށް އޭނާގެ ކަރުގައި އަޅުވާފައި މި ފަށުގެ ސަބަބުން އޭނާއަށް ނަސީބު ގޮތްތައް މެދުވެރިވާނެކަމަށް ބުންޏެވެ.

އޭގެ ފަހުން އޭނާއަށް ލިބުނު ކޮންމެ ބޮޑު ކާމިޔާބަކާއެކު އޭނާގެ ކަރަށް ރަން ފަށްތައް އިތުރުވަމުން ދިޔަ އެވެ. ސަބަބަކީ އޭގެން ކޮންމެ ކާމިޔާބަކާއެކު އާއިލާގެ މީހުން އޭނާއަށް ރަން ހަދިޔާ ކުރަމުން ދިޔައިމަ އެވެ.

"މަންމަ މަރުވި ފަހުން ރަން ފަށެއް ހަދިޔާކުރީ އަންހެނުން ޗިތުރާ. އޭނަ ދިން ފަށުގައި ވެސް ވަރަށް ވަރުގަދަ ލޮކެޓެއް އިން. އެއީ 1977 ގައި އަހަރެންގެ އުފަން ދުވަސް ފާހަގަ ކުރިއިރު އަންހެނުން ދިން ފަށެއް. އޭގެ ފަހުން އަހަރެންގެ ކޮންމެ ފިލްމަކަށް ލިބޭ ކާމިޔާބަކާއެކު ފަށެއް އިތުރުވަމުން ދިޔައީ،" ބައްޕީ ބުނެފައި ވެއެވެ.

މައިކަލް ޖެކްސަން އިންޑިޔަ އަށް ކުރި ދަތުރެއްގައި ވެސް ބައްޕީގެ ކަރުގައި އޮތް ފަށެއް ވަރަށް ރީތިވެގެން އުޅުނުކަމަށް ބައްޕީ ބުންޏެވެ. އަދި ބައްޕީ "ޑިސްކޯ ޑާންސާ"އަށް މިއުޒިކް ތައްޔާރުކޮށްދިން "ޖިމީ ޖިމީ" ވެސް މައިކަލް ޖެކްސަން އަށް ވަރަށް ކަމުދިޔަ ކަމަށް ބައްޕީ ބުންޏެވެ.

"މައިކަލް އަހަރެން ކައިރީ އެ ދަތުރުގައި އެހި ތިޔައީ ކޮމްޕޯޒާ އެއްހޭ. އަހަރެން ބުނިން އާނއެކޭ 'ޑިސްކޯ ޑާންސާ"ގެ މިއުޒިކް ތައްޔާރުކުރީ މަށޭ. ބުނީމަ ބުނި އެހެން ހެއްޔޭ؟ މަށަށް 'ޖިމީ ޖިމ' އެ ލަވަ ވަރަށް ރީއްޗޭ،" ބައްޕީ ކިޔައިދީފައި ވެއެވެ.