ޖާންވީ ކަޕޫރު

އެއްވެސް މީހަކަށް ޑިޕެންޑް ނުވާން މަންމަ އެދުނު: ޖާންވީ

ކުޅަދާނަ ބަތަލާ ޝްރީދޭވީ ވަނީ 2018 ގައި ވަރަށް ކުއްލި ގޮތަކަށް މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. އެމީހުންގެ ހަޔާތުގައި އޭނާ ނެތްތަން ފޫބެއްދުމަކީ އޭނާގެ ދަރިންނާއި ފިރިމީހާއަށް ދުވަހަކު ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ހާއްސަކޮށް ދޮށީ ދަރިފުޅު ޖާންވީ ކަޕޫރަށް އޭނާގެ މަންމަގެ ހަނދާންތަކާ ވަކިވުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. ކޮއްކޮ ޚުޝީ އަށް ވުރެ ވެސް މަންމަ އާ ގާތްކޮށް އުޅެފައި ވަނީ ޖާންވީ ކަމަށް ވާތީ އެވެ.

ޝްރީދޭވީގެ މަރަށް ތިން އަހަރު ފާއިތުވީއިރު ވެސް ޖާންވީ އަށް މަންމަގެ ހަނދާންތައް އަބަދު ވެސް އުނދަގޫކުރެ އެވެ. ސޯޝަލް މީޑިއާގައި ދޭތެރެއަކުން އޭނާ މަންމަ އާއެކު ނަގާފައި ހުރި ފޮޓޯތައް ޝެއާކުރަނީ އެހެންވެ އެވެ.

ވަރަށް ފަހުން އިންޑިޔާ ނޫހަކަށް ޖާންވީ ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ މަންމަ ދީފައިވާ ބައެއް ނަސޭހަތްތައް ހިއްސާ ކުރި އެވެ. ޖާންވީ ބުނީ އާލިއާ ބަޓް، ސާރާ އަލީ ހާން އަދި ކޮއްކޮ ޚުޝީ ފަދަ ޒުވާން އަންހެނުން އެހެން މީހުންނަށް ޑިޕެންޑް ނުވެ އަމިއްލަ ހިތްވަރާއި މަސައްކަތުން ކުރިއަރައިގެން ދާތަން ފެނުމުން އޭނާއަށް ވެސް ހިތްވަރު ލިބެ އެވެ. އޭނާގެ މަންމަގެ ނަސޭހަތަކީ ވެސް އެއީ އެވެ.

"މަންމަ އަބަދު ވެސް ބުނޭ އެހެން މީހުންނަށް ޑިޕެންޑް ނުވައްޗޭ. އަމިއްލަ އައިޑެންޓިޓީއެއް ހޯދައްޗޭ. އާލިއާ އާއި ސާރާ ފަދަ ބަތަލާއިންގެ މިސާލު ދައްކަމުން މަންމަ ބުނި އެމީހުން ފަދައިން އަމިއްލަ މަސައްކަތުން ކުރިއަރަން މަސައްކަތް ކުރާށޭ،" ޖާންވީ ބުންޏެވެ.

ޖާންވީގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކޮށްފައިވަނީ "ރޫހީ" އެވެ. ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާ ބަތަލުގެ ބައި ކުޅެފައިވާ މި ފިލްމަށް ކްރިޓިކްސް އާއި ބެލުންތެރިން ވަރަށް ރަނގަޅު ތަރުހީބެއް ދިނެވެ.

އޭނާ މިހާރު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްވާނެކަމަށް ބެލެވެނީ "ގުޑް ލަކް ޖެރީ" އެވެ. އަދި "ދޯސްތާނާ 2"ގެ މަސައްކަތް ވެސް ޖާންވީ ވަނީ ފަށާފަ އެވެ.