ބޮލީވުޑް

ބެސްޓް ފްރެންޑް ސަތީޝްގެ ދަރިފުޅު ގޮވައިގެން އަނޫޕަމް ސަޔަށް

ވަފާތެރި ގާތް އެކުވެރިންނަކީ ވަރަށް މަދު މީހަކަށް ނޫނީ ލިބޭ އެއްޗެއް ނޫނެވެ. ޚާއްސަކޮޮށް ތިމާ ދުނިޔެ ދޫކޮށް ދިއުމަށްފަހު ތިމާގެ އާއިލާއަށް އަޅާލާ އެހީތެރިވާ އެކުވެރިން ވަރަށް މަދެވެ. ނަމަވެސް މިއާ ޚިލާފަށް އެކުވެރިޔާގެ އާއިލާއަށް ވީވަރަކުން ހެޔޮކޮށް ހިތާ ކަންކަން ކޮށްދީ އެމީހުންގެ ހިތާމައިގައި ބައިވެރިވާ މީހުންވެސް މަދުން ނަމަވެސް ފެނެ އެވެ. ދާދިފަހުން މަރުވެފައިވާ އެކްޓަރު-ޑައިރެކްޓަރު ސަތީޝް ކޯޝިކް އާއި އެކްޓަރު އަނޫޕަމް ކޭރް އަކީ ބެސްޓް ފްރެންޑުންގެ ގޮތުގައި ވަރަށް ގިނަ ޒަމާންތަކެއް އުޅެފައިވާ ދެ އެކުވެރިންނެވެ.

"ތެރެ ނާމް"ގެ ޑައިރެކްޓަރު ސަތީޝްގެ ކުއްލި މަރާއެކު އޭނާގެ އަންހެނުން ސަޝީ އާއި ހުރި ހަމައެކަނި ދަރިފުޅު ވަންޝިކާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ އެމީހުންގެ ހާލު ބަލަމުން ދަނީވެސް އަނޫޕަމް އެވެ. އެގޮތުން ވަންޝިކާއާ އެކު ވަރަށް ގިނަ ވަގުތު އަނޫޕަމް ހޭދަކުރެ އެވެ.

ވަންޝިކާ އަކީ ކުޑަ ކުއްޖަކަށް ވެފައި ބައްޕަގެ ކުއްލި މަރުން އޭނާއަށް ފުން އަސަރުތަކެއް ކޮށްފައިވާތީ އެވެ.

ވަންޝިކާ ގޮވައިގެން ހެނދުނު ސަޔަކަށް ރެސްޓޯރަންޓަކަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް އަނޫޕަމް އިއްޔެ ސޯޝަލް މީޑީއާގައި ޝެއާ ކޮށްފައި ވެއެވެ. އެ ރެސްޓޯރަންޓަކީ ވަންޝިކާ ގޮވައިގެން އޭނާގެ ބައްޕަ ވަރަށް ގިނައިން ގޮސް އުޅުނު ތަނެކެވެ.

މި ފޮޓޯ ޝެއާ ކުރަމުން ވަންޝިކާ ލިޔެފައިވާ ގޮތުގައި ބައްޕަ ވަކިވެ ދިއުމަށްފަހު އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުންދަނީ 'އަނޫޕަމް އަންކަލް'ގެ ފަރާތުންނެވެ.

މި ވީޑީއޯ އަށް ގިނަ ބަޔަކު ކޮމެންޓުކުރިއިރު އެންމެންވެސް ބުނެފައިވަނީ ގާތް އެކުވެރިޔާގެ ދަރިފުޅަށް އަނޫޕަމް ދެމުންދާ ލޯތްބަކީ މިސާލެއް ކަމަށާއި މި ފޮޓޯތައް ބަލާފައި ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި މިފަދަ އެކުވެރިން މިހާރު ވަރަށް މަދުވާނެ ކަމަށްވެސް ބައެއް މީހުން ކުރި ކޮމެންޓުގައި ވެއެވެ.

ވަންޝިކާ އަކީ ސަތީޝްގެ ދެވަނަ ދަރިފުޅެވެ. ދޮއްޓަށް ލިބުނު ފިރިހެން ދަރިފުޅު ވަނީ އުމުރުން ދެ އަހަރުގައި މަރުވެފަ އެވެ.