ބޮލީވުޑް

ބަތަލާ ތުނީޝާ މަރުވެފައި ހުއްޓާ ފެނުނު "ދާސްތާން-އޭ-ކާބުލް" ސެޓް އަނދާ ހުލިވެއްޖެ

ޓީވީ ސިލްސިލާ "އަލީ ބާބާ: ދާސްތާން-އޭ-ކާބުލް" ފެށީއްސުރެ އެކި ކަހަލަ މައްސަލަތައް ކުރިމަތިވަމުން ގޮސްފައި ވެއެވެ. އެގޮތުން އެ ސިލްސިލާގައި ޝެހެޒާދީ މަރިއަމްގެ ރޯލު އަދާކުރި ބަތަލާ ތުނީޝާ ޝަރުމާ އެ ސިލްސިލާގެ ޝޫޓިން ބާއްވަމުންދިޔަ ސެޓުގެ މޭކަޕް ރޫމްގައި އަމިއްލައަށް މަރުވެފައި ހުއްޓާ ފެނިފައި ވެއެވެ.

ތުނީޝާ މަރުވެފައި ހުއްޓާ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ.

ތުނީޝާގެ މަރުގެ ތުހުމަތު އޭނާގެ މަންމަ އެޅުވީ އެ ސިލްސިލާގައި ބަތަލުގެ ބައި ކުޅުނު އެކްޓަރު ޝީޒަން ޚާންގެ ބޮލުގަ އެވެ.

ތުނީޝާގެ މަންމަ ފުލުހުން ކައިރީ ބުނީ ތުނީޝާ މަރުވީ ޝީޒަން އޭނާއަށް ބޭވަފާތެރިވެ ރުޅިވުމުން ކަމަށެވެ.

ތުނީޝާގެ މަންމަގެ ތުހުމަތުތައް ބަލަން މުމްބައި ފުލުހުން ޝީޒަން ހައްޔަރުކޮށް ދެ މަހަށް ވުރެ ގިނަ ދުވަހު ޖަލުގައި ބަހައްޓާފައި ވެއެވެ.

ޝީޒަން މިނިވަން ވެފައިވަނީ މާޗް ފަސްވަނަ ދުވަހު އެވެ. އަދި މިހާރު ޝީޒަން ގެންދަނީ ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ޚަތުރޯންކޭ ކިލާޅީ"ގެ 13 ވަނަ ސީޒަންގައި ބައިވެރިވުމަށް އާޖެންޓީނާ އަށް ފުރަން ތައްޔާރުވަމުންނެވެ.

މި ސިލްސިލާ އަކީ މިހާރުވެސް ދައްކަމުންދާ ސިލްސިލާއަކަށް ވާތީ ޝޫޓިން ކުރިއަށް ގެންދެވޭނެ އެހެން ގޮތެއް ނެތިގެން ސިލްސިލާގެ ލީޑް ރޯލަށް އާ އެކްޓަރުން ލައިގެން ޝޫޓިން ކުރިއަށް ގެންދަނިކޮށް މިދިޔަ ހުކުރު ދުވަހު ވަނީ އެ ސިލްސިލާ ޝޫޓްކުރަމުންދިޔަ ސެޓުގައި ވަރަށް ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި މުޅިތަން އަނދާ ހުލިވެފަ އެވެ.

މަހަރަޝްތުރާގެ ޕަލްގާރް ޑީސްޓްރިކްޓްގައި ހުންނަ މި ފިލްމު ސްޓޫޑިއޯގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ.

ފަޔާ ބްރިގޭޓް އޮފިޝަލުން ބުނި ގޮތުގައި މި ސްޓޫޑިއޯގައި ރޯވެފައިވަނީ ހުކުރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.