ބޮލީވުޑް

"ގަބޫލު ހޭ"ގެ އެކްޓަރު ނިޝީ ސިންގް މަރުވެއްޖެ

މަޝްހޫރު ޓީވީ ސިލްސިލާ "ގަބޫލު ހޭ"ގައި މުހިއްމު ރޯލެއް އަދާކުރި ބަތަލާ ނިޝީ ސިންގް މަރުވެއްޖެ އެވެ.

އޭނާ މަރުވީ 50 ވަނަ އުފަން ދުވަސް ފާހަގަކުރިތާ ދެ ދުވަސް ފަހުންނެވެ. ނިޝީއަށް ސީރިއަސް ސިއްހީ މައްސަލަތަކެއް ދިމާވެ 2020 ވަނަ އަހަރުން ފެށިގެން އުޅެނީ ވަރަށް ބަލިވެ އެވެ.

އެ އަހަރުގެ މޭ މަހު އޭނާއަށް ސްޓްރޯކެއް ޖެހި ހާލު ވަރަށް ސީރިއަސް ވިއެވެ. ނިޝީގެ ބޭސް ފަރުވާގެ ޚަރަދުތައް ބޮޑުވެގެން ގޮސް ފާއިތުވީ ދެ އަހަރު ތެރޭ އޭނާގެ އާއިލާ ވަނީ ވަރަށް ބޮޑަށް ދަރާފަ އެވެ.

ނިޝީގެ ފިރިމީހާ ސަންޖޭ ސިންގް ބަޑްލީ އަކީ ލިޔުންތެރިއެއް އަދި އެކްޓަރެކެވެ.

އިންޑިއާ ޓައިމްސް އާ ވާހަކަ ދައްކަމުން ނިޝީގެ ފިރިމީހާ ސަންޖޭ ބުނީ 2020ގައި ސްޓްރޯކް ޖެހުނު ފަހުން ނިޝީގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވި އެވެ. ނަމަވެސް ދެ ވަނަ ސްޓްރޯކެއް މިއަހަރުގެ މޭ މަހު ޖެހުމުން ހާލު މާ ބޮޑަށް ގޯސްވީ އެވެ.

ސަންޖޭ ބުނި ގޮތުގައި ޓީވީގައި ނިޝީ އާއި އޭނާ އާއެކު މަސައްކަތްކުރި ސުރްބީ ޗަންދްނާ ފަދަ ފަންނާނުން ފައިސާގެ ގޮތުން އެމީހުންނަށް އެހީތެރިވި އެވެ. ނަމަވެސް ނިޝީ ބަލިވެގެން ފާއިތުވީ ދުވަސްތަކުގައި އޭނާއަށް އެއްވެސް މަސައްކަތެއް ނުކުރެވި ގޭގައި ހުންނަން ޖެހުމުން އަތްމަތި މާ ބޮޑަށް ދަތިވީ އެވެ.

"ނިޝީގެ ބޭސް ފަރުވާ ހަމަޖެއްސީ ގެއާއި ކާރު ވެސް ވިއްކާލައިގެން. މިހާރު އަތުގައި ހަމަ އެކައްޗެއް ވެސް ނެތް،" ސަންޖޭ ބުންޏެވެ.

"ގަބޫލު ހޭ"ގެ އިތުރުން ނިޝީ ވަނީ "ހިޓްލަރު ދީދީ"، "އިޝަގްބާޒް" އަދި "ޓެނާލީ ރާމާ"ގައި މުހިއްމު ރޯލުތަކެއް ކުޅޭފަ އެވެ.
ނިޝީ އާއި ސަންޖޭގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު އެބަ ތިއްބެވެ.