ބޮލީވުޑް

ސިދާރްތަށް ޝެހެނާޒްގެ "ލޯބީގެ ސަލާމް"

ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 15 ވަނަ ސީޒަންގެ ނިމުން އަންނަ ހަފުތާ ބަންދުގައި ބާއްވަން ހަމަޖެހިފައިވާއިރު ގްރޭންޑް ފިނާލޭގައި ޕާފޯމްކުރާ އެއް ފަންނާނަކީ ބަތަލާ އަދި ލަވަކިޔުންތެރިޔާ ޝެހެނާޒް ގިލް އެވެ. "ބިގް ބޮސް" ގެ ކުރީ ސީޒަންގައި ޝެހެނާޒް ބައިވެރިވެފައި ވެއެވެ. އަދި ދާދިފަހުން މަރުވެފައިވާ އެ ސީޒަންގެ އެއްވަނަ ހޯދި އެކްޓަރު ސިދާރްތު ޝުކްލާ އާއި ޝެހެނާޒްގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ ވެސް "ބިގް ބޮސް" ގެ ގޭގައި އެމީހުން ތިބި ދުވަސްވަރު އެވެ.

ސިދާރްތުގެ ކުއްލި މަރާއެކު ފުން އަސަރުތަކެއް ކޮށް ހިތާމައިގައި ގިނަ ދުވަސްތަކަކު އުޅުމަށްފަހު ޝެހެނާޒް މިހާރު ވަނީ އަނެއްކާވެސް ހިތްވަރާއެކު ކުރިޔަށް ދާން ފަށާފަ އެވެ. އެގޮތުން އޭނާ "ބިގް ބޮސް 15" އިގެ ގްރޭންޑް ފިނާލޭގައި ބައިވެރިވާން ނިންމީ އެވެ.

ގްރޭންޑް ފިނާލޭގައި ޝެހެނާޒް އާކުރާނީ ސިދާރްތުގެ ހަނދާންތަކެވެ. އޭނާގެ ޕާފޯމަންސް އަކީ ސިދާރްތު އަށް ފޮނުވާ ލޯބީގެ ސަލާމެކެވެ.

ޝެހެނާޒްގެ "ތޫ ޔެހީ ހޭ"


ސިދާރްތުގެ ހަނދާނުގައި އޭނާއަށް ޓްރިބިއުޓް ދިނުމުގެ ގޮތުން ޝެހެނާޒް ވަނީ ޚާއްސަ ލަވައެއް ވެސް ކިޔައި އެ ލަވައިގެ ވީޑިއޯ ޔޫޓިއުބުގައި ރިލީޒްކޮށްފަ އެވެ. "ޔޫ ޔެހީން ހޭ" ނަމަކަށް ކިޔާ މި ލަވަ ވަނީ ޔޫޓިއުބުގައި މިހާތަނަށް އެއްވެސް ލަވައެއް މުގުރާ ނުލެވޭ ރެކޯޑްތައް މުގުރާފަ އެވެ.

އިއްޔެ ކަލާޒް ޓީވީގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުން "ބިގް ބޮސް 15" ގެ ގްރޭންޑް ފިނާލޭގެ ޕްރޮމޯޝަނެއް ޝެއާ ކޮށްފައިވާއިރު ބިގް ބޮސް 13 ގައި ސިދާރްތު އާއި ޝެހެނާޒް ތިބިއިރުގެ ދެ މީހުން އެކުގައި ހޭދަކުރި ލޯބީގެ ވަގުތުތަކުގެ ކްލިޕެއް ވެސް ޝެއާ ކޮށްފައި ވެއެވެ.