ބޮލީވުޑް

ކެންސަރުން ރަނގަޅުވި ޒުވާން ބަތަލާއަކު ހާޓް އެޓޭކެއް ޖެހި މަރުވެއްޖެ

އިންޑިއާގެ ބެންގާލީ ފިލްމުތަކާއި ސީރީޒްތައް ކުޅެފައިވާ 24 އަހަރުގެ ޒުވާން ބަތަލާ އައިންޑްރިލާ ޝަރުމާ މަރުވެއްޖެ އެވެ.

މިހިނގާ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އައިންޑްރިލާ ހޮސްޕިޓަލަށް ގެންދިޔައީ ބްރެއިން ސްޓްރޯކެއް ޖެހިގެންނެވެ.

ހޮސްޕިޓަލުގައި ފަރުވާދެނިކޮށް ފުލުފުލުގައި ހާޓް އެޓޭކްތަކެއް ޖެހި ޑޮކްޓަރުންނަށް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވި މަރުވީ އެވެ.

އައިންޑްރިލާ އެންމެ ފަހުން އިންސްޓަގްރާމްގައި މެސެޖެއް ޝެއާކޮށްފައިވަނީ އޮކްޓޯބަރު 31 ވަނަ ދުވަހު އެވެ.

އެ ޕޯސްޓް ހާއްސަކޮށްފައިވަނީ ލޯބިވެރިޔާ ސަބްޔާސާޗީ އަށެވެ. އެއީ ލޯބިވެރިޔާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ލިޔެފައިވާ މެސެޖެކެވެ.

އައިންޑްރިލާ ވަނީ ކެންސަރު ބައްޔަށް ދެ ފަހަރެއްގެ މަތިން ފަރުވާކޮށް ދެ ފަހަރު ވެސް އެ ބަލިން މުޅިން ފަސޭހަ ވެފަ އެވެ. އޭނާ ކެންސަރުގެ ފަރުވާ ހޯދިއިރުވެސް ވާހަކަތައް ފޭސްބުކް ޕޭޖްގައި ފޭނުންނާ ހިއްސާ ކުރަމުން ގެންގޮސްފައި ވެއެވެ. އަދި އޭނާ ކެންސަރާ ހަނގުރާމަ ކުރަމުންދިޔައިރު ހެޔޮ ދުއާ ކޮށްދޭން ވަރަށް ގިނައިން ފޭނުން ކިބައިން އެދިފައި ވެއެވެ. އަދި އައިންޑްރިލާގެ ލޯބިވެރިޔާ ސަބްޔާސާޗީ ވެސް މިގޮތަށް އެދި ޕޯސްޓްތައް އަބަދާ އަބަދު ޝެއާ ކުރަމުން ގެންދެ އެވެ.

އައިންޑްރިލާގެ ކުއްލި މަރުން ސަބްޔާސާޗީ އަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފަ އެވެ. އަދި ހިންދީ ފިލްމު އިންޑަސްޓްރީ އާއި ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ އައިންޑްރިލާގެ ވަރަށް ގިނަ އެކުވެރިން ތިބުމާއެކު އެމީހުން ވެސް ވަނީ އެކި މެސެޖުތައް ޝެއާކޮށް އެއިންޑްރިލާގެ ވަކިވުމުން ދެރަވެފައިވާ ކަމަށް ހާމަކޮށްފަ އެވެ.

އައިންޑްރިލާގެ ކުރު ހަޔާތުގައި ދެތިން ހަތަރު ޓީވީ ޝޯއެއްގައި ލީޑް ރޯލު ކުޅެފައި ވެއެވެ. އަދި އޯޓީޓީ ޕްލެޓްފޯމެއްގައި ދެއްކި ސީރީޒް އެއްގައި ވެސް މުހިއްމު ރޯލެއް ކުޅެފައި ވެއެވެ.