ބޮލީވުޑް

ޓީވީ އެކްޓަރު އާނަންދުވެސް މަރުވީ ޖިމްގައި ކަސްރަތު ކުރަނިކޮށް

"ކުސުމް" އާއި "ކިޔޫން ރިޝްތޯންމޭ ކައްޓީ ބައްޓީ" ފަދަ ހިންދީ ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ ރީތި އެކްޓަރު ސިދާންތު ވީރް ސޫރިޔަވަންޝީ (އާނަންދު ސޫރިޔަވަންޝީ) މަރުވުމުން ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ވަނީ ޝޮކެއް ލިބިފަ އެވެ.

ހާއްސަކޮށް ޓީވީ ސިލްސިލާތަކުގައި ސިދާންތުއާ އެކު މަސައްކަތްކުރި ބައެއް އެކްޓަރުންނަށް އޭނާ މަރުވިކަން ގަބޫލުކުރަން ވެސް ވަނީ ދަތިވެފަ އެވެ.

އުމުރުން 46 އަހަރުގެ ސިދާންތު މަރުވީ ޖިމްގައި ކަސްރަތުކުރަން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާ ވެއްޓުނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި ޑޮކްޓަރުން 45 މިނިޓް ވަންދެން އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކޮށްފައި ވެއެވެ.

ސިދާންތު ކައިވެނިކޮށްގެން އުޅެނީ ސުޕަމޮޑެލް އެލީސިއާ ރައުތު އާ އެވެ. މިއީ އޭނާގެ ދެވަނަ ކައިވެންޏެވެ. މި ކައިވެންޏަށް ދަރިއަކު ނެތް ނަމަވެސް ފުރަތަމަ ކައިވެންޏަށް އޭނައަށް އަންހެން ދަރިއަކު ލިބިފައި ވެއެވެ. ސިދާންތުގެ ޖަނާޒާ އިއްޔެގެ ވަގުތެއްގައި ވަނީ ބާއްވާފަ އެވެ.

ޖިމްގައި ކަސްރަތުކުރަން ހުއްޓާ ކުއްލިއަކަށް މަރުވެގެން ވެއްޓޭ މީހުންގެ އަދަދު މިހާރަކަށް އައިސް ވަރަށް ގިނަވެފައި ވެއެވެ. މީގެ ތެރޭގައި ހިންދީ ސިލްސިލާތަކުގައި މަސައްކަތްކުރާ މެދު އުމުރުގެ އެކްޓަރުން ގިނަ ކަން ފާހަގަކުރެވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މަރުވި އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ރާޖޫ ސްރީވާސްތަވް ވެސް ވެއްޓުނީ ޖިމްގައި ހުއްޓަ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހޭނާރާ އެތައް ދުވަހެއް އޮތުމަށްފަހު މަރުވީ އެވެ.

ސަލްމާން ޚާންގެ ބޮޑީ ޑަބަލްއެއްގެ ގޮތުގައި މަސައްކަތްކުރާ ސާގަރް ޕާންޑޭ އަށް ވެސް ހާޓް އެޓޭކެއް ޖެހި މަރުވީ ޖިމްގައި ކަސްރަތުކުރަން ހުއްޓަ އެވެ. އަދި ޓީވީ ސިލްސިލާ "ބާބީޖީ ގަރް ޕަރް ހޭ"ގެ އެކްޓަރު ދީޕެޝް ބާން ވެސް މަރުވީ ހަމަ މިކަހަލަ ގޮތަކަށެވެ. މި ފާއިތުވީ ޖުލައި މަހު ދީޕެޝް މަރުވީ ކްރިކެޓް ކުޅެން ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ކަންނާޑާ ސުޕަސްޓާ ޕުނީތު ރާޖްކުމާރު ވެސް މިދިޔަ އަހަރު މަރުވީ ޖިމްގައި ކަސްރަތުކުރަން ހުއްޓަ އެވެ. އަދި ޓީވީ އެކްޓަރު އަބީރް ގޯސްވާމީ ވެސް މަރުވީ ޖިމްގައި ކަސްރަތުކުރަން ހުއްޓަ އެވެ.