ބޮލީވުޑް

އަދިތުޔާ އާއި ވައިބަވީގެ ކުއްލި މަރުވުން ޓީވީ އިންޑަސްޓްރީ ހިތާމައިގައި

ގިނަ ސިލްސިލާތަކެއްގައި މަސައްކަތްކޮށްފައިވާ ޒުވާން ދެ އެކްޓަރުންގެ މަރާ ގުޅިގެން އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށް ބޮޑު ހިތާމައެއް ލިބިއްޖެ އެވެ.

މި ހަފުތާގައި މަރުވެފައިވާ ދެ އެކްޓަރުންގެ ތެރެއިން މޭ 22ގައި މަރުވެފައިވަނީ އަދިތުޔާ ސިންގް ރާޖްޕޫތެވެ. އުމުރުން 33 އަހަރުގެ އަދިތުޔާ މަރުވެފައި އޮއްވާ ފެނުނީ މުމްބައިގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ފާޚާނާ ތެރެއިންނެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުއްޓަސް އަދި މަރުވި ސަބަބު ފުލުހުން ހާމައެއް ނުކުރެ އެވެ.

އަދިތުޔާ އަކީ ބައެއް ސިލްސިލާތަކުގެ އިތުރުން ހިންދީ ފިލްމުތައްވެސް ކުޅެފައިވާ އެކްޓަރެކެވެ. އެގޮތުން "ކްރާންތީވީރް" އާއި "މައިނޭ ގާންދީ ކޯ ނެހީ މާރާ"ގައި އޭނާ މުހިއްމު ރޯލުތަކެއް ކުޅެފައި ވެއެވެ. އަދި ރިއަލިޓީ ޝޯ "ސްޕިލިޓްސްވިލާ 9"ގައި ވެސް އޭނާ ބައިވެރިވި އެވެ.

އަދިތުޔާ ކުޅެފައިވާ ޓީވީ ޝޯ ތަކުގެ ތެރޭގައި "ލަވް، އާޝިގީ"، "ކޯޑް ރެޑް"، "އާވާޒް ސީޒަން 9" އަދި "ބޭޑް ބޯއީޒް ސީޒަން 4" ހިމެނެ އެވެ. އަދި ގިނަ ޓެލެވިޒަން އިޝްތިހާރު ތަކަކުން އޭނާ ފެނިފައި ވެއެވެ.

މި ހަފުތާގައި މަރުވި އަނެއް އެކްޓަރަކީ މަޝްހޫރު ޓީވީ ސީރީޒް "ސާރާބާއީ ވާސަސް ސާރާބާއީ"ގައި ޖޭސްމީންގެ ރޯލު ކުޅުނު ވައިބަވީ އުޕާދްޔޭ އެވެ. އުމުރުން 32 އަހަރުގެ ވައިބަވީ މަރުވެފައިވަނީ ކާރު އެކްސިޑެންޓެއްގައި އޭނާ އިން ކާރު ފަރުބަދައެއްގެ މަތިން ފުރޮޅާލައިގެން ވެއްޓިގެންނެވެ.

ވައިބަވީ ބައިވެރިވެފައިވާ އިތުރު ޑްރާމާތަކުގެ ތެރޭގައި "ކިޔާ ގަސޫރް ހޭ އަމްލާ ކާ"، އާއި ޑިޖިޓަލް ސީރީޒް "ޕްލީޒް ފައިންޑް އެޓެޗްޑް" ހިމެނެ އެވެ. އަދި ހިންދީ ފިލްމު "ޗަޕާކް"ގައި ވެސް ވައިބަވީ ވަނީ މުހިއްމު ރޯލެއް އަދާ ކޮށްފަ އެވެ. ވައިބަވީ އަކީ ގުޖްރާތީ ތިއޭޓާގައި މަގުބޫލު ނަމެކެވެ.

އަދިތުޔާގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު ވައިބަވީގެ ޖަނާޒާ އޮންނާނީ މިއަދު އެވެ.