ބޮލީވުޑް

ޝީޒަން ޖަލަށް ލުމުން "އަލީ ބާބާ"ގެ ބަތަލަކަށް އަބީޝެކް

ސަބް ޓީވީން ދައްކާ "އަލީ ބާބާ: ދާސްތާން އޭ ކާބުލް"ގައި ބަތަލާގެ ބައި އަދާކުރި ތުނީޝާ ޝަރުމާގެ މަރުގެ މައްސަލައިގައި އެ ސިލްސިލާގައި ބަތަލުގެ ބައި ކުޅުނު ޝީޒަން ޚާން ވަނީ ހައްޔަރުކޮށްފަ އެވެ.

ޝީޒަން ހައްޔަރުކުރީ އޭނާ އާއި ތުނީޝާ ލޯބިވެގެން އުޅުމަށްފަހު ޝީޒަން ބޭވަފާތެރިވުމުން އެކަމަށް ކެތް ނުވެގެން ތުނީޝާ އަމިއްލައަށް މަރުވީ ކަމަށް އޭނާގެ މަންމަ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.

މި މައްސަލައިގައި ތުނީޝާ އާއި ޝީޒަންގެ އާއިލާއިން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކޮށް ތަފާތު ވާހަކަތައް ދައްކަމުންދާއިރު ޝީޒަން ވެސް ވަނީ މިކަމާ ގުޅޭގޮތުން ދާދިފަހުން ވާހަކަ ދައްކާފަ އެވެ.

ޝީޒަންގެ ފަރާތުން ވާހަކަ ދައްކަމުން އޭނާގެ ގާނޫނީ ވަކީލު މީޑިއާގައި ބުނި ގޮތުގައި ޝީޒަންގެ ހުރިހާ ވެސް ކުށަކީ އޭނާ އަކީ މުސްލިމަކަށް ވުމެވެ.

ތުނީޝާ ރައްޓެހިވެގެން އުޅުނީ ހިންދޫ އަކާ ނަމަ އެފަދަ ގޮތަކަށް ތުހުމަތު ނުކުރީހެވެ. އަދި ޝީޒަން އާއި ތުނީޝާގެ ލޯބީގެ ގުޅުން ކެނޑުނުތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ތުނީޝާ މަރުވި ދުވަހުވެސް މަރުވުމުގެ 15 ވަރަކަށް މިނިޓް ކުރިން ވެސް އޭނާ އަލީ ކިޔާ ފިރިހެނަކާ ވާހަކަ ދައްކާފައިވާ ކަމަށް ޝީޒަންގެ ގާނޫނީ ވަކީލު ޝައިލެންދުރަ މިޝްރާ ޕަލްގާރް ކޯޓުގައި ބުނެފައި ވެއެވެ.

ނަމަވެސް ތުނީޝާގެ އާއިލާއިން ބުނަނީ ޝީޒަން އޭނާ ގަދަކަމުން އިސްލާމް ދީނަށް ވެއްދުމަށާއި ބުރުގާ އެޅުމަށް މަޖުބޫރު ކުރަމުންދިޔަ ކަމަށެވެ. އަދި މިއީ ތެދު ވާހަކައެއްކަން ހާމަކުރަން އެމީހުން ވަނީ ތުނީޝާ ބުރުގާ އަޅައިގެން ހުރި ފޮޓޯތަކެއް ވެސް ކޯޓުގައި ދައްކާފަ އެވެ. ނަމަވެސް ޝީޒަންގެ ގާނޫނީ ވަކީލު ބުނި ގޮތުގައި އެއީ އެމީހުން ކުޅެމުންދާ "އަލީ ބާބާ" ސީރީޒްގައި ތުނީޝާ ކުޅޭ ކެރެކްޓާ އަކީ މަރިޔަމް ނަމަކަށް ކިޔާ މުސްލިމް އަންހެން ކުއްޖެއްގެ ކެރެކްޓާ އަށް ވާތީ އެ ކެރެކްޓާ އަށް ފިޓްވާން ތުނީޝާ އަމިއްލައަށް ބުރުގާ އަޅައިގެން ނަގާފައި ހުރި ފޮޓޯ ތަކެއް ކަމަށެވެ.

ތުނީޝާ މަރުވެ ޝީޒަން ޖަލަށް ލުމުން "އަލީ ބާބާ"ގެ ޕްރޮޑިއުސަރުން ވެސް ރުޅިގަނޑު ބާލާލީ ޝީޒަން އަށެވެ. އޭނާގެ ކުށެއް އޮތްކަން ސާބިތު ނުވަނީސް އެމީހުން ވަނީ އޭނާ ޝޯއިން ވަކިކޮށް އަބީޝެކް ނިގަމް އަށް އެ ޝޯގެ ލީޑް ރޯލު ދީފަ އެވެ.

އަލީ ބާބާގެ ރޯލަށް އަބީޝެކް ގެންނަން ހަމަޖެހިފައިވަނީ ޕްލާސްޓިކް ސާޖަރީ ހަދައިގެން މޫނު ބަދަލުވީ ކަމަށް ދައްކައިގެން ކަމަށް ވެއެވެ. ނަމަވެސް ތުނީޝާ ކުޅުނު ޝެހެޒާދީ މަރިޔަމްގެ ރޯލަށް އަދި ބަތަލާއަކު ހަމައެއް ނުޖެހެ އެވެ.

ޝީޒަންގެ ކުށް ސާބިތު ނުވަނީސް އޭނާ ޝޯއިން ވަކިކުރުމުން ފޭނުން ވަނީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.