މަޝްހޫރު ޓީވީ ސިލްސިލާ "އަނޫޕަމާ"ގައި ދީރަޖް ކުމާރުގެ ކެރެކްޓާ ކުޅެމުންދިޔަ އެކްޓަރު ނިތޭޝް ޕާންޑޭގެ ކުއްލި މަރުން އެ ސިލްސިލާގައި އޭނާއާ އެކު މަސައްކަތް ކުރާ ފަންނާނުންނަށާއި މުޅި ޓީވީ އިންޑަސްޓްރީއަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ.
އަންގާރަ ދުވަހުގެ ރޭ ނިތޭޝް މަރުވެފައި އޮއްވާ ފެނުނީ އިގަޓްޕޫރީ ހޮޓަލުގަ އެވެ. މިއީ ނިތޭޝް ވަރަށް ގިނައިން ގޮސް ހުންނަ ހޮޓަލެއް ކަމަށް ވެއެވެ. ނަމަވެސް ނިތޭޝް އަބަދު އެތަނުގައި ހުންނަނީ ކީއްވެތޯ ފުލުހުން ވަނީ ސުވާލު އުފައްދާފަ އެވެ. ފުލުހުންގެ ޓީމެއް މިހާރު އެ ހޮޓަލުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
ނިތޭޝް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި ނިތޭޝް އަކީ ވާހަކަ ލިޔުންތެރިއަކަށް ވާތީ ގޭގައި އެ މަސައްކަތް ކުރަން އުނދަގޫވާތީ ވަރަށް ގިނައިން އެ ހޮޓަލަށް އައިސް ވާހަކަ ލިޔުމުގެ މަސައްކަތް ކުރެ އެވެ. އެގޮތުން މިފަހަރު ވެސް އޭނާ ހޮޓަލަށް އައިސް ހުރީ ވާހަކައެއް ލިޔެ ނިންމާލުމަށް ގަސްތުކޮށްގެން ކަމަށް ހޮޓަލުގެ ސްޓާފުންނާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ނިތޭޝް އަށް ހާޓް އެޓޭކް ޖެހުނީ ދަންވަރު 2:00 ހާއިރު ކަމަށާއި ހާޓް އެޓޭކް ޖެހުމާއެކު ވަގުތުން މަރުވެފައިވާ ކަމަށް ޑޮކްޓަރުންގެ ރިޕޯޓުގައި ވެއެވެ. ނަމަވެސް މިކަން މުޅީން ޔަގީންވާނީ ޕޯސްޓް މޯޓަމް ހެދުމުންނެވެ. ޕޯސްޓް މޯޓަމް ހެދުމުގެ ތައްޔާރީތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ނިތޭޝްގެ ޅިޔަނު އަދި ފިލްމު ޕްރޮޑިއުސަރު ސިދާރްތު ނަގަރް ބުނި ގޮތުގައި ނިތޭޝް އަކީ ހިތުގެ އެއްވެސް މައްސަލައެއް މީގެ ކުރިން ޖެހިފައިވާ މީހެއް ނޫނެވެ.
މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި ނިތޭޝް މަސައްކަތް ކުރާތާ 25 ވަރަކަށް އަހަރު ވެއްޖެ އެވެ. އެގޮތުން އޭނާ ގިނަ މަސައްކަތްތައް ކޮށްފައިވަނީ ޓީވީ ޝޯ ތަކުގަ އެވެ. އަދި ތިއޭޓާ އާއި ފިލްމުތަކުގައި ވެސް އޭނާ ކޮންމެވެސް ވަރަކަށް ބައިވެރިވެފައި ވެއެވެ.
ނިތޭޝް މަރުވުމުން އެކަމާ ދެރަވެ ހިތާމަކޮށް ވަރަށް ގިނަ އެކްޓަރުން ސޯޝަލް މީޑިއާގައި މެސެޖުތައް ޕޯސްޓްކޮށްފައި ވެއެވެ. އޭގެ ތެރޭގައި "އަނޫޕަމާ"ގެ ބަތަލާ ރުޕާލީ ގަންގޫލީ އާއި ޓީވީ އެކްޓަރު ނަކުލް މެހެތާ ހިމެނެ އެވެ. އަދި ކޯރިއޯގްރާފަރު-ޑައިރެކްޓަރު ފަރާ ޚާން ވެސް ވަނީ ނިތޭޝް މަރުވުމުގެ ހިތާމައިގައި ވަރަށް އަސަރުގަދަ މެސެޖެއް ޕޯސްޓްކޮށްފަ އެވެ.
ފަރާގެ "އޯމް ޝާންތީ އޯމް"ގައި ޝާހް ރުކް ޚާންގެ އެސިސްޓެންޓެއްގެ ރޯލު އަދާކޮށްފައިވަނީ ނިތޭޝް އެވެ.