ސިދާރްތު ޝުކްލާގެ ކުއްލި މަރުން ޓީވީ އާއި ފިލްމުތަކުގައި މަސައްކަތް ކުރާ އެކްޓަރުންނަށް ފުން އަސަރުތަކެއް ވަނީ ކޮށްފަ އެވެ. އުމުރުން 40 އަހަރުގައި ސިދާރްތު ކުއްލިއަކަށް މަރުވިކަން ގަބޫލު ކުރަން ވެސް އެއް ބަޔަކަށް ވަނީ އުނދަގޫ ކަމަކަށް ވެފަ އެވެ.
ބަތަލާ އަދި ލަވަކިޔުންތެރިޔާ ޖަސްލީން މަތޫރު އަށް ވެސް ސިދާރްތުގެ މަރުގެ އަޑުއިވިފައި ވަރަށް ފުން ހިތާމަތަކެއް ވަނީ ލިބިފަ އެވެ. އަދި އެކަމާ އޭނާ މާ ބޮޑަށް ހާސްވެ ކަންބޮޑުވެގެން އުޅުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަކެއްގައި ޖަސްލީން މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ހޮސްޕިޓަލުގެ ބަލި އެނދުގައި އޮވެ ޖަސްލީން ނަގާފައިވާ ވީޑިއޯއެއް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. މި ވީޑީއޯގައި ޖެސްލީން ބުނެފައި ވަނީ ސިދާރްތުގެ ކުއްލި މަރުން އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކޮށް އެންމެ ފަހުން ހޮސްޕިޓަލުގައި އޮންނަން ޖެހިފައިވާ ކަމަށެވެ.
އަތަށް އައިވީ ގުޅައިގެން ހޮސްޕިޓަލުގެ އެނދުގައި އޮވެ ވާހަކަ ދައްކަމުން ޖަސްލީން ބުނި ގޮތުގައި ސިދާރްތު މަރުވި ދުވަހު ވެސް އޭނާ އެ ގެޔަށް ޒިޔާރަތް ކުރި އެވެ. އެހެންވެ ކުއްލިއަކަށް އޭނާ މަރުވި ޚަބަރު ލިބުމުން ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އެރި ކަމަށެވެ. އަދި އޭނާގެ ގެއަށް ދިޔައިރު އެގޭތެރޭގެ ހާލަތު އޮތް ގޮތް ފެނިފައި ބަޔާން ކުރަން ނޭނގޭ ކަހަލަ އަސަރުތަކެއް ކުރި ކަމަށެވެ.
"ސިދާރްތުގެ މަރުވި ޚަބަރު ލިބިގެން އެ ގެއަށް ގޮސް ޝެހެނާޒް އާއި އާންޓީ (ސިދާރްތުގެ މަންމަ) އާ ބައްދަލު ކޮށްފައި އައިތަނާ ނުވެސް ދަންނަ މީހަކު ކޮށްފައި އޮތް މެސެޖެއް ފެނިފައި އަހަރެންގެ ހާލަތު އިތުރަށް ގޯސްވީ. އެކަމާ ވީ ދެރައިން އަހަރެންގެ ސިއްހަތު އެހާ ގޯސްވާން މެދުވެރިވީ،" ޖަސްލީން ބުންޏެވެ.
ޖަސްލީން ބުނި ގޮތުގައި ސިދާރްތުގެ މަރުގެ ޚަބަރު ލިބިގެން އެގެއަށް ދިޔައިރު ޝެހެނާޒްގެ ހާލަތު ވަރަށް ގޯހެވެ. ގޭގެ އެއް ކަނެއްގައި ބުދެއްހެން އެއް ދިމާލަށް ބަލަހައްޓައިގެން ގެއްލިފައި އޭނާ އިން ކަމަށާއި ދުނިޔޭގެ އެއްވެސް ހޭވެރިކަމެއް އޭނާގެ ނެތް ކަމަށް ޖަސްލީން ބުންޏެވެ. އަދި އޭނާއަށް އެންމެ ސަކަރާތްވީ މި މަންޒަރުފެނިފައި ކަމަށް ވެސް ޖަސްލީން ބުންޏެވެ. ޖަސްލީން އާއި ސިދާރްތު އަދި އޭނާގެ އާއިލާ އާ ގާތް ގުޅުމެއް އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށް އޭނާ ބުންޏެވެ.