ބޮލީވުޑް

"ގުމް ހެ ކިސީކޭ ޕިޔާރް މޭ" ސެޓު އަނދާ އަޅިޔަށް

ގިނަ ބަޔަކަށް ވަރަށް މަގުބޫލު ސިލްސިލާއެއް ކަމަށްވާ "ގުމް ހެ ކިސީކޭ ޕިޔާރްމޭ"ގެ ޝޫޓިންގް ބާއްވަމުންދިޔަ ސެޓުގައި ހުކުރު ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ޝޯއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ވަރަށް ބޮޑު މި ސެޓު ވަނީ މި ހާދިސާގައި އަނދައިގެން ގޮއްސަ އެވެ.

ނަސީބަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ސެޓުގައި އެ ވަގުތުހުރި ހުރިހާ އެއްޗެއް ވެސް ވަނީ އަނދައިގެން ގޮއްސަ އެވެ.

ނީލް ބަޓް އާއި އައިޝާ ސިންގް ލީޑް ރޯލް ކުޅޭ މި ޝޯގައި އަލިފާނުގެ ހާދިސާ ހިނގި ދުވަހު ޝޫޓްކުރަމުން ދިޔައީ ތަނެއްގައި އެއްޗެއް ގޮވާ މަންޒަރެވެ. އެ މަންޒަރު ފުރިހަމައަށް ޝޫޓްކުރަން އުޅެނިކޮށް ކުއްލިއަކަށް މުޅިތަނުގައި ހުޅު ހިފީ އެވެ.

ސެޓުގައި ރޯވިއިރު ފިލްމުގައި ބައިވެރިވާ ހުރިހާ އާޓިސްޓުންނާއި ކުރޫން ސެޓުގައި ތިއްބެވެ. އަދި އެތަނުގައި ރޯވުމުން އެންމެން ވަނީ އެތަނުން އަވަހަށް ނުކުމެފަ އެވެ. އެކަމަކު މޭކަޕްރޫމްތަކުގައި ހުރި އާޓިސްޓުންގެ އަމިއްލަ ދަބަސް ފަދަ ތަކެތި ވެސް ވަނީ އަލިފާނުން އަނދައިގެން ގޮއްސަ އެވެ.

އަލިފާނުގެ ހާދިސާ އެހާ ކައިރިން ފެނުމުން އައިޝާ އަށް ވަނީ ވަރަށް އަސަރުކޮށްފަ އެވެ. އޭނާ ރޮމުން ރޮމުން އެ ސެޓުގެ ބޭރުގައި ހިނގަނިކޮށް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައި ވެއެވެ.

މި ސެޓުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އަލިފާން ނިއްވާ މީހުން އައިސް ވަރަށް ގިނައިރު ވަންދެން މަސައްކަތް ކޮށްގެންނެވެ.