ބޮލީވުޑް

ދިޝާ އާއި ނަކުލްގެ "ބަޅޭ އައްޗޭ ލަގްތޭ ހޭ 3" ވެސް ހުއްޓާލަނީތަ؟

ދިޝާ ޕަރްމާރް އާއި ނަކުލް މެހެތާ މިހާރު ވަނީ އެމީހުންގެ ކާމިޔާބު ސިލްސިލާ "ބަޅޭ އައްޗޭ ލަގްތޭ ހޭ"ގެ ތިން ވަނަ ސީޒަނެއް ފަށާފަ އެވެ. މި ދެ އެކްޓަރުންގެ ކެމިސްޓްރީ ރަނގަޅުކަމުން ޝޯ އަށް ރަނގަޅު ތަރުހީބެއް ލިބެން ފަށާފައިވާއިރު މި ޝޯ ހުއްޓާލަން އުޅޭކަމުގެ ޚަބަރުތައް ފެތުރެން ވަނީ ފަށާފަ އެވެ.

"ބަޅޭ އައްޗޭ ލަގްތޭ ހޭ 2"ގައި ވެސް ލީޑް ރޯލު ކުޅުނީ ނަކުލް އާއި ދިޝާ އެވެ. އެ ޝޯއިން މި ދެ އެކްޓަރުން ވަކިވީ ޑްރާމާ އެތައް އަހަރެއް ކުރިޔަށް ޖައްސާލަން ހަމަޖެހުމާ ގުޅިގެން ބޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ނުކުޅެން ވެގެންނެވެ.

ނަކުލް އާއި ދިޝާ ވަކިވުމުން އެ ޝޯގައި ލީޑް ރޯލު އަދާކުރީ ރަންދީޕް ރާއީ އާއި ނީތީ ޓޭލާ އެވެ. ސިލްސިލާގައި ނީތީ ކުޅުނީ ނަކުލް އާއި ދިޝާގެ ކެރެކްޓާތައް ކަމަށްވާ ރާމް އާއި ޕްރިޔާގެ ދަރިއެއްގެ ރޯލު ނަމަވެސް އުންމީދުކުރި ވަރުގެ ނަތީޖާއެއް މި ގޮތަށް ސިލްސިލާގެ ވާހަކަ ބަދަލުކުރުމަކުން ނުނެރެވުނެވެ. ޝޯގެ ވާހަކަ ބެލުންތެރިންނަށް ކަމުނުގޮސް ޓީއާރުޕީ ދަށްވެ އެންމެ ފަހުން ޝޯ ފެށިތާ އެންމެ ތިން މަސް ތެރޭ ނިންމާލަން ސޮނީ ޓީވީން ނިންމީ އެވެ.

އެހިސާބުން އަނެއްކާވެސް ޝޯގެ ޕްރޮޑިއުސަރާއި ސޮނީން ބޭނުންވީ ދިޝާ އާއި ނަކުލްގެ އަނބުރާ ގެނެސް މުޅިން އާ ވާހަކައަކާއެކު "ބަޅޭ އައްޗޭ ލަގްތޭ ހޭ 3" ފެށުމަށެވެ.

މި ނިންމުން ވީ ވަރަށް ރަނގަޅު ނިންމުމަކަށެވެ. ބެލުންތެރިން ދިޝާ އާއި ނަކުލްގެ އާ ވާހަކައާ ވެސް ވަރަށް ހިތްހަމަޖެހެ އެވެ. ޚާއްސަކޮށް މިހާރު ދައްކަމުންދާ ބައިގައި ރާމް އާއި ޕްރިޔާ ކައިވެނިކުރާ ތަނާއި ކޮންޓްރެކްޓް މެރިޖް އަކުން އެންމެ ތިން މަހަށް ގުޅޭތަން ދައްކާތީ ބެލުންތެރިން ތިބީ ވަރަށް ޝޯ ބަލާޙިތް ވެފަ އެވެ.

އެހެންކަމުން ކުއްލިއަކަށް މި ޝޯ ހުއްޓާލަން އުޅޭކަމުގެ ވާހަކަތައް ފެތުރުމާއެކު ގިނަ ބަޔަކު ގެންދަނީ މިކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. މި އަޑުތައް މާ ބޮޑަށް ގަދަވީ މި ޝޯ ދައްކަނީ ރޭގަނޑު 8.00 ގެ ޓައިމް ސްލޮޓް (ރާއްޖޭ ގަޑިން ރޭގަނޑު 7.30)ގައި ދައްކާ އެހެން ޝޯއެއްގެ އިޝްތިހާރު ދައްކަން ފެށުމުންނެވެ.

ކުޝަލް ޓަންޑަން އާއި ޝިވާންގީ ޖޯޝީ ލީޑް ރޯލު ކުޅޭ "ބަރްސާތޭން" އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދައްކަން ހަމަޖެހިފައިވާ މިހާރު "ބަޅޭ އައްޗޭ ލަގްތޭ ހޭ 3" ދައްކާ ގަޑީގަ އެވެ.

މިކަން ބެލުންތެރިން މާނަކުރީ ނަކުލް އާއި ދިޝާގެ ޝޯ ހުއްޓާލަނީ ކަމަށެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ބަޅޭ އައްޗޭ ލަގްތޭ ހޭ 3" ހުއްޓައެއް ނުލާނެ އެވެ. ޝޯ ދެން ދައްކާނީ ރޭގަނޑު 7.00 (ރާއްޖޭ ގަޑިން ރޭގަނޑު 7.30)ގަ އެވެ. އެއީ މިހާރު "މޭރޭ ސާއީ" ދައްކާ ގަޑި އެވެ. ޖުލައި 10 ވަނަ ދުވަހާ ހަމައަށް "މޭރޭ ސާއީ" ނިންމާލަން ހަމަޖެހިފައިވާ ކަމަށް ޝޯ އާ ގުޅުން ހުރި ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.