ޓީވީ ސިލްސިލާ "ސަސުރާލް ސިމަރް ކާ"ގެ ސެޓުން ބައްދަލުވެ ރައްޓެހިވެގެން ކައިވެނި ކުރި އެ ޝޯގައި ލީޑް އަދާކުރި ދެ އެކްޓަރުން ކަމަށްވާ ދީޕިކާ ކައްކަރް އާއި ޝުއައިބު އިބްރާހީމަށް ފިރިހެން ދަރިއަކު ލިބިއްޖެ އެވެ.
ދީޕިކާ ވިހެއީ ދުވަސް ނުފުރާ ނަމަވެސް ދެ މައިންގެ ހާލު ރަނގަޅު ކަމަށް ޝުއައިބު ސޯޝަލް މީޑީއާގައި ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.
ދީޕިކާ އާއި ޝުއައިބު ކައިވެނިކުރީ 2018 ވަނަ އަހަރު އެވެ. ޝުއައިބުގެ އާއިލާއަކީ މުސްލިމުންނަށް ވާތީ ޝުއައިބުއާ ކައިވެނިކުރުމަށް ދީޕިކާ ވެސް ވަނީ އިސްލާމް ވެފަ އެވެ. އަދި މިކަމާ ވަރަށް ގިނަ އިންޑިޔާ މީހުން ދީޕިކާ އަށް މަލާމާތްކޮށް ހަދާފައި ވެއެވެ. ނަމަވެސް އިސްލާމް ވުމަށްފަހު ނަމާދުކޮށް ރޯދަ ހިފައި ދީނުގައި އަންގަވާފައިވާ ގޮތަށް ދީޕިކާ އުޅެމުންދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި އިސްލާމް ދީން ޚިޔާރުކުރީ ޝުއައިބުއާ ކައިވެނިކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެކަމަށް ބޭނުންވެގެން ކުރި ކަމެއް ކަމަށްވެސް ދީޕިކާ ބުނެފައި ވެއެވެ.
ދީޕިކާ ސޯޝަލް މީޑިއާގައި ޖަހާ އެކި ޕޯސްޓްތަކަށް އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ބަލިވެ އިނދެ ބައިގެން ދިޔަ ވާހަކަ ހިއްސާ ކުރުމުން ވެސް ބައެއް މީހުން އޭނާ އުޅެނީ ބަނޑުބޮޑުކަމަށް ހެދިގެން ކަމަށާއި އަސްލު ބަނޑުބޮޑުނުވާ ކަމަށް ބުނެ މަލާމާތް ކޮށްފައި ވެއެވެ.
ވިހެއުމަށްފަހު ދީޕިކާ އެކްޓިންއާ މުޅިން ދުރަށްދާ ވާހަކައެއް އޭނާއާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން މީގެ ދުވަސްކޮޅެއް ކުރިން ފަތުރާފައި ވެއެވެ. ނަމަވެސް ދީޕިކާ ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.
އޭނާ ބުނީ އެއީ އޭނާގެ ވަރަށް ކުރީގެ އިންޓަވިއުއެއްގައި ދައްކާފައި ހުރި ވާހަކަތަކެއް ކަމަށާއި މިހާރު އެ ވިސްނުން ބަދަލުކޮށްފި ކަމަށެވެ. އަދި ދަރިފުޅަށް ހަތަރު ވަރަކަށް އަހަރުވުމުން އަލުން ސިލްސިލާތަކުގައި ބައިވެރިވުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.