ބޮލީވުޑް

"އިމްލީ"ގެ ބަތަލާ ސުމްބުލް އޭނާގެ ބައްޕަގެ ދެވަނަ ކައިވެނި ކޮށްދީފި

ޓީވީ ސިލްސިލާ "އިމްލީ"ގައި ލީޑް ރޯލު އަދާކުރި ބަތަލާ ސުމްބުލް ތައުގީރު ފަހުން ފެނިފައިވަނީ ބިގް ބޮސް 16ގެ ބައިވެރިއެއްގެ ގޮތުގައި އެ ގޭގައި އުޅެނިކޮށެވެ. ސުމްބުލްގެ ރަނގަޅުކަމުން އޭނާ ވަނީ "ބިގް ބޮސް"ގެ ގޭގައި ހުރި ދުވަސްވަރު ވަރަށް ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފަ އެވެ.

ކުޑައިރު މަންމަ މަރުވުމަށްފަހު ސުމްބުލް ދިރިއުޅެމުން ދިޔައީ ބައްޕަ ތައުގީރު ޚާން އާއި އަންހެން ކޮއްކޮ ސާނިޔާއާ އެކުގަ އެވެ. އަދި "ބިގް ބޮސް"ގެ ގޭގައި އޭނާ ހުރިއިރު އޭނާއަށް އެންމެ ބޮޑަށް ތާއީދުކޮށް ހިތްވަރު ދެމުން ގެންދިޔައީ އޭނާގެ ބައްޕަ އެވެ. އަދި "ބިގް ބޮސް" ކުރިޔަށް ދިޔައިރު ސުމްބުލް އެކޭ އެއްވަރަށް އޭނާގެ ބައްޕަ ވެސް މަޝްހޫރު ވެގެން ދިޔަ އެވެ. ސުމްބުލް އަށް ތާއީދުކޮށް މީޑިއާތަކުގައި ވާހަކަ ދައްކައިގެންނާއި "ބިގް ބޮސް"ގެ ގޭގައި ސުމްބުލްއާ އަރާރުންވާ މީހުންނާ ދެކޮޅަށް ވާހަކަ ދައްކައިގެންނެވެ.

ސުމްބުލް އަބަދުވެސް އޭނާގެ ބައްޕަ، އޭނާ އާއި ކޮއްކޮ ދެކެ ވާ ލޯބި ގަބޫލު ކުރެ އެވެ. އަދި މަންމަ އަކާއި ނުލައި ބައްޕަ އެކަނި މާއެކަނި ދެބެން ގެންގުޅެ ބޮޑުކުރީތީ ސުމްބުލް އަބަދުވެސް ބައްޕައަށް ޝުކުރު އަދާ ކުރެ އެވެ. އެހެންވެ ސުމްބުލް އާއި ކޮއްކޮގެ މަސައްކަތުން ދާދިފަހުން ވަނީ އޭނާގެ ބައްޕަގެ ދެވަނަ ކައިވެންޏެއް ކުރުވާފަ އެވެ. އިންޑިޔާ މުސްލިމުންގެ ކައިވެނި "ނިކާހް" ރަސްމިއްޔާތު އޮތީ ސުމްބުލް މެން ދިރިއުޅޭ ގޭގަ އެވެ.

ސުމްބުލްގެ ބައްޕަ ދެވަނަ ކައިވެންޏަކަށް އެއްބަސް ކުރުވާފައިވަނީ އޭނާ ވަރަށް މަސައްކަތް ކޮށްގެންނެވެ. އަދި ސުމްބުލް ދައްކާފައި މިވަނީ މިގޮތަށް އަނބިން ނުވަތަ ފިރިން މަރުވެފައި ތިބޭ މީހުންނަށް ރަނގަޅު މިސާލެކެވެ.

އިންޑިއާގައި ހުވަފަތްވާ މީހުން ދެވަނަ ކައިވެންޏެއް ކުރުމަކީ އެމީހުންގެ މުޖުތަމައު އެހާ ބަލައިގަންނަ ކަމަކަށް ނުވެއެވެ. ނަމަވެސް ސުމްބުލް އާއި ކޮއްކޮގެ މަސައްކަތުން އެ މީހުންގެ ބައްޕައަށް ހަޔާތުގެ ބައިވެރިޔަކު ހޯދަދީ ކައިވެނި ކުރުވީ އެވެ.

ސުމްބުލްގެ ބައްޕަ ކައިވެނިކުރީ ނީލޯފަރު ކިޔާ މެދު އުމުރުގެ އަންހެނަކާ އެވެ. ނީލޯފަރަކީ ވެސް ހުވަފަތް ވެފައި އިން މީހެކެވެ. އޭނާގެ އަންހެން ދަރިއަކު ވެސް ހުރެ އެވެ.

ސޯޝަލް މީޑީއާ މެދުވެރިކޮށް ސުމްބުލް ވަނީ އޭނާއަށް އަލަށް ލިބުނު ކޮއްކޮ (ދޮންމަންމަގެ ދަރިފުޅަށް) ވެސް އެ އާއިލާއަށް މަރުހަބާ ކިޔާފަ އެވެ.