ބޮލީވުޑް

ވިވިއަން ވެސް މިފަހަރު ރޯދަ ހިފާނެ

"މަދޫބާލާ: އޭކް އިޝްގް އޭކް ޖުނޫން" އާއި "ގަސަމް ސޭ" ފަދަ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ވިވިއަން ދަސޭނާ މިސުރު އަންހެނެއް ކަމަށްވާ ނޫރަން އަލީއާ ކައިވެނި ކޮށްގެން މިހާރު ދިރިއުޅެނީ މިސުރުގަ އެވެ. އަދި ނޫރަންއާ ކައިވެނި ކުރުމަށްޓަކައި ވިވިއަން ވަނީ އިސްލާމް ދީން ޚިޔާރުކޮށްފަ އެވެ.

ވިވިއަން އާއި ނޫރަންގެ އެކުވެރިން އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި އެ ދެމަފިރިންގެ މިހާރު ދެ މަހުގެ ތުއްތު އަންހެން ދަރިއަކު ވެސް އެބައޮތެވެ.

ވިވިއަންގެ ކޯސްޓާރުން ބުނެފައިވާ ގޮތުގައި ނޫރަން އަކީ ވިވިއަންގެ ފޭނެކެވެ. އަދި ވިވިއަންގެ ޝޫޓިންގްތަކަށް ވަރަށް ގިނައިން އައިސް އުޅުނެވެ. މީގެ އަހަރެއް ކުރިން ނޫރަން އާއި ވިވިއަން ކައިވެނިކޮށްފައިވަނީ ރައްޓެހިވީތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ރޯދަ މަހަށް މަރުހަބާ ކިޔައި ދާދިފަހުން ވިވިއަން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި "ރަމަޟާން ކަރީމް" ޖަހާފައިވާ މެސެޖެއް ޝެއާ ކޮށްފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި ކުރިއަށް ދިޔަ ފޭނުންނާއި ވިވިއަންގެ ސުވާލާއި ޖަވާބު ސެޝަނެއްގައި ފޭނުން ކުރި ސުވާލުތަކަށް ވިވިއަން ޖަވާބު ދީފައި ވެއެވެ. އެގޮތުން ވަރަށް އަވަހަށް ދަރިން ހޯދަން ބޭނުންތޯ ފޭނަކު ކުރި ސުވާލުގެ ޖަވާބުގައި "އިންޝާﷲ" އޭ ވިވިއަން ބުނެފައި ވެއެވެ. އަދި ރޯދަ ހިފައި މި މަސް އެންމެ ފުރިހަމަ ގޮތުގައި ފާހަގަ ކުރަން ގަސްތުކުރާ ކަމަށް ވެސް ވިވިއަން ބުނެފައި ވެއެވެ.

ވިވިއަން 2013ގައި ފުރަތަމަ ކައިވެނިކުރީ އޭނާގެ ފުރަތަމަ ސިލްސިލާ "ޕިޔާރް ކީ އޭކް ކަހާނީ"ގެ ކޯސްޓާ ވެހްބިޒް ޑޮރަބްޖީ އާއެވެ. އަދި 2016 ގައި ދެ މީހުން މައްސަލަޖެހި ވަކިން ދިރިއުޅެން ފަށައި 2021ގައި ދެ މީހުން ވަނީ ރަސްމީކޮށް ވަރިވެފަ އެވެ.