ބޮލީވުޑް

ލަވަކިޔުންތެރިޔާ މިކާ ހަޔާތުގެ ބައިވެރިއެއް ހޯދާ ރިއަލިޓީ ޝޯ

ލަވަކިޔުންތެރިޔާ މިކާ ސިންގް ކައިވެނިކުރާނެ އަންހެނަކު ހޯދުމުގެ މަސައްކަތް ރިއަލިޓީ ޝޯ "ސްވޭމްވަރް – މިކާ ދީ ވޯހްތީ" މެދުވެރިކޮށް ފަށައިފި އެވެ.

މި ޝޯ ހޯސްޓްކުރަނީ މިކާގެ އެންމެ ގާތް އެއް އެކުވެރިޔާ އަދި ލަވަކިޔުންތެރިޔާ ޝާން އެވެ.

އާދިއްތަ ދުވަހު މި ޝޯ ދައްކަން ފަށާފައިވާއިރު މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ މިކާގެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ކޮމޭޑިއަން ކަޕިލް ޝަރުމާ އާއި ކްރުޝްނާ އަބީޝެކް އަދި މިކާގެ ބޭބެ އަދި ބާންގްރާ ލަވަކިޔުންތެރިޔާ ދިލޭރް މެހެދީ މި ޝޯގައި ބައިވެރިވެ އެވެ.

ޓީވީ އެކްޓަރުންގެ ތެރެއިން ޝަހީރް ޝޭހް، ހިބާ ނަވާބް، ކަރަން ވާހީ، ނިޔަތީ ފަޓްނާނީ، އިޝާން ދަވަން، ޕަންކުރީ އަވަސްތީ ރޯޑޭ ވެސް މިކާއަށް ހިތްވަރުދިނުމުގެ ގޮތުން ބައިވެރިވެ އެވެ.

މިކާ ބުނި ގޮތުގައި އޭނާގެ ޑްރީމް ގާލް ހޯދުމުގެ މި ދަތުރުގައި ގިނަ އަދަދެއްގެ އެކުވެރިން ބައިވެރިވެ ތަރުހީބު ދެމުންދާތީ ވަރަށް އުފާވާ ކަމަށެވެ.

މިކާއާ ކައިވެނިކުރަން ޝައުގުވެރިވާ 12 އަންހެނަކު މި ޝޯގައި ބައިވެރިވެ އެވެ. މި މީހުންގެ ތެރެއިން މިކާ ކައިވެނިކުރަން ހިޔާރު ކުރާ މީހެއް އިނގޭނީ ގްރޭންޑް ފިނާލޭ އެޕިސޯޑުގަ އެވެ.