ބޮލީވުޑް

ވިވިއަން މިސުރު ލޯބިވެރިޔާއާ ސިއްރުން ކައިވެނިކޮށްފި

ޓީވީ އެކްޓަރު ވިވިއަން ދަސޭނާ އޭނާގެ މިސުރު ލޯބިވެރިޔާ ނޫރަން އަލީ އާ ސިއްރުން ކައިވެނިކޮށްގެން އުޅޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

މަޝްހޫރު ސިލްސިލާ "މަދޫބާލާ"ގެ ބަތަލު ވިވިއަން ކައިވެނިކުރިތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.

ފާއިތުވީ އަހަރެއްހާ ދުވަހުއްސުރެ ވިވިއަން އާއި ނޫރަން ދިރިއުޅެނީ މުމްބައިގައި ހުންނަ ވިވިއަންގެ ގޭގަ އެވެ. ވިވިއަން އަކީ ތަންކޮޅެއް ބޯދާ ވިސްނުމެއް ގެންގުޅޭ މީހެއް ކަމަށާއި ކައިވެނި ނުކޮށް ލޯބިވެރިޔާ ގޮވައިގެން އެއް ގޭގައި ނޫޅޭނެކަން ޔަގީންވާ ކަމަށް އޭނާ ދަންނަ މީހުން ގަބޫލު ކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވިވިއަން އާއި ނޫރަން ކުރީ މުސްލިމުން ކައިވެނިކުރާ ގޮތަށް "ނިކާހް" އެވެ. އަދި މި ކައިވެނި އޮތީ މީގެ އަހަރެއްހާ ދުވަސް ކުރިން މިސުރުގަ އެވެ. ނޫރަން އަކީ މުސްލިމަކަށް ވާތީ ނޫރަންގެ ދީނަށް ވިވިއަން ވަރަށް އިހްތިރާމްކުރާ ކަމަށްވެސް މި ޚަބަރުގައި ބުނެފައި ވެއެވެ. ނަމަވެސް އޭނާ އިސްލާމްވީ ކަމެއް ނުވާ ކަމެއް މި ޚަބަރުގައި ބުނެފައެއް ނުވެއެވެ.

ވިވިއަން ކައިވެނިކޮށް އެކަން ސިއްރުކޮށްގެން އުޅޭކަމުގެ ޚަބަރުތައް ފެތުރުމާ ގުޅިގެން އިންޑިއާގެ ބައެއް ނޫސްވެރިން ވިވިއަން އަށް ގުޅޭ މި ސުވާލުކޮށްފައި ވެއެވެ. ނަމަވެސް ޖަވާބުދިނުމުގެ ބަދަލުގައި ވިވިއަން ބުނީ ޖަވާބު ހޯދަން އޭނާގެ ޕަބްލިކް ރިލޭޝަންސް (ޕީއާރް) ޓީމަށް ގުޅުމަށެވެ. އަދި ފަހުން ގުޅުމުން ފޯނަށް ޖަވާބު ނުދޭކަމަށް ނޫސްތަކުގައި ލިޔެފައި ވެއެވެ.

ވިވިއަން، 34، ތަންކޮޅެއް ކުރިން ވަނީ ކައިވެނި ކުރިޔަސް އެކަން ސިއްރުކުރާނެކަމުގެ އިޝާރާތެއް ދީފަ އެވެ.
ވިވިއަން ކުރިން ވަނީ އޭނާގެ ފުރަތަމަ ސިލްސިލާ "ޕިޔާރް ކީ ޔޭ އޭކް ކަހާނީ"ގެ ކޯސްޓާރު ވެހްބިޒް ޑޮރަބްޖީއާ ކައިވެނިކުރުމަށްފަހު 2021ގެ ޑިސެމްބަރުގައި އޭނާއާ ވަކިވެފަ އެވެ.