"ކަސޯޓީ ޒިންދަގީ ކޭ"ގެ ފުރަތަމަ ސީޒަންގެ ބަތަލާ ޝްވޭތާ ތިވާރީ ޓީވީ ސިލްސިލާ އަކުން ނުފެންނަތާ ދެ އަހަރެއްހާ ދުވަސް ފަހުން އާ ސިލްސިލާއެއް ކުޅެން ފަށައިފި އެވެ.
އޭނާ މިފަހަރު ކުޅެނީ "މައި ހޫން އަޕަރްޖީތާ" ކިޔާ ސިލްސިލާ އެކެވެ.
މި ސިލްސިލާ ފެށުމާ ދިމާކޮށް ދިން އިންޓަވިއު އެއްގައި ޝްވޭތާ ބުނީ މި ސިލްސިލާ އަކީ ވެސް ކައިވެނީގައި ޖެހޭ މައްސަލަތައް ދައްކުވައިދޭ ޑްރާމާއެއް ކަމަށެވެ. މިފަދަ ޑްރާމާ އެއް ކުޅުނު ނަމަވެސް ކައިވެންޏަށް އޮތް އިތުބާރު މިހާރު އޭނާއަށް ނެތް ކަމަށެވެ،
"ކަސޯޓީ ޒިންދަގީ ކޭ" ކުޅުނުއިރު ޝްވޭތާ ކައިވެނިކޮށްގެން އުޅެނީ ރާޖޫ ނަމަކަށް ކިޔާ މީހަކާ އެވެ.
ރާޖޫ އާއި ޝްވޭތާ އަށް ލިބިފައިވާ އަންހެން ދަރިފުޅު ޕަލަކް ތިވާރީ ބޮޑުވެގެން މިހާރު އޭނާ ވެސް ވަނީ ފިލްމު ކުޅެން ފަށާފަ އެވެ.
އޭނާ ދެވަނަ އަށް ކައިވެނިކުރީ ޓީވީ އެކްޓަރު އަބިނަވް ކޯލީ އާ އެވެ. މި ކައިވެންޏަށް ފިރިހެން ދަރިއަކު ލިބުނުފަހުން މި ކައިވެނިވެސް ވަނީ ރޫޅިފަ އެވެ.
ޝްވޭތާ އަށް ކައިވެނީގެ ގުޅުމަށް އިތުބާރު ނުކުރެވެނީ ދެ ފަހަރަށް ކުރި ކައިވެނިން ވެސް ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައި ވުމުންނެވެ.
"އަހަރެން ދަރިފުޅު [ޕަލަކް] ކައިރީގައި ވެސް ބުނެފިން ކައިވެނި ކުރާނެކަމެއް ނެތޭ. ނަމަވެސް ޕަލަކް އަށް އޭނާ ބޭނުން ގޮތެއް ޚިޔާރުކުރުމުގެ ފުރުސަތު އޮންނާނެ،" ޝްވޭތާ ބުންޏެވެ.
ޝްވޭތާ، 41، ބުނި ގޮތުގައި އޭނާ ދެން އިތުރަށް ކައިވެންޏެއް ކުރާކަށް ގަސްތެއް ނުކުރެ އެވެ. ދެ ފަހަރު ކުރި ކައިވެންޏަށް ލިބުނު ދެ ދަރިން ގެންގުޅެ ބޮޑުކުރީ އެކަނި މާއެކަނި ކަމަށްވެސް ޝްވޭތާ ބުންޏެވެ.