ބޮލީވުޑް

ކޮމޭޑިއަންއަކަށް ވެވުނީ މީހުން ކުރި މަލާމާތުން: ބާރްތީ

ބާރްތީއަކީ ވަރަށް ކުޑައިރުއްސުރެ ފަލަބަލީގެ ޝިކާރައަކަށް ވެފައި ހުރި މީހެކެވެ. ނަމަވެސް މި ފަހަކުން ވަރަށް މަސައްކަތުން އޭނާގެ ބަރުދަން ވަނީ ވަރަށް ބޮޑުތަން ލުއިކޮށްލާފަ އެވެ.

މަލައިކާ އަރޯރާގެ ވެބް ޝޯ "މޫވިން ވިތު މަލައިކާ"ގައި ބައިވެރިވެ ވާހަކަ ދައްކަމުން ބާރްތީ ބުނީ އޭނާއަށް ހެއްވާ މަޖާ މީހަކަށް ވާން ޖެހުނީ އެކި މީހުންގެ ފަރާތުން ކުރިމަތިވަމުން އައި މަލާމާތުގެ ސަބަބުންނެވެ.

"ދެން ހެވޭ. އަންހެންކުދިން ތިވަރަކަށް ނުކާނެ. ތިވަރަށް ކަންޏާ ފަހުން ކިހިނެއް ވާނީ. ކައިވެނިކުރާނެ މީޙަކު ނުވާނެ،" ކުޑައިރު އޭނާއާ ކުރިމަތިވި ބައެއް މަލާމާތް ބާރްތީ ކިޔައިދިނެވެ.

މުމްބައި އަށް އައިސް ވަރަށް ހިތްވަރާއި މަސައްކަތުން ކޮމޭޑިއަން އެއްގެ ގޮތުގައި ބާރްތީ މަޝްހޫރުކަން ހޯދައި އޭނާއަށް ފާޑުކީ އެންމެންގެ އަނގަ ބަންދުކޮށްލި އެވެ. ނަމަވެސް އެވަރުން ވެސް އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ.

"އެންމެންވެސް ބުނި ފަލަކަމުން ކައިވެނިކުރާނެ މީހަކުވެސް ނުވާނޭ. ނަމަވެސް ހަރްޝް އާ ރައްޓެހިވެ ކައިވެންޏަށް ތައްޔާރުވުމުން އަނެއްކާވެސް މީހުން ކުރީ މަލާމާތް. އެންގޭޖްމަންޓް ފޮޓޯތައް ސޯޝަލް މީޑީއާގައި ޕޯސްޓްކުރީމަ ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތަކުގައި ހުރި ބުނެފަ 'އެތަކާއި ހިންޏެއްގެ ކޮމްބިނޭޝަން އަސްލު ވަރަށް ބަރާބަރޭ'، މިފަދަ އެއްޗެތި ވެސް،" ބާރްތީ ބުންޏެވެ.

ބާރްތީ ބުނި ގޮތުގައި ފިރިމީހާ ހަރްޝް މާ ހިކިކޮށް ހުރެފައި ބާރްތީ ފަލަކަމުން ވެސް ސޯޝަލް މީޑީއާގައި ވެސް މީހުން ވަރަށް ޓްރޯލް ކުރި އެވެ.
"ބައެއް މީހުން ބުނެފަ ހުރި ކުޑަ ކުއްޖަކާއޭ ތި ކައިވެނި ކުރަނީ، އަނެއް ބަޔަކު ބުނި ހީވަނީ މަންމައަކާއި ދަރިއަކާ ހެންނޭ،" މިކަހަލާ ބޭއަދަބީ ހުތުރު ވާހަކަ މީހުން އަބަދު އަހަންނާ ދިމާލަށް ކިޔަނީ،" ބާރްތީ ބުންޏެވެ.

ބާރްތީ އަކީ ކޮމޭޑިއަން އަކަށް ވާތީ މީޙުން ކިޔާ އެއްޗެތިން އަސަރު ނުކުރާނެކަމަށް ގިނަ ބަޔަކަށް ހީވެ އެވެ. ނަމަވެސް ހަގީގަތުގައި މީޙުން ކުރާ މަލާމާތުން އޭނާއަށް ވަރަށް އަސަރުކުރެ އެވެ. ކޮންމެވެސް މަޖާ ރައްދެއް ދީފައި އޭނާ އެކަން ހަނދާން ނައްތާލަނީ އެނޫން ގޮތެއް ނޯންނާތީ އެވެ.