ބޮލީވުޑް

"ސީއައިޑީ" އެކްޓަރު ވިވެކް މިހާރު ޔުނިވަސިޓީ ޕްރޮފެސަރެއް

ސޮނީ ޓީވީން 21 އަހަރު ވަންދެން މެދުނުކެނޑި ދެއްކި ސީރީޒް "ސީއައިޑީ"އަކީ ވަރަށް ގިނަ ބަޔަކު ވަރަށް ޝައުގުވެރިކަމާއެކު ބަލާފައިވާ ސިލްސިލާ އެކެވެ.

މި ޝޯގެ ކޮންމެ އެޕިސޯޑެއްގައި ދައްކަނީ ކުށްތަކަށް އަރައިގަނެފައިވާ ބަޔެއްގެ ހަގީގަތް ހޯދައި އެ ކުށް ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސީއައިޑީ ފުލުހުންގެ ޓީމެއް ކުރާ މަސައްކަތެވެ.

މި ޑްރާމާގައި އެންމެ މުހިއްމު ކެރެކްޓާތަކުގެ ތެރޭގައި އޭސީޕީ ޕްރަދިޔުމަން އާއި ދަޔާ ފަދަ ކެރެކްޓާތައް ހިމެނެ އެވެ. އަދި އިންސްޕެކްޓާ ވިވެކް އަކީ ވެސް ސީއައިޑީގެ އެންމެ ފަހުގެ އެޕިސޯޑުތަކުގައި ފެނުނު ވަރަށް މަގްބޫލު ކެރެކްޓާ އެކެވެ.

"ސީއައިޑީ"ގައި އިންސްޕެކްޓާ ވިވެކްގެ ރޯލު އަދާކޮށްފައިވަނީ ވިވެކް މަޝްރޫ އެވެ. މި ޝޯ ދެއްކުން ހުއްޓާލުމަށްފަހު ޝޯގެ އެހެން ބައިވެރިން ސްކްރީނުން ގެއްލުނު ގޮތަށް ވިވެކް ވެސް ވަނީ ގެއްލިފަ އެވެ. އަދި އޭނާގެ ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވުމަށްފަހު އިއްޔެ ސޯޝަލް މީޑީއާގައި ވިވެކްގެ ޚަބަރެއް ވައިރަލް ވެފައި ވެއެވެ. މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ވިވެކް ވަނީ އެކްޓްކުރުން ހުއްޓާލައި އޭނާގެ ކެރިއަރު ބަދަލުކޮށް މަތީ ތައުލީމު ހާސިލުކޮށްފަ އެވެ.

އަދި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އިންސްޕެކްޓާ ވިވެކް އަކީ މިހާރު ބެންގަލޫރޫ ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށް މި ވައިރަލްވެގެން އުޅޭ ޚަބަރުގައި ބުނެފައި ވެއެވެ.

ވިވެކްގެ ޚަބަރަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި ހަގީގަތުގައި ވެސް އޭނާ މިހާރު އުޅެނީ ބެންގަލޫރޫ ޔުނިވަސިޓީގެ ޕްރޮފެސަރެއްގެ ގޮތުގައި ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތުގަ އެވެ.

"އޭނައަކީ އަހަރެންގެ ބޭބެ ކިޔަވާ ކޮލެޖުގެ ޕްރޮފެސަރެއް. ދޮގެއް ނޫން މިހަދަނީ،" މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ވިވެކްގެ ލިންކްޑްއިން ޕްރޮފައިލްގައި ލިޔެފައިވާ ގޮތުގައި އޭނާ މިހާރު މަސައްކަތް ކުރަނީ ބެންގަލޫރޫގެ ސީއެމްއާރް ޔުނިވަސިޓީގެ ޑިޕާޓްމަންޓް އޮފް ކޮމަން ކޯ ކަރިކިއުލަމް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ.

ވިވެކްގެ ކެރިއަރަށް މިގެނައި ބޮޑު ބަދަލުގެ ސަބަބުން އޭނާގެ "ސީއައިޑީ" ފޭނުންގެ ތެރެއިން ގިނަ ބަޔަކު ހައިރާންވެ އަންތަރީސް ވެފައި ވެއެވެ.

"ސީއައިޑީ އޮފިސަރަކުން ޔުނިވަސިޓީ ޕްރޮފެސަރަކަށް. ވާހް. ކޮން ފަދަ ބަދަލެއް،" ވިވެކްގެ ފޭނަކު ކުރި ކޮމެންޓެއްގައި ވެއެވެ.

އެހެން ފޭނަކު ލިޔުނު ގޮތުގައި ވިވެކް ނޫނަސް "ސީއައިޑީ"ގައި ޑރ. ތާރިކާގެ ރޯލު ކުޅުނު ބަތަލާ ވެސް މިހާރު ވަނީ އެކްޓިން ކެރިއަރު ދޫކޮށްލައި މުޅިން އެހެން މަސައްކަތެއް ފަށާފަ އެވެ.