ބޮލީވުޑް

ރަލުގެ މަސްތުގައި ޕޫޖާ ބަޓް ދިރިއުޅުން ބަރުބާދުކޮށްލި

"ބިގް ބޮސް އޯޓީޓީ"ގެ ބައިވެރިއެއްގެ ގޮތުގައި ބަތަލާ ޕޫޖާ ބަޓް ވެސް މިހާރު ހުރީ ބިގް ބޮސްގެ ގޭގައި ބަންދުވެގެންނެވެ.

"ބިގް ބޮސް"ގެ ގޭގައި ހުރެ ޕޫޖާ ވަނީ އޭނާގެ ހަޔާތުގެ ސަފުހާތައް ބައިވެރިންނަށް ކިޔައިދޭން ފަށާފަ އެވެ.

ރަލުގެ މަސްތުގައި އޭނާ ޖެހުނު ގޮތާއި އެކަމުން ސަލާމަތްވުމަށް ކުރަމުންދާ މަސައްކަތް އަދި އަލްކޮހޯލް އެޑިކްޝަންގެ ސަބަބުން އަމިއްލަ ދިރިއުޅުން ބަރުބާދުވީ ގޮތް ޕޫޖާ ކިޔައިދީފައި ވެއެވެ.

ބިގް ބޮސްގެ ގޭގައި މިހާރު ހުރި ވީޖޭ އަދި އެކްޓަރު ސައިރަސް ބްރޯޗާއާ އެކު ވާހަކަ ދައްކަމުން ޕޫޖާ ބުނީ އޭނާއަށް ރަލުގެ އަވައިގައި ޖެހިގެން ގޮސް މީހުން އޭނާއާ ދިމާލަށް އަލްކޮހޮލިކް އޭ (ރަލަށް ދެވި ހިފާފައި ހުރި މީހެކޭ) ގޮވި ކަމަށެވެ.

އުމުރުން 44 އަހަރުގެ ޕޫޖާ ބުނީ ރަލުގެ މަސްތުން ސަލާމަތްވުމަށް ގަސްދުކޮށް އެ މަސައްކަތް ފެށީ ވަރަށް ފަހުން ކަމަށެވެ. އަދި އެކަން ކާމިޔާބުވެފައިވާ ކަމަށްވެސް ޕޫޖާ ގަބޫލު ކުރެ އެވެ.

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު-ޑައިރެކްޓަރު މަހޭޝް ބަޓްގެ ދޮށީ އަންހެން ދަރިފުޅު އަދި ބަތަލާ އާލިއާ ބަޓްގެ އެއްބަފާ ދައްތަ ޕޫޖާ ބުނި ގޮތުގައި ގިނަ މީހުންނަށް ހީވަނީ ރަލުގެ މަސްތުގައި ޖެހުމަކީ ހަމައެކަނި ފިރިހެނުންނަށް ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް މިއީ އަންހެނުންނަށް ވެސް ދިމާވާ އަދި ދިމާވެދާނެ ކަމެއް ކަމަށާއި ރަލަށް ދެވި ހިފުމުން ސަލާމަތްވުމަށް މަސައްކަތް ކުރީވެސް އޭނާ އަމިއްލައަށް އެކަމަށް ބޭނުންވެގެން ކަމަށެވެ. އަދި މިހާރު އޭނާ އެއްގޮތަކަށްވެސް ރާ ނުބޯތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ޕޫޖާ ބުންޏެވެ.

ޕޫޖާ ބޮލީވުޑަށް ތައާރަފްވީ އޭނާގެ ބައްޕަ އުފެއްދި "ޑެޑީ" އިން 1989 ވަނަ އަހަރު އެވެ. ނަމަވެސް އޭނާ 2015ގައި ދީފައިވާ އިންޓަވިއު އެއްގައި ޕޫޖާ ބުނީ އޭނާ ތައާރަފްވާން އޮތީ އެހެން ފިލްމަކުން ކަމަށާއި އެ ފިލްމު އޭނާ ގަބޫލު ނުކުރީ ކަމަށެވެ. އެ ފިލްމަކީ ޕޫޖާގެ ބައްޕަ މަހޭޝް ބަޓް އުފެއްދި ބްލޮކްބަސްޓާ ފިލްމު "އާޝިގީ" އެވެ.

ޕޫޖާ ބުނި ގޮތުގައި "އާޝިގީ" ކުޅެން އެއްބަސްނުވީ އޭރު ރައްޓެހިވެގެން އުޅުނު މީހާގެ ސަބަބުން ކަމަށެވެ.

"އަހަރެންގެ އޭރުގެ ލޯބިވެރިޔާ އަކީ އުމުރުން އެންމެ 12 އަހަރުއްސުރެ އަހަރެން އެ މީހެއް ދެކެ ވަރަށް ލޯބިވީ މީހެއް. އަހަރެމެން ދެ މީހުން ރައްޓެހިވީ އަހަރެންގެ އުމުރުން 16 އަހަރުގައި. އަދި "ޑެޑީ" ކުޅުނުއިރު އަހަރެންނަށް 17 އަހަރު. އޭގެ ފަހުން ލިބުނީ "ދިލް ހޭ ކެ މާން ތާ ނެހީ". އެ ފިލްމު ކުޅުނުއިރު ކިރިޔާ 18 އަހަރު ފުރުނީ. އެހިސާބުން އަހަރެންގެ ލޯބިވެރިޔާ ބުނެފި ދެން ފިލްމު ކުޅެގެން ނުވާނޭ. އަހަރެން ބޭނުމެއް ނޫނޭ ފިލްމު އެކްޓަރަކާ ކައިވެނި ކުރާކަށް،" ޕޫޖާ ކިޔައިދީފައި ވެއެވެ.

ނަމަވެސް ވަކި ހިސާބަކުން އެމީހާ އާއި ޕޫޖާގެ ގުޅުން ވަނީ ކެނޑިފަ އެވެ.

ޕޫޖާއާ އެކު ބިގް ބޮސްގެ ގޭގައި މި ވަގުތު ތިބި ފަންނާންގެ ތެރޭގައި އާކަންޝާ ޕޫރީ، އަވީނާޝް ސަޗްދޭވް އަދި އާލިއާ ސިއްދީފީ ފަދަ މީހުން ހިމެނެ އެވެ.