ބޮލީވުޑް

ސަލްމާނުގެ ފިލްމަކުން ޝެހެނާޒް ބޮލީވުޑަށް

މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 13 ވަނަ ސީޒަންގައި ބައިވެރިވެގެން ޝެހެނާޒް ގިލް ވަނީ އެތައް މިލިއަން ބައެއްގެ ހިތާ ކުޅެލާފަ އެވެ. ހާއްސަކޮށް ބިގް ބޮސްގެ ގޭގައި އޭނާ އާއި މިހާރު މި ދުނިޔެއާ ވަކިވެފައިވާ އެކްޓަރު ސިދާރްތު ޝުކްލާގެ ލޯބީގެ ވާހަކަތަކުގެ ސަބަބުން ޝެހެނާޒް އަށް ބޮޑު މަޝްހޫރުކަމެއް ވަނީ ލިބިފަ އެވެ.

ޕަންޖާބު އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޝެހެނާޒްގެ ޕަންޖާބު ފިލްމެއް މިދިޔަ އަހަރު ރިލީޒްވެފައި ވެއެވެ. އަދި ދާދި އަވަހަށް އޭނާ ބޮލީވުޑް ފިލްމު ކުޅެން ފަށަން އުޅޭކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.

ޝެހެނާޒް ބޮލިވުޑަށް ތައާރަފްވާނީ ސަލްމާން ޚާންގެ "ކަބީ އީދު ކަބީ ދިވާލީ" އިން ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި މި ފިލްމުގެ ރޯލެއް ޝެހެނާޒަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެއެވެ.

ފިލްމާ ގުޅުން ހުރި މީހަކު އިންޑިއާގެ ނޫހަކަށް ކިޔައިދިން ގޮތުގައި ޝެހެނާޒް ވަނީ "ކަބީ އީދު ކަބީ ދިވާލީ'ގެ ކާސްޓުގައި ބައިވެރިވެފަ އެވެ. މި ފިލްމުގައި ޝެހެނާޒް ކުޅެނީ އަޔޫޝް ޝަރުމާގެ ލޯބިވެރިޔާގެ ރޯލު ކަމަށް ވެއެވެ.

އަޔޫޝް އަކީ ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ފިރިމީހާ އެވެ. މި ފަހަކަށް އައިސް ސަލްމާން އުފައްދާ ފިލްމުތަކުގައި އަޔޫޝް ބައިވެރި ކުރެ އެވެ. އަދި "ކަބީ އީދު ކަބީ ދިވާލީ"ގައި ވެސް އަޔޫޝް ބައިވެރިވާކަން އޭނާ ވަނީ ދާދިފަހުން އިއުލާންކޮށްފަ އެވެ.

ޝެހެނާޒް މި ފިލްމުގައި ބައިވެރިވާކަން ރަސްމީކޮށް އަދި އިއުލާން ކޮށްފައި ނުވިޔަސް އޭނާ ފިލްމު ކުޅެން އެއްބަސްވެފައިވާ ކަމަށް ވެއެވެ.
މި ފިލްމުގައި ޒަހީރް އިގްބާލް ކިޔާ އެކްޓަރެއް ވެސް ބައިވެރި ވެއެވެ. ފިލްމުގައި ޒަހީރް އާއި އަޔޫޝް ކުޅެނީ ސަލްމާންގެ ދެ ކޮއްކޮއިން ރޯލެވެ. ސަލްމާންގެ ލޯބިވެރިޔާގެ ރޯލު ކުޅެނީ ޕޫޖާ ހެގްޅޭ އެވެ.

މި ފިލްމުގެ 90 ދުވަހުގެ ޝެޑިއުލް އެއް ކަޖްރާތު ކިޔާ ރަށެއްގައި ވަރަށް އަވަހަށް ފަށަން ހަމަޖެހިފައި ވެއެވެ.

މި ފިލްމު ކުރިން ޕްރޮޑިއުސްކުރާ ގޮތަށް އޮތީ ސާޖިދު ނަދިއަދްވާލާ އެވެ. ނަމަވެސް ސަލްމާނާއި އޭނާގެ މެދުގައި ޖެހުނު މައްސަލަ ތަކަކަށްފަހު ސާޖިދު ވަނީ ފިލްމާ ވަކިވެފަ އެވެ. އެހެންވެ މިހާރު މި ފިލްމު ޕްރޮޑިއުސްކުރަނީ ހުދް ސަލްމާނެވެ. އަދި ފިލްމު ޑައިރެކްޓްކުރުމުގެ ޒިންމާ ވެސް ފަހަރެއްގައި ސަލްމާން ނަގާފާނެކަމަށް ހަބަރުތައް ބުނެ އެވެ.