ޔުކްރޭންގައި ގާއިމުކޮށްފައި ހުރި ސްޓާލިންކް ސެޓެލައިޓް ކޮމިއުނިކޭޝަން ސްޓޭޝަނަކަށް ރަޝިއާ ސިފައިން ހަމަލާދީ ހަލާކުކޮށްލައިފި އެވެ.
ރަޝިއާގެ ހަމަލާތަކުގައި، ސްޓާލިންކް ސްޓޭޝަންގެ އިތުރުން ހަނގުރާމަމަތީ ހަތަރު އުޅަދަކަށް އަދި އެމެރިކާ އާއި ޔޫރަޕުން ޔުކްރޭނަށް ދީފައި ހުރި ހަތިޔާރުތަކަކަށް ހަމަލާދީ ވަނީ ބޭނުންނުކުރެވޭވަރު ކޮށްފަ އެވެ.
ރަޝިއާ ސިފައިން ޔުކްރޭން ތެރެއަށް ފެތުރިގަނެ 200 އެއްހާ ސިފައިން މަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުކްރޭންގެ ދިފާއީ ފާރުތައް ފޫއަޅުވާލައި، ރަޝިއާ ސިފައިން އެ ގައުމުގެ ތެރެއަށް ވަރަށް ބޮޑަށް ފެތުރިގެންފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.
ރަޝިއާ ސިފައިން ހަލާކުކޮށްލި ސްޓާލިންކް ސެޓެލައިޓް ސްޓޭޝަނަކީ، ރަޝިއާގެ އަސްކަރިއްޔާއިން ބުނި ގޮތުން، ޔުކްރޭން ސިފައިން ޑްރޯން ކޮންޓްރޯލްކުރަން ބޭނުންކުރާ އިންޓަނެޓެް ސްޓޭޝަނެކެވެ.
މި ސްޓޭޝަން މެދުވެރިކޮށް އުދުއްސާ ޑްރޯންތަކުން ރަޝިއާގެ އަވަށްތަކަށް އެތައް ފަހަރަކު ވަނީ ހަމަލާދީފަ އެވެ.
ޔުކްރޭންގައި ސްޓާލިންކް އިންޓަނެޓް ބޭނުންކުރަނީ އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކްގެ އެހީއާ އެކު އެވެ. ޔުކްރޭން ހަނގުރާމަ 2023 ގައި ފެށުނުތަނާހެން އީލޮން މަސްކް ވަނީ ޔުކްރޭނަށް ސްޓާލިންކް ސްޓޭޝަންތައް ފޮނުވާފަ އެވެ.
އީލޮން މަސްކް ޔުކްރޭނަށް ފޮނުވި ގިނަ ސްޓޭޝަންތަކަކީ ހަދިޔާގެ ގޮތުގައި، މަދަނީ ބޭނުންތަކަށް އަދި ދިފާއީ ބޭނުންތަކަށް ފޮނުވި ތަކެއްޗެވެ. އެއީ އެހެން ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރަން ފޮނުވި އާލާތްތަކެއް ނޫނެވެ.