ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އިންޓަނެޓް ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ. ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދިން ފަނާކުރަނިވި ހަމަލާތަކުގައި -- ޔުކްރޭނުން އިންޓަނެޓް ކަނޑައިގެން ގޮސް ހާލުގައި ޖެހުނެވެ.
ޔުކްރޭނަށް އިންޓަނެޓް ދިނުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެން ފޯރުކޮށްދެއްވީ އެމެރިކާގެ މަހުޖަނު -- ކަރަންޓް ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ވެރިޔާ އަދި ސްޕޭސްއެކްސް އާއި ސްޓާލިންކްގެ ވެރިޔާ އީލޮން މަސްކް އެވެ.
މިހާރު އެކްސްގެ ނަމަށް ނަން ބަދަލުކޮށްފައިވާ ޓްވިޓާ މައިކްރޮބްލޮގިން ޕްލެޓްފޯމްގެ ވެރިޔާ އަކީ ވެސް އީލޮން މަސްކް އެވެ.
އީލޮން މަސްކްގެ ސްޓާލިންކުން ޔުކްރޭނަށް އިންޓަނެޓް ފޯރުކޮށްދިނީ ހަމައެކަނި މަދަނީ ބޭނުންތަކަކަށް ނޫނެވެ. އެ ގައުމުގެ އަސްކަރިއްޔާއަށް ވެސް ސްޓާލިންކް ވަރަށް ބޮޑު ފައިދާއެއް ކޮށްދިނެވެ.
ސްޓާލިންކް އިންޓަނެޓްގެ އެހީތެރިކަމުގައި ޔުކްރޭންގް އަސްކަރިއްޔާއިން އެއްމެ ބޮޑު ފައިދާއެއް ނެގީ ޑްރޯނުންނެވެ. އެއީ ރަޝިއާގެ އަސްކަރީ ފައުޖުތައް ރުކުރުވާލާފައި ތިބި ގޮތް ބެލުމަށް ޑްރޯންތައް ފޯރުކޮށް އެހީތެރިކަމުންނެވެ. ވީޑިއޯ އާއި ފޮޓޯ ވަގުތުން ވަގުތަށް އަތުޖައްސައިގެންނެވެ.
މީގެ އިތުރުން ޔުކްރޭންގެ އަސްކަރިއްޔާއިން ޑްރޯންގެ އެހީގައި ރަޝިއާގެ ފައުޖުތަކަށް މިސައިލް ހަމަލާ ވެސް ވަނީ ދީފަ އެވެ. އަދި ރަޝިއާގެ ބޮޑަރު ހުރަސްކޮށް ހަމަލާ ދިނުމަށް ޑްރޯންތައް ވަނީ ބޭނުންކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގެ އަސްކަރިއްޔާއިން މިފަދައިން ދޭން އުޅުނު ހަމަލާއެއް ސްޓާލިންކުން ވަނީ ހުއްޓުވާފަ އެވެ.
ރަޝިއާ ސިފައިންގެ ކޮންޓްރޯލްގައި އޮތް ކްރައިމިއާއަށް ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ހަމަލާއެއް ހުއްޓުވީ -- ޚަބަރުތައް ބުނާ ގޮތުން އީލޮން މަސްކްގެ އަމުރަަށެވެ. އެއީ އެ ހަމަލާގެ ސަބަބުން ހަނގުރާމަ ވަރަށް ބޮޑަށް ފުޅާވެދާނެ ކަމަށް ބެލެވިފައި އޮތުމުންނެވެ.
ޔުކްރޭނުން ކްރައިމިއާއަށް ދޭން އުޅުނު ހަމަލާ ކާމިޔާބުވި ނަމަ -- އީލޮން މަސްކް ދެކެވަޑައިގަންނަވާ ގޮތުގައި ނިއުކްލިއާ ހަަނގުރާމައެއް ފެށޭނެ އެވެ.
ޔުކްރޭން ޑްރޯންތައް ހުއްޓުވީ ސްޓާލިންކްގެ އިންޖިނޭރުން ގާތު ބުނެގެން ކްރައިމިއާ ސަރަހައްދުން އިންޓަނެޓް ކަނޑާލައިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިކަން ކުރުވީ ސީދާ އީލޮން މަސްކް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.