ދުނިޔެ

ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރެވޭނެ އެއީ ނެތް ގޮތް: އީލޮން މަސްކް

ރަޝިއާ އަދިވެސް ޔުކްރޭނާ ދެކޮޅަށް އެކަށީގެންވާ ވަރަށް ބާރުގެ ބޭނުން ނުކުރާ ކަމަށް ވިދާޅުވެ ސްޕޭސް އެކްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، އީލޮން މަސްކް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުން ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރެވޭނެ އެއީ ނެތް ގޮތެވެ.

މަސްކް މިހެން ވިދާޅުވީ ޔުކްރޭނަށް އެހީވުމަށް އެމެރިކާގެ ގާނޫނުުހަދާ މަޖިލީހުގައި ބަހުސްކުރި ބިލަކާ ބެހޭ ގޮތުން ދެއްކެވި ވާހަކައެއްގެ ތެރެއިންނެވެ. މި ބިލު މިހާރު ވަނީ ފާސްކޮށްފަ އެވެ.

މި ބިލުގެ ޖުމުލަ އަދަދަކީ 95.34 ބިލިއަން ޑޮލަރެވެ. ޔުކްރޭނަށް 60 ބިލިއަން ޑޮަލަރު އަސްކަރީ އެހީގެ ގޮތުގައި އޮތީ ކަނޑައަޅާފަ އެވެ. އިޒުރޭލަށާއި ޓައިވާނަށް ވެސް މި ބިލުން އެހީދޭނެ އެވެ.

އީލޮން މަސްކް އެކްސްގައި (ޓްވިޓާގައި) މިހެން ވިދާޅުވުމާ ގުޅިގެން އޭނާއަށް ތާއީދުކޮށް -- އަދި ޔުކްރޭނަށް އެހީ ފޯރުކޮށްދިނުމާ ދެކޮޅަށް އެތައް ބަޔަކު ވަނީ ވާހަކަދައްކާފަ އެވެ.

މަސްކް ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއިން ދޭ އަސްކަރީ އެހީގެ ސަބަބުން ޔުކްރޭނަށް އެއްވެސް ފައިދާއެއް މޮޅެއް ނެތެވެ. އޮތީ ހުސް ނުރައްކަލާއި ގެއްލުމެވެ.

އެމެރިކާއާ އިނގިރޭސިވިލާތް އަދި ޔޫރަޕް ގުޅިގެން ޔުކްރޭން ހަނގުރާމަ ދިގުދަންމަން ހަދައިގެން ޔުކްރޭން ސުންނާފަތިވުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައަށް އޮތް ހައްލަކީ މަޝްވަރާކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށް މަސްކް ވިދާޅުވި އެވެ. ހަނގުރާމަ ހުއްޓާލައި ޔުކްރޭން ބިނާކުރަން ފުރުސަތު ދިނުމަށް އޭނާ ވަނީ އެމެރިކާ އަށާއި ޔޫރަޕަށް ގޮވާލާފަ އެވެ.

އީލޮން މަސްކް އަކީ ޔުކްރޭން ހަނގުރާމައާ ވަރަށް ދެކޮޅު ބޭފުޅެކެވެ. ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް އޭނާ ވަނީ އެތައް ތަނެއްގައި -- އެތައް ފަހަރަކު ގޮވާލައްވާފަ އެވެ.

މަސްކް ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭން ހަނގުރާމަ ނުހުއްޓިގެން އުޅެނީ އެމެރިކާގެ ސަބަބުންނެވެ. ޔުކްރޭނަށް ހޭދަކުރުމަށް ވުރެ އެމެރިކާގެ މަސްލަހަތުގައި -- މަދަނީ ކަންކަމަށް ޚަރަދުކުރުން މާ ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ވެރިކަން ބަދަލުކުރަން ހުޅަނގުން ރާވާ ރޭވުންތަކަށް ފާޑު ވިދާޅުވި މަސްކް ވިދާޅުވީ ޕޫޓިން ވެރިކަމުން ދުރުކޮށް ދެން ގެންނަ މީހަކީ ހުޅަނގަށް މަސަލަސްކުރެވޭނެ މީހެއްކަން އެނގެނީ ކިހިނެއްތޯ އެވެ.

ޕޫޓިންއަށް ފަހު ރަޝިއާގެ ރައީސްގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކީ ހުޅަނގަށް ބޮޑު ބިރަކަށް ވުމަކީ ވެސް އޮތް ފުރުސަތެއް ކަަމަށް މަސްކް ވިދާޅުވި އެވެ.