ކްލަސްޓާ ބޮމަކީ ވަކި ބަޔަކު ބޭނުންކުރުން މަނާ އަދި ވަކި ބަޔަކު ބޭނުންކުރުން ހުއްދަ އެއްޗެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް އެމެރިކާގެ ބިލިޔަނަރު -- މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އެމެރިކާއިން ކްލަސްޓާ ބޮން ޔުކްރޭނަށް ފޯރުކޮށްދޭން ނިންމުމާ ގުޅިގެން އީލޮން މަސްކް ވިދާޅުވީ އެމެރިކާ އަކީ މުނާފިގުން ގިނަ ގައުމެއް ކަމަށާއި އެ މީހުންގެ ނިފާގުކަމާ ހެދި ނަސީބުވެސް ބިރުގަންނަ ކަމަށެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި އަމިއްލަ ފިކުރާއި ވިސްނުމުގައި ދެމިއޮވެވޭ ވަރަށް ވުރެ އެމެރިކާ ވަނީ ދަހިވެތިވެފަ އެވެ.
އޭނާ އަދި ވިދާޅުވީ ކްލަސްޓާ ބޮމަކީ އެހެން ގައުމުތަކުން ބޭނުންކުރުން މަނާ އެއްޗަކަށް ވެފައި -- އެމެރިކާއަށް އޭގެ ބޭނުން ޖެހުމުން ހުއްދަވީ ދެފުށްދެގޮތް ކަމާއި ދަހިވެތިކަމުން ކަމަށެވެ.
ޔުކްރޭންގައި ކްލަސްޓާ ބޮން ބޭނުންކޮށްގެން އެއްވެސް މޮޅެއް -- ކުރިއެރުމެއް ނުލިބޭނެ ކަމަށް މަސްކް ވިދާޅުވި އެވެ.
ހަސަދަވެރިކަމަކީ ތަބީއީ ކަމެއް ނަމަވެސް ނިފާގަކީ އަމިއްލައަށް ލިބިގަންނަ ސިފައެއް ކަމަށް މަސްކް ވިދާޅުވި އެވެ.
އެމެރިކާއިން ކްލަސްޓާ ބޮން ޔުކްރޭނަށް ފޯރުކޮށްދެނީ ގޮތް ހުސްވެގެންތޯ ވެސް މަސްކް ސުވާލުކުރެއްވި އެވެ.
އަދި އެމެރިކާ އަތުން ކްލަސްޓާ ބޮން ހުސްވާއިރު ވެސް ރަޝިއާގެ ގުދަންތަކުން ކްލަސްޓާ ބޮން ހުސްނުވާނެ ކަމަށް ވެސް ރަޝިއާއިން ވަނީ ބުނެފަ އެވެ.
އީލޮން މަސްކް ދެކެވަޑައި ގަންނަވާ ގޮތުގައި ރަޝިއާއާ ހަނގުރާމަކޮށްގެން ޔުކްރޭނަށް ކުރިއެރުމެއް ނުލިބޭނެ އެވެ. އަދި ޔުކްރޭނަށް އެމެރިކާއިން ފޯރުކޮށްދިން ހަތިޔާރުގެ އެއްވެސް ބާވަތަކުން ރަޝިއާ ބަލިކުރެވޭ ގޮތެއް ނުވި އެވެ.
ރަޝިއާ އަތުގައި މިހާރު ވެސް ޔުކްރޭނަށް ވުރެ ހަތިޔާރު 10 ގުނަ އިތުރު ކަމަށް ވެސް މަސްކް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާ އަތުގައި ޔުކްރޭނަށް ފޯރުކޮށްދެވޭ ދަރަޖައިގެ މާގިނަ ހަތިޔާރެއް މިހާރު ނެތް ކަމަށެވެ.
އެމެރިކާއިން ކްލަސްޓާ ބޮން ޔުކްރޭނަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ރަޝިއާއިން ބުނީ -- ޔުކްރޭނުން ކްލަސްޓާ ބޮން ބޭނުންކޮށްފި ނަމަ، އެ އަށް ވުރެ ބާރުގަދަ އަދި ކާމިޔާބު ވައްތަރުތަކުގެ ކްލަސްޓާ ބޮން ރަޝިއާއިން ބޭނުންކުރާނެ ކަމަށެވެ.