ރަޝިއާގެ ޚަބަރު ފަތުރާ ވަސީލަތްތައް ސްޓާލިންކުން ބްލޮކް ކުރުމަށް ގައުމުތަކުގެ ސަރުކާރުން އެދޭ ކަމަށް ސްޓާލިންކްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ބޮލުގައި ބަޑިޖައްސައިގެން ނޫން ގޮތަކަށް އެކަން ނުކުރާނެ ކަމަށެވެ.
ސްޓާލިންކްގެ ކިބައިން ރަޝިއާ ނޫސްތަކާއި ޚަބަރު ޗެނަލްތައް ބަންދުކުރަން އެދުނީ ކޮން ގައުމުތަކަކުންކަން އީލޮން މަސްކް ވިދާޅެއް ނުވެ އެވެ. އެނާ ވިދާޅުވި ގޮތުން ޔުކްރޭން ސަރުކާރުން އެކަމަށް ނޭދޭ ކަމަށެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށް މަސް އަބަދު ވެސް ވިދާޅުވެ އެވެ. ގައުމުތަކުގައި ބައިބައިވެގެންދާ ސިޔާސީ ފިކުރުގައި މީހުން މަގުތަކަށް އެއްވެ ދައްކާ ވާހަކަތަކަށާއި އަދި ގިނަ މީހުން ޚިޔާފު ފާޅުކުރަން މަސްކް ހިއްވަރު ވެސް ދެއްވަ އެވެ.
މިފަދަ ކަންތައްތައް ކުރައްވަން ހަދައިގެން މުޅި މީހާ ގަޔަށް ހޫނުފެންއެޅި ފިހޭ ފަހަރު ފަހަރު ވެސް އާދެ އެވެ.
މިދާކަށް ދުވަހު ކެނެޑާގައި ކޮވިޑް ވެކްސިނާ ދެކޮޅަށް އޮތް މުޒާހަރާއެއްގައި ބައިވެރިވި މީހުންނަށް މަސްކް ކުރެއްވި ތާއީދު ވަނީ ވިހަވެފަ އެވެ.
އިލޮން މަސްކް ގެންދަވަނީ ސްޓާލިންކް މެދުވެރިކޮށް ހާލުގައި ޖެހޭ ގައުމުތަކަށް ވެސް އިންޓަނެޓް ފޯރުކޮށް ދެއްވަމުންނެވެ.
މިއަހަރު ޖެނުއަރީގައި ޓޮންގާއަށް ކުރިމަތިވި އަލިފާން ފަރުބަދަ ގޮވައި ސުނާމީ އެރި ހާދިސާގައި ވެސް މަސްކް ވަނީ އެގައުމަށް ސްޓާލިންކުން އިންޓަނެޓް ދީފަ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ އުދުވާންގައި ޔުކްރޭނުން އިންޓަނެޓް ކަނޑައިގެން ދިއުމާ ގުޅީގެން ވެސް ސްޓާލިންކް ޓާމިނަލްތައް ޔުކްރޭނަށް ފޮރުވައި ވަނީ އިންޓަނެޓް ފޯރުކޮށްދީފަ އެވެ.