ދުނިޔެ

ޔުކްރޭން ދަނީ ކާމިޔާބާ ދިމާއަކަށް ނޫން: އީލޮން މަސްކް

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ޔުކްރޭންގެ މިސްރާބު އޮތީ ކާމިޔާބާ ދިމާއަށް ނޫން ކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

މަސްކް މިހެން ވިދާޅުވީ މަޝްހޫރު ވިޔަފާރިވެރިޔާ ޑޭވިޑް ސާކްސް ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދުގަ އެވެ.

ޑޭވިޑް ސާކްސް ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭންގެ އަސްކަރިއްޔާ އަށް ރައްދުގައި މާބޮޑު ކަމެއް ނުކުރެވެ އެވެ. އަދި ރަޝިއާ ބަލިކުރަން ޔުކްރޭނަށް އެކަށީގެންވާ ހަމަލާތަކެއް ނުދެވެ އެވެ. އާންމުންގެ ލޯމައްޗަށް ފެންނަނީ -- އޭނާ ގަބޫލުކުރައްވާ ގޮތުގައި ޔުކްރޭން ފޭލިވާ ތަނެވެ.

ޔުކްރޭންގެ އިމުން ރަޝިއާ ޖަހައިގެންފައި އޮތް ސަރަހައްދު -- ކްރައިމިއާ ވެސް ހިމެނޭ ގޮތުން އަނބުރައި ހޯދުމަކީ ޔުކްރޭނަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށްވެސް މަސްކް ދެކެވަޑައިގަންނަވަ އެވެ.

ވޮޝިންގްޓަނުން ބުނެގެން ރަޝިއާ ހުއްޓުވަން ޔުކްރޭނުން ކުރި އެއްވެސް ކަމަކުން އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށް ސާކްސް ވެސް ވިދާޅުވި އެވެ. އަދި ކްރައިމިއާ ބްރިޖު ވައްޓާލައި މަޝްވަރާ މޭޒުދޮށަށް ރަޝިއާ ގެނައުމަށް ވޮޝިންގްޓަނުން ބުނި ބުނުމުގައި އާރެއް ބާރެއް ނެތްކަން ސާބިތުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސާކްސް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓޭނެ ކަމަށް ފެނިވަޑައިގަންނަވަނީ ދެ ގައުމު އެއްވަރުވެގެންނެވެ. ރަޝިއާ ހިފާފައި އޮތް ޔުކްރޭންގެ ބިންތަކާ އެކު ހަނގުރާމަ ރަޝިއާ ކާމިޔާބު ކުރުމަކީވެސް އެކަށީގެންވާ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭންގެ ހާލަތު ދެން ބަދަލުވެގެން ދާނީ އަފްޣާނިސްތާންގެ ހާލަތަށް ކަމަށް ސާކްސް ވިދާޅުވި އެވެ. މަންޒަރު މިހާރުވެސް ފެނިވަޑައިގަންނަވަނީ އެފަދަ ގޮތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޑޭވިޑް ސާކްސްގެ މި ވާހަކަތަކަށް އީލޮން މަސްކް ވިދާޅުވީ "ތިޔަ ބުނީ ރަނގަޅަށް" ކަމަށެވެ.

ހަނގުރާމަ ހުއްޓާލަން ޔުކްރޭނަށް ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށް ސާކްސް ވިދާޅުވި އެވެ. އެ ފުރުސަތު ބޭނުން ނުހިފައި ދޫކޮށްލުމުން މިހާރު ހިފާނެ އެހެން އެއްޗެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.