ޔުކްރޭން ހަނގުރާމަ މާބޮޑަށް ވެސް ދިގުލައިގެން ހިނގައްޖެ ކަމަށް ވިދާޅުވެ ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެރިޔާ އީލޮން މަސްކް ފާޑުވިދާޅުވެއްޖެ އެވެ.
މަސްކް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ދިގުލައިގެން ގޮސްފައިވަނީ އެމެރިކާގެ ބައެއް ވެރިންގެ ސަބަބުންނެވެ.
ހަނގުރާމަ ހުއްޓުވުމުގެ ބަދަލުގައި ބައެއް ވެރިންގެ ފަރާތުން އަދިވެސް ފެންނަނީ އެކަމަށް ހިތްވަރުދެއްވާ މަންޒަރު ކަމަށް މަސްކް ވިދާޅުވި އެވެ.
މަސްކް ވިދާޅުވި ގޮތުގައި މިހާލަތުގައި -- ހަނގުރާމައިގެ ހާލަތު މިހާރު އޮތް ގޮތުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަކި އެމެރިކާއަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މިކަމުގެ ސަބަބުން ޔުކްރޭން ދަރަނިވެރިވުމާއި އަޅުވެތިވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާ އަކީ ތަހުޒީބީ ގައުމެއް ކަމަށް ބުނެ ދައުވާކުރާއިރު، މަސްކް ވިދާޅުވި ގޮތުގައި ހަގީގީ ތަހުޒީބަކީ ސުލްހަވެރިކަމެވެ.
ސުލްހައަށް ބާރުއަޅައި ސުލްހަ ދެމެއްޓުމަކީ ވެސް ތަހުޒީބީ މުޖުތަމައަކުން ފެންނަންޖެހޭ ސިފަތަކެއް ކަމަށްވެސް މަސްކް ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމައަށް އެމެރިކާއިން ވަރަށް ބޮޑު ޚަރަދެއްކޮށްފިކަން ފާހަގަކުރައްވައި މަސްކް ވިދާޅުވީ އެމެރިކާއާ ބައިވެރިގެން ޔޫރަޕުން ވެސް ކުރަނީ ފަނާކުރަނިވި އަމަލުތަކެއް ކަމަށެވެ.
ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ އެއްވެސް ގައުމަކަށް ފައިދާ ނުވާނެ ކަމަށްވެސް މަސްކް ވިދާޅުވި އެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވޭނީ ވެރިންގެ ތެރެއިން ވަކިވަކި ފަރުދުންނަށް ވެސް ހަނގުރާމައިގެ ނުރައްކާތެރިކަން ވިސްނުނު ދުވަހަކުންނެވެ.