ސަލްމާން ޚާން ހޯސްޓްކުރާ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ 16 ވަނަ ސީޒަން ފަށަން މިހާރު ވަނީ ތައްޔާރު ވެފަ އެވެ.
ކަލާޒް ޓީވީން ދައްކާ މި ޝޯގެ ޕްރޮމޯޝަންތައް މިހާރު ދައްކަމުންދާއިރު އަލަށް ދެއްކި ޕްރޮމޯގައި ސަލްމާން ހުންނަނީ މޮގެމްބޯގެ ހެދުމުގަ އެވެ.
އަމްރިޝް ޕޫރީ ކުޅުނު މޮގެމްބޯ ކެރެކްޓާ އަކީ 1987 ވަނަ އަހަރު ރިލީޒްކުރި މިސްޓާ އިންޑިއާ އިން ވަރަށް މަޝްހޫރުކަން ހޯދި އަދި މިހާތަނާ ޖެހެންދެން ވެސް ގިނަ ބަޔަކު އެ ކެރެކްޓާއެއްގެ މަތިން ހަނދާންކުރާ ނުބައިބައި މީހެއްގެ ކެރެކްޓާ އެވެ.
"މޮގެމްބޯ ދެން ދުވަހަކުވެސް އުފަލެއް ނުވާނެ. ސަބަބަކީ ދެން އެންމެންވެސް ބިރުގަންނާނީ ބިގް ބޮސް ދެކެ ކަމަށް ވާތީ. ބިގް ބޮސް 16 އިން ފެށިގެން ގޭމް މުޅިން ބަދަލުވާނެ. ސަބަބަކީ ބިގް ބޮސް އަމިއްލައަށް ވެސް ގޭމް ކުޅޭނެތީ،" އަލަށް ދައްކަން ފެށި ޕްރޮމޯގައި ސަލްމާން ބުނެ އެވެ.
މި ޕްރޮމޯ ސޯޝަލް މީޑިއާގައި ޝެއާ ކުރަމުން ކަލާޒް ޓީވީގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުން ޝެއާ ކުރި މެސެޖެއްގައި ވެސް ބުނެފައިވަނީ މިފަހަރު ޚުދް ބިގް ބޮސް ކުޅުމުގައި ބައިވެރިވާތީ އެހެން އެންމެން ފެއިލް ވާނެ ކަމަށެވެ.
ކުރިން ރިލީޒްކުރި ޕްރޮމޯގައި ސަލްމާން ހުރީ ފިލްމު "ޝޯލޭ"ގައި އަމްޖަދު ޚާން ކުޅުނު ނުބައިބައި ކެރެކްޓާ ގައްބަރް ސިންގް ހެދުން އަޅާފައި ހުރި ގޮތަށް ހެދުން އަޅައިގެން ގައްބަރަށް ހެދިގެންނެވެ.
"ޝޯލޭ"ގެ މަޝްހޫރު ޑައިލޮގެއް މި ޕްރޮމޯގައި ސަލްމާން ކިޔަ އެވެ. "50-50 މޭލު ދުރުން ކުޑަ ކުއްޖަކު ރޯ އަޑަށް މަންމަ އެ ކުއްޖާ ކައިރި ބުނާނެ ނިދާށޭ ނޫނީ ގައްބަރު އަތުވެދާނޭ،" އެ ފިލްމުގެ ޑައިލޮގްގައި ބުނެ އެވެ. ނަމަވެސް ސަލްމާން މި ޑައިލޮގް ކިޔަނީ ގައްބަރުގެ ބަދަލުގައި ބިގް ބޮސް އަތުވެދާނޭ ކިޔައިގެންނެވެ.
މިފަހަރުގެ ޝޯގެ ބައިވެރިންގެ ތެރޭގައި ގިނައީ ޓީވީ އެކްޓަރުންނެވެ. މީގެތެރެއިން ވެސް ޓިނާ ދައްތާ، ޝަލީން ބަނޯތު، ސްރީޖީތާ ޑޭ، މާންޔާ ސިންގް، ސުންބުލް ތައުގީރު، ޖަންނަތު ޒުބައިރު، ޕްރަކުރޫތީ މިޝްރާ އަދި "ސާތު ނިބާނާ ސާތިޔާ 2"އިން މަޝްހޫރުކަން ހޯދި ގޯތަމް ވިޖް ހިމެނެ އެވެ. އަދި ކޮމޭޑިއަން މުނައްވަރް ފާރޫގީ އާއި "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގައި ބަބީތާ ޖީގެ ކެރެކްޓާ ކުޅޭ މުންމުން ދައްތާވެސް މިފަހަރު "ބިގް ބޮސް"ގެ ގެއަށް ވަންނަން ވަނީ ހަމަޖެހިފަ އެވެ.
"ބިގް ބޮސް 16" ދައްކަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.