"ބިގް ބޮސް"ގެ މިފަހަރުގެ ސީޒަންގައި ބައިވެރިވާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ރުޅި އަމާޒުވެފައިވަނީ ޑައިރެކްޓަރު ސާޖިދު ޚާން އަށެވެ.
ސަބަބަކީ އޭނާއާއެކު މަސައްކަތްކުރި އަންހެން ފަންނާނުންނަށް ޖިންސީ ފުރައްސާރަކުރި މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާތީ އެވެ.
މީގެ ހަތަރު އަހަރު ކުރިން ފެށުނު "މީޓޫ" މޫވްމަންޓްގައި ވަރަށް ގިނަ ފަންނާނުން ސާޖިދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް މި ފާއިތުވީ ހަތަރު އަހަރު އޭނާ ހުރީ ފިލްމު އިންޑަސްޓްރީން މުޅިން ބާކީ ކޮށްލާފަ އެވެ.
އެހެން ހުއްޓާ ކުއްލިއަކަށް "ބިގް ބޮސް"ގެ ގެޔަށް ދައުވަތު ދީގެން އޭނާ ވެއްދުމާއެކު އެ ޝޯގެ ކުރީ ސީޒަނެއްގައި ވަރަށް މަޝްހޫރުކަމާއި ލޯބި ހޯދާފައިވާ ބަތަލާ ޝެހެނާޒް ގިލް އޭނާއަށް ތާއީދުކުރުން ގިނަ ބަޔަކަށް ބަލައިގަނެވޭ ވަރުގެ ކަމަކަށް ނުވި އެވެ.
"ހައުސްފުލް"، "ހައުސްފުލް 2" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސާޖިދު އަށް ތާއީދުކޮށް ޝެހެނާޒް ވާހަކަ ދައްކާފައިވާ ވީޑީއޯއެއް "ބިގް ބޮސް 16' ފެށި ރޭ ވަނީ ދައްކާފަ އެވެ. އެ ވީޑީއޯގައި ސާޖިދަށް ޝެހެނާޒް ނަސޭހަތްތެރިވެފައިވަނީ މީހުންނާ އަރާރުންނުވެ މަޖާކޮށް ބިގް ބޮސްގެ ގޭގައި އުޅުމަށެވެ.
މި ވީޑީއޯ ބަލާފައި ސާޖިދު ބުނެފައިވަނީ ޝެހެނާޒް އަކީ އޭނާގެ ކޮއްކޮއެއް ފަދަ މީހެއް ކަމަށެވެ.
ކޮންމެއަކަސް ސާޖިދަށް ޝެހެނާޒް ތާއީދުކުރުމުން ޝެހެނާޒް ދެކެ މާކުރިއްސުރެ ވަރަށް ލޯބިވާ އޭނާގެ ގިނަ އަދަދެއްގެ ފޭނުން ވަނީ ވަރަށް ރުޅިގަދަވެފަ އެވެ.
މި ޚަބަރަށް ކޮމެންޓުކުރި ބައެއް މީހުން ބުނީ އެމީހުން ޝެހެނާޒް ދެކެ ލޯބިވިޔަސް ސާޖިދު ދެކެ ވަރަށް ރުޅިއަންނަ ކަމަށެވެ. އަދި އޭނާ އަކީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުންނަން ޖެހޭނެ މީހެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ޝެހެނާޒަށް އަމާޒުކޮށް މީހުން ނަފުރަތުގެ ވާހަކަތައް ދައްކަމުން ފެށުމުން އޭނާގެ ބައެއް ފޭނުން ވަނީ ޝެހެނާޒާ އެއްކޮޅަށް ތެދުވެފަ އެވެ. އަދި އެއީ ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކުރަން މަސައްކަތްކުރާއިރު ކުރަން ޖެހިދާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ދެކޭ ކަމަށްވެސް ބައެއް މީހުން ކޮށްފައިވާ ކޮމެންޓުތަކުގައި ވެއެވެ.
ޝެހެނާޒް އަކީ "ބިގް ބޮސް 16"ގެ ހޯސްޓް ސަލްމާން ޚާން ވަރަށް ގާތް ކަމެއް ބާއްވާ ތަރިއެކެވެ. އެހެންވެ ސާޖިދު އަށް ތާއީދުކޮށް ވާހަކަ ދައްކަން އެދުނީމަ ޝެހެނާޒް އަށް އެކަން ނުކޮށް ނުކެރުނީ ކަމަށް ޝެހެނާޒްގެ ދިފާއުގައި ވާހަކަ ދެއްކި މީޙުން ބުނެފައި ވެއެވެ.