ވާހަކަ

ކަރުނައިގެ އަގު

0%
0%
0%

( 13 ފެބްރުއަރީ 2025 އަ ގުޅޭ )

"އަހަރެންގެ ނަސީބުން ވާކިފަށް ދީ ދީ މިއަދު އަހަރެންގެ އަތުގައި ދޭނޭ އެއްޗެއް ނެތުނީތަ؟. އަހަރެންގެ އަމިއްލަ ނަފްސަށް ޓަކައި އެއްވެސް ކަމަކަށް ނޭދެން. އެކަމަކު ވާކިފަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް އަހަރެން އެދުނިން. އަހަރެންގެ ނަސީބު ހުސްވީތަ؟. އަހަރެންގެ ނިމުން އަންނަނީތަ؟." މޫނުގައި ދެ އަތް އަޅާލައިގެން އިނދެ ރަހާއަށް ބުނެވުނެވެ.

ބަދިގެތެރެއިން އިވެމުންދިޔައީ ރަހާގެ ހިތްދަތި ރުއިމާއި ގުޅިފައިވާ ގިސްލުމުގެ އަޑެވެ. އޭނާއަށް ރުއިން ހުއްޓާނުލެވިގެން އުޅޭ ކަހަލަ އެވެ. އެކަނިވެރިކަން އައިސް ހަ ފަރާތުން އޭނާ ފިއްތަމުންދާ ފަދަ އެވެ. ހަޔާތުގެ އެކި ބާބުތައް މާޒީގެ ފޮތުން ނިއުޅި ލޯ ކުރިމަތިން ސިފަވަމުންދަނީ އެވެ. މަޣްރިބު ނަމާދަށް ގޮވި އަޑު ސިޓިންރޫމުގައި ހުޅުވާފައި ހުރި ޓީވީއިން އިވުނީ އެފަދަ ހާލެއްގައި ރަހާ ވަނިކޮށެވެ. އެ އަޑުން އޭނާގެ ބަލިކަށިވަމުން ދިޔަ ނަފްސަށް ހިތްވަރު ލިބި ހަމަވިސްނުން އެނބުރި ލިބުނީ އަޖައިބެއް ފަދައަކުންނެވެ. އެކަނިވެރިކަމުގެ ތެރެއިން އޭނާއާއެކު އެހެން ފަރާތެއް ވާކަމުގެ ހަނދާންކޮށްދިނުމަކުން އޭނާގެ ޟަމީރު ގޮވާލީ ފަދަ އެވެ. މަޑުމަޑުން ރަހާގެ ރުއިން މަޑުވާންފެށި އެވެ. ކާމޭޒުދޮށުން އޭނާ ތެދުވިއިރު ސައިބޯން އިށީންކަން ހަނދާން ނެތް ފަދަ އެވެ. ސައިތަށި ހުރި ގޮތަށް ބަހައްޓާފައި އޭނާ އައިސް ވަނީ ނިދާކޮޓަރިއަށެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ އޭނާ އެރީ ނަމާދަށެވެ. އިޝާ ނަމާދުގެ ވަގުތު ޖެހުމާޖެހެންދެން އޭނާ މުސައްލަމަތިން ނުފައިބަ އެވެ. ނަމާދުން އަވަދިވުމާ ހަމައަށް ރަހާގެ ހިތުގައިވީ އުދާސްތައް ކަރުނައިގެ ސިފަ ޚިޔާރުކުރި އެވެ. އެހެންނަމަވެސް އޭނާ ޔަޤީންކުރީ އޭނާގެ ހާލު އޭނާގެ ވެރި ރައްބަށް ސިއްރުވެގެން ނުވާކަމެވެ.

މޫނު ދޮވެލައިގެން ފާޚާނާއިން ނުކުމެ ރަހާ ތައްޔާރުވެލި އެވެ. ގޭގައި ލައިގެން އުޅޭ ހަރުވާޅާއި ޓީޝާޓު ބަދަލުކޮށްލީ އެވެ. ހަވީރު ބޭރަށްދާން ލީ އަޅިނޫކުލައިގެ ޝޯލްއާއި އެކުލައާ ގުޅޭ އަބާޔާއަށެވެ. ލޯގަނޑު ކައިރީ ހުރެ ޝޯލް އަޅައި ނިންމާލިއިރު އޭނާއަށް އަމިއްލަ މޫނު ފެނެ އެވެ. ރޮއެފައި ހުރިކަން އޭނާގެ ދެ ލޮލާއި މޫނުން ވެސް ހެކިދެ އެވެ. އެހެންވިޔަސް މޫނުގައި މޮއިސްޖަރައިސިން ކްރީމްކޮޅެއް އުނގުޅާލައި އޭގެ މަތިން ފުށްކޮޅެއް ޖަހާލި އެވެ. ހިކިފައި ހުރި ދެ ތުންފަތުގައި ލިޕްބާމް ހާކާލައި ތެތްމާލި އެވެ. ރީތިވެލައިގެން ކޮޓަރި ނުކުތް ރަހާ އައީ ބަދިގެއަށެވެ.

"ވާކިފެއް ނާންނާނެ. އޭނާ ހަނދާނެއްނެތްކަން ޔަޤީން... އެހެންނޫނަސް މީ އޭނާ ހަނދާންނެތުނު ފުރަތަމަ ފަހަރެއް ވެސް ނޫން." ކާމޭޒުމަތިން ސައިތަށްޓާއި ބިސްކޯދު ދަޅުނަގައި މޭޒުމަތި ސާފުކުރަމުން ދިޔައިރު ރަހާގެ ޚިޔާލުގައިވި އެވެ.

ގޭ ދޮރޯށިން ބޭރަށް ނުކުމެލި ހިނދު ރަހާގެ ހަށިގަނޑު ރޫރޫ އަޅުވާލީ ޖެހެމުންދިޔަ ގަނޑުފެންފަދަ ފިނިވައިންނެވެ. ވާރޭ ހުއްޓާލާފައި އޮތަސް ވިއްސާރައިގެ އަސަރެއް ނުފިލަ އެވެ. މަޑު ހިނގުމެއްގައި ރަހާ ހިނގައިގަތެވެ. އޭނާގެ އަތުގައި އޮތް ފޯނު އަތްދަބަހަށް ލުމުގެ ކުރީން ބަލާލި އެވެ. އަށެއް ޖެހީ އެވެ. އެހާއިރު ވެގެން ދިޔައިރު ވާކިފް އަދި ގެއަށް ނާދެ އެވެ. ރަހާ ކޮބާތޯ ބަލާލަން ގުޅާ ވެސް ނުލަ އެވެ. މިއަދަކީ އޭގެ ދެމަފިރިންގެ ކައިވެންޏަށް ބާރަ އަހަރު ވީ ދުވަހެވެ. ވާކިފް ހަނދާނެއްނެތްކަން ރަހާއަށް ޔަޤީންވެ އެވެ. ފާއިތުވި ހަތަރު އަހަރު ދިޔައީ އެހެންނެވެ. ކައިވެންޏަށް އަހަރު ފުރުނެއްކަމަކު އެކަން ދެމަފިރިންގެ ދެމެދުގައި ފާހަގަކޮށްފައެއް ނެތެވެ. ވާކިފްއަށް ހަނދާންކޮށްދޭން ޖެހެނީ ވެސް ރަހާ އަށެވެ. މި އަހަރު އެ ހިތްވަރެއް އޭނާގެ ނެތެވެ.

އަތިރިމަތީ ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ރަހާ އިށީނެވެ. އޭނާ ފެނިގެން މަގުގެ އަނެއް ފަރާތުގައި ހުރި ކެފޭގެ ތެރެއިން ނުކުމެގެން އައި ދެބައި އުމުރުގެ ފިރިހެންމިހާ ހުރީ ނިކަން ހިނިއައިސްފަ އެވެ.

"ބަލަބަލާ މިހުންނަނީ... ހިތަށް އެރި ވިއްސާރަކަމުން ނާދެވިގެން އުޅެނީއޭ." އެ ފިރިހެންމީހާ އައިސް ރަހާގެ ކައިރީ ހުއްޓިލަމުން ވާހަކަދެއްކި އެވެ.

"މިރޭ އަދުދާނު އެކަނިތަ؟. ކޮބާ ޒާހިރާ." ރަހާ އަހާލި އެވެ.

ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރީއްސުރެ ކޮންމެ ނޮވެމްބަރު މަހެއްގެ ތޭރަވަން ދުވަހު ރަހާއާއި ވާކިފް އެކުގައި ވަގުތު ހޭދަކުރާ ތަނެއްކަމުގައި އެ ކެފޭ ވެއެވެ. އެހެންނަމަވެސް މިފަހަކުން އެތަނުން ފެންނަނީ ރަހާ އެކަންޏެވެ. އަދުނާނާއި ޒާހިރާއަކީ އެ ކެފޭ ހިންގާ ދެމަފިރިންނެވެ. އަހަރުތަކާއެކު އެތަނަށް ވެސް ތަރައްޤީތައް އަތުވެއްޖެ އެވެ. ކުރީގައިހެން އަދުނާނާއި ޒާހިރާ ކަސްޓަމަރުންނަށް ޚިދުމަތްދޭ ތަނެއް މިހާރު ނުފެނެ އެވެ. މުޅީން ވެސް ތަނުގައި ހަރަކާތްތެރިވާތީ ފެންނަނީ ބިދޭސީންނެވެ. އެހެންވިޔަސް ރޭގަނޑު ގަޑީގައި ކެފޭ ބަންދު ކުރާންދެން އޭގެ ދެމަފިރިން އެ ކެފޭގައި ތިބެ އެވެ. ދެކެފަރިތަވެ ރަހާއާ އެކުވެރިކަން އުފެދިފައިވަނީ އެވެ.

"ރަހާ ފެންނައިރަށް ބަދިގެއަށް އޯޑަރު ދޭން ވަދެއްޖެ. އަންނާނެ ހިފައިގެން." އަދުނާނު ބުންޏެވެ. ރަހާ ބޯޖަހާލީ އެވެ. އަދުނާނު އެނބުރި ދިޔައީ އެވެ.

ޚިޔާލުތަކުގައި ޖެހިފައި ރަހާއަށް އިނދެވުނީ އެވެ. ފިނިވެ ހީކަރުވާގޮތްވާން ފެށުމުން ވެސް ކެފޭ ތެރެއަށް ވަންނާކަށް ރަހާ ބޭނުމެއްނޫނެވެ. ފަހަތުން ރާޅުޖަހާ އަޑު އިވިއިވި ހުއްޓެވެ. އެނބުރި އެ ދިމާއަށް އޭނާ ބަލާލި އެވެ. ހިތާއި ސިކުނޑީގައި އަބަދުމެވީ ވާކިފްގެ ސޫރަ އެވެ. ފިރިމީހާދެކެ ރަހާ އިންތިހާއަށް ލޯބިވެ އެވެ. އެއީ އޭނާގެ ހަޔާތަށް އައި ފުރަތަމަ ލޯބި ވެސް މެއެވެ.

"މިފަހަރު ވެސް އެކަނިތަ؟. ފިރިސޮރު ރަށުގައި ނެތީތަ؟." ރަހާގެ ސަމާލުކަން އަތުލީ އެ ދިމާއަށް އައިސް ހުއްޓިލި ޒާހިރާ އެވެ.

"އާން. އެކަނި... އަބަދު ފަހަތުލައިގެންނެއް ވެސް ނޫޅެވޭނެއެއްނު." ރަހާ ހިނިތުންވުމެއް ދިނެވެ. އޭނާގެ އަޑުގައި ހުރި ސަމާސާކަން ޒާހިރާ ބަލައިގަތްކަން ރަހާއަށް އެނގުނެވެ. އެއީ ރަހާގެ އާދަ އެވެ. ފިރިމީހާ ކުށްވެރި ކުރުވެރި ކުރުމަކީ ރަހާ ކުރާނޭ ކަމެއް ނޫނެވެ.

"މަންޖެ ހާދަ ތަފާތުހެން ހީވޭ. ބަލީތަ؟. ތަންކޮޅެއް ހިކިއްޖެހެން ވެސް ހީވޭ. މާބުރަކޮށް އުޅެނީތަ؟." ޒާހިރާ ގެނައި ތަށި ރަހާގެ ކުރިމަތީ ބަހައްޓަމުން އޭނާ ބުންޏެވެ.

"އެއީ ހީވާގޮތް." ރަހާ ބުންޏެވެ.

އިތުރަށް ޒާހިރާ ވެސް ސުވާލެއް ނުކުރި އެވެ. އޭނާ އެނބުރި ކެފޭއާ ދިމާއަށް ހިނގައިގަތީ އެވެ. ރަހާ ކުރިމަތީ އާވި އަރައަރާ ހުރި ތަށި ކައިރިކޮށްލި އެވެ. އެއީ އެންމެ އާދައިގެ ނޫޑުލިސް ސޫޕްއެކެވެ. ތަށްޓަށް ބަލަން އިރުކޮޅަކު އިނދެފައި ރަހާ ސަމްސަލުން ސޫޕް ފޮދެއް ރަހަ ބަލާލި އެވެ. ދެން ސަމްސަލުން ތަށީތެރެ ހާވާލި އެވެ.

"އެއްފަހަރަށްވުރެ އަނެއްފަހަރު އަޅާފައި ހުންނަ އެތިކޮޅު މަދު. އެއްވަރެއްގައި ނުހިފެއްޓެނީ ކީއްވެބާ... ވާކިފްގެ ލޯތްބާއި ތަފާތެއްނެތް." ރަހާއަށް ބުނެލެވުނެވެ.

އޭނާގެ މިހާރުގެ އާދައަކީ ވާކިފްއާއެކު ކުރީން ހޭދަކުރެވިފައިވާ އުފާވެރި ވަގުތުތައް އިޔާދަކޮށް އެ ހަނދާން އާކުރުމެވެ. ތަފާތަކީ އޭރު ދެމަފިރިން އެކުގައި ޝާމިލްވީ އެތައްކަމެއް މިހާރު ރަހާ އެކަނި ކުރުމެވެ.

"އަހަރެން ހަނދާނެއްނުނެތޭ އެއްވެސް ކަމެއް. ވާކިފް އަހަރެންނަށް ވަޢުދުވި... ދުވަހަކުވެސް އަހަރެންނަށް އޮޅުވާނުލާނަންކަން. އަހަރެން ދެރަވާވަރު ކަމެއް ނުކުރާނަންކަމަށް. މުޅި އުމުރަށް އަހަރެންނަށް ލޯބިދޭނަންކަން. އަދި މުޅިއުމުރު އަހަރެންނާއެކީ ވޭތި ކުރާނަންކަން... ދެން ކީއްވެ މިހާރު ބަދަލުވެގެން މިއުޅެނީ. ކޮންކަމެއް ތަފާތުވީ." ރަހާގެ އަމިއްލަ ހިތާއި ޟަމީރާ ސުވާލު ކުރެވުނެވެ.

* * * * *

ޑިއުޓީ ނިންމާފައި ގެއަށް ދާން ނުކުތުމުގެ ކުރީން ނީޝާ އައިސް ވަނީ ޒަރަކްގެ ކޮޓަރިއަށެވެ. މޭޒުކައިރީ ބަލި މީހެއްގެ ރިޕޯޓަށް ގެއްލިފައި އޭނާ އިންވަރުން ނީޝާ ވަންކަމެއް ވެސް ޒަރަކް ނުދެނަހުއްޓެވެ.

"ހާދަ ހާސްވެފަ." ނީޝާ އަހާލި އެވެ.

"ޕޭޝަންޓުންގެ ރިޕޯޓްތައް ފެނުނީމަ މާޔޫސްވީ." ޒަރަކް ބުންޏެވެ.

"އަހަރެން ދަމުން ވަދެލީ. އިޖާޒު ވެސް ފެންނާކަށްނެތް." ނީޝާ ބުންޏެވެ.

"އިޖާޒު މާމަ މާ ހާލުދެރަވެގެން މިއަދު އޭނާ ނާދޭ." ޒަރަކް ބުންޏެވެ. ނީޝާ އައިސް ޒަރަކް ބަލަން އިން ރިޕޯޓު އަތުލި އެވެ. އެއަށް އޭނާ ބަލާލީ ފަރުވާތެރިކަމާއެކު އެވެ.

"ނީޝް." ރިޕޯޓު ދޭށޭ ބުނާ ފަދައަކުން ޒަރަކް ގޮވާލި އެވެ.

"އަހަރެންނަށް ޝައްކުވެގެން މި ބަލާލީ. މިހާރު ޔަޤީންވެއްޖެ." އަނބުރާ ރިޕޯޓު ޒަރަކްއަށް ދިއްކޮށްލަމުން ނީޝާ ބުންޏެވެ.

"މިވަގުތު އަހަރެން ބަލަމުންދާ ފަސް ޕޭޝަންޓުންނާ އޭނާ ތަފާތު. އަހަރެންނަކަށް ވެސް ނޭނގެ އޭނާއާ މެދު މިހާ ވިސްނެނީ ކީއްވެކަމެއް." ޒަރަކްއަށް ބުނެވުނެވެ.

"މޮޔަކަމެއްނުކުރައްޗޭ. ހަމްދަރުދީވުމުގައި ވެސް ލިމިޓެއް އޮންނަންވާނެ. ޕޭޝަންޓުންނާ އެހާ ކްލޯޒް ގުޅުމެއް އުފެއްދުމަކީ ވެސް ރިސްކީކަމެއް." ނީޝާ ބުނެލީ ވިސްނައިދޭ ފަދައަކުންނެވެ. ޒަރަކް އިތުރު ވާހަކައެއް ނުދައްކާ ބޯޖަހާލީ އެވެ. ހީވީ ނީޝާގެ ވާހަކައަށް އޭނާ ވެސް އެއްބަސްވާން ބޭނުންވާ ހެންނެވެ.

ނީޝާ ނުކުމެގެން ދިޔަތާ ދިހަވަރަކަށް މިނެޓުފަހުން ޒަރަކްގެ ގަޑި ފެށިއްޖެ އެވެ. މިވަގުތު އޭނާގެ ބެލުމުގެ ދަށުގައި ތިބީ ހަ ބަލި މީހުންނެވެ. އެހެންނަމަވެސް އެ އެންމެން އެއް ދުވަހެއްގައި ދައްކާކަށް ނާދެ އެވެ. ހުރިހާ ބަލިމީހުންނަކީ ވެސް ކެންސަރަށް ފައްސިވެފައިވާ މީހުންނެވެ. އަދި އޭގެ އެކި ސްޓޭޖުގައި އުޅޭ މީހުންނެވެ. އެހެންވެ ދޭންޖެހޭ ފަރުވާ ވެސް ތަފާތުވެ އެވެ. އަހަރުގެ އެކި ހިސާބުގައި ޑަކްޓަރަށް ދައްކަން އަންނަ މީހުން ވެސް މަދުވެ އެވެ. ޒަރަކްއަކީ ދިވެއްސާއި އިނގިރޭސި ބަހަށް ފަރިތަ ޑަކްޓަރަކަށްވާތީ އޭނާ ބަލިމީހުން ބަލާއިރު އެހީތެރިއަކު ނުގެންގުޅެ އެވެ.

ދެވަނަ ބަލި މީހާ ވަދެފައި ނުކުތުމުން ތިންވަނަ މީހާ ވަނުމަށް ނަންބަރު އަރުވައިފި އެވެ. އެއާއެކު ޒަރަކްގެ ކޮޓަރިއަށް ވަނީ މިވަގުތު އޭނާ ބަލަމުންދާ އުމުރު އެންމެ ހަގު ބަލި މީހާ އެވެ. އެ އަންހެންކުއްޖާ ވަދެގެން އައިސް ޒަރަކްގެ މޭޒުގެ އެއްފަރާތުގައި ހުރި ބަލިމީހުން އިށީންނަ ގޮނޑީގައި އިށީނދެއްޖެ އެވެ.

"މިއަދު ކިހިނެއް؟." ޒަރަކް އަހާލީ ހިތްހެޔޮކަމާއެކު އެވެ. ކޮންމެ ބަލިމީހަކާ ބައްދަލުވުމުން އަހާލާ ފަދައިންނެވެ.

"އެކަހަލަ ގޮތެއް." އެ އަންހެންކުއްޖާ ބުންޏެވެ.

"ހުން އެބަހުރި." ޒަރަކްގެ ކޮމްޕިއުޓަރަށް ދާދި ދެންމެއަކު އަރާފައި ބަލިމީހާގެ ތަފްޞީލް ރިޕޯޓަށް ބަލަން އިނދެ ބުންޏެވެ.

"ރަހާ... ވީހާ ވެސް އަވަހަކަށް ކީމޯ ފެށުން ރަނގަޅީ. ގިނަ ދުވަހު މަޑުކުރުމަކީ ފުރާނައަށް އޮތް ނުރައްކާ ބޮޑުވެ ބަލިން އަރައިގަންނަން ވެސް އުނދަގޫވާނޭ ކަމެއް. އިތުރަށް ލަސްކުރާކަށް އަހަރެން ބޭނުމެއްނޫން." ޒަރަކް ބުންޏެވެ. އެ އަންހެންކުއްޖާ އިސްޖަހާލީ އެވެ.

"މައްސަލައެއް އުޅެނީތަ؟." އެ އަންހެންކުއްޖާގެ ހިމޭންކަން ޒަރަކްއަށް އުނދަގޫ ކުރިޔަތީ އަހާލި އެވެ.

"ޑަކްޓަރު... އަހަރެން... އަހަރެން ބިރުގަންނަނީ. ހާލުބޮޑުވެދާނެތީ. އެކަނި ހާލައިގެން ނޫޅެވިދާނެތީ... މިވަގުތު އަހަރެން މިހުރީ ވަރަށް އެކަނިވެފައި. އައި ޑޯންޓް ތިންކް އައި ކޭން މޭކް އިޓް ތްރޫ." އިސްއުފުލައި ޒަރަކްއަށް ބަލާލަމުން ރަހާ ބުންޏެވެ. ޒަރަކްއަށް މިފަހަރު ރައްދު ޖަވާބެއް ދޭން ނޭނގުނެވެ. ރަހާ ދެވަނަ ފަހަރަށް ވާހަކަދައްކަން ފެށި އެވެ.

"ޕްލީޒް ޑަކްޓަރ. ބޭހުން އިހަށް ކޮންޓްރޯލު ނުވާނެތަ؟. ކިތަންމެ ބައިވަރު ބޭހެއްވިޔަސް އޯކޭ. މިވަގުތު އިހަށް ބޭހުން ކޮންޓްރޯލުވޭތޯ ބަލަން ބޭނުމީ. އޭގެ ފަހުގައި އަހަރެން އެހެން އޮޕްޝަންއަކަށް ހިނގައިދާނަން. ޕްލީޒް." ރަހާ އާދޭހާއެކު ބުންޏެވެ. ޒަރަކްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ބަލިމީހާ ތައްޔާރުނޫން އިރު އޭނާއަށް ކަމަކަށް މަޖުބޫރު ކުރެވޭކަށް ޑަކްޓަރުންނަށް ވެސް ބާރެއް ނޯވެ އެވެ.

"ޑަކްޓަރ ޒަރަކް. މިހާރު ނޭފަތުން ލޭއައުން ވެސް މަދު. އެކަމަކު ހުން މަޑުވާގޮތްނުވަނީ. އިޓްސް ގެޓިން މޯ އިންޓެންސް. ބައެއް ފަހަރު ހީވަނީ އެތެރެ ހަށީގައި އަލިފާން ރޯވެގެން އުޅޭހެން. އެކިއެކި ގުނަވަންތައް އަނދަމުން ދާހެން ވެސް ހީވޭ. ކެތްނުކުރެވޭނެޔޭ ވެސް ބައެއްފަހަރު ހީވޭ." ރަހާގެ ވާހަކަ ޒަރަކް މެދުކަނޑާލި އެވެ.

"އަހަރެން ބޭސް ލިޔެދޭނަން. ރަހާއަކީ އަހަރެންގެ ޕޭޝަންޓެއް. އަހަރެންނަށް ކޮށްދެވެން އޮތް ކަމެއްވިއްޔާ ކޮށްދޭނަން. ފަރުވާ ފެށުމާއެކު އަހަރެން އަބަދުވެސް ރަހާއާއެކު ހުންނާނަން. އުންމީދު ކަނޑާލާކަށްނުވާނެ. ﷲގެ ރަޙުމަތުން ކިތަންމެ ބަޔަކު ފަރުވާކޮށް މިބަލިން ރަނގަޅުވެފައި އެބަތިބި. ވީ ޝުޑް އޯލް ހޭވް ހޯޕްސް އިން އަވަރ ލައިފް. ޝުޑުންޓް ވީ؟." ޒަރަކް ބޭނުންވީ ރަހާގެ މާޔޫސްކަން ކުޑަކޮށްދޭށެވެ. ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން ރަހާ ހޫން ލައްވާލައި ބޯޖަހާލި އެވެ. އެހެންނަމަވެސް އެ ހިނިތުންވުމުގައި މާބޮޑު އުންމީދެއް ނުވާކަން ޒަރަކް ވެސް ދެނަހުއްޓެވެ.

"އޯލްރައިޓް. މީގައި ހުރި ހުރިހާ ބޭހެއް ވެސް މިކޮޅު ފާމަސީއިން ލިބޭނެ." ބޭސް ސިޓީ ދިއްކޮށްލަމުން ޒަރަކް ބުންޏެވެ.

"ތެންކިޔު ޑަކްޓަރ." ތެދުވެ ހިނގައިގަތުމުގެ ކުރީން ރަހާ ބުންޏެވެ.

"ވެއިޓް." ދޮރުން ނުކުތުމުގެ ކުރީން ދެ ޚިޔާލެއްގައި އިން ޒަރަކް ކުއްލިއަކަށް ރަހާ ހުއްޓުވައިފި އެވެ. އަދި އޭނާ މޭޒުދޮށުން ތެދުވި އެވެ.

"ޔޫ އާ މައި ލާސްޓް ޕޭޝަންޓް ޓު ޑޭ. އައި ހޭވް ސަމްތިންގ ފޯ ޔޫ. އަހަރެންނާއެކު އާދެވިދާނެތަ." ޒަރަކް ބުންޏެވެ. ހައިރާންކަމާއެކު ބަލަން ހުރެފައި ރަހާ ބޯޖަހާލައިފި އެވެ. ދެން އޭނާ ބަލި މީހުން ބަލާ ކޮޓަރިން ނުކުމެ ޒަރަކްގެ ފަހަތުން ހިނގައިގަތެވެ.

"ޓޭކް ދިސް." ޒަރަކްގެ ކެބިންނަށް ވަދެފައި އެއްފަރާތުގައި ބަހައްޓާފައި ހުރި ކުޑަ ޕޮޓެއް ނަގައި ރަހާއަށް ދިއްކޮށްލައިފި އެވެ. އަޖައިބުވެފައިވާ މީހަކު ފަދައަކުން ރަހާ އޭގައި ހިފި އެވެ. އެ ޕޮޓުގައި އިންދާފައި ވަނީ "ޕީސް ލިލީ" ގަހެކެވެ. ކޮންމެވެސް ވަރަކަށް މާ ވެސް ހުރީ އަޅާފަ އެވެ.

"އެކަނި އުޅޭއިރު ކަންކަމާ ވިސްނޭނެކަން އެނގޭ. އެކަމަކު ބޭކާރު ވިސްނުންތަކާ ދުރުވެވޭތޯ މަސައްކަތް ކުރޭ. މި ގަސް ރަހާގެ އެކުވެރިއެއް ކަމުގައި ދެކޭ. މާގިނައިން ފެންދޭކަށް ނުޖެހޭނެ. ހައްދަން އުނދަގުލެއްނުވާނެ. ވައި ޑޯންޓް ޔޫ ޓްރައި." ޒަރަކް ހިނިތުންވެލި އެވެ.

"ތެންކިޔު." ބުނަންވީ އެއްޗެއް ނޭނގި ހުރެ ރަހާ ޝުކުރު އަދާކޮށްލީ އެވެ. ކުލިނިކުން ނުކުންނަން ރަހާ އައީ އެ ގަސް ހިފައިގެންނެވެ. ޑަކްޓަރ ޒަރަކް އެ ގަސް އޭނާއަށް ދޭންޖެހުނު ސަބަބެއް ރަހާއަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

* * * * *

ރިސޯޓުގައި އޮތް އިވެންޓް ނިންމާފައި ވާކިފަށް ގެއަށް އާދެވުނު އިރު ދަންވަރު ތިނެއްޖެހުމާ ކައިރިވެއްޖެ އެވެ. އެޕާޓްމެންޓަށް ވަންއިރު ތަނުގައި އޮތީ ކަނުއަނދިރިކަމެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލާފައި ވާކިފު ފާރުގައި ހުރި ސުވިޗު ޖައްސާލި އެވެ. ސިޓިންރޫމު އަލިވެގެން ދިޔަ ހިނދު ވާކިފް ވެސް ދިޔައީ ސިއްސައިގެންނެވެ. ސޯފާގައި އޮވެފައި ރަހާ ތެދުވިތަން ފެނި އެވެ.

"ކަނު އަނދިރީގަ ކީއްތަ ތިކުރަނީ؟. ސިއްސައިގެންނޭ ދިޔައީ." ވާކިފް ބުނެލި އެވެ. ރަހާގެ މޫނުން މާބޮޑު އަސަރެއް ނުފެނުނެވެ.

"ފޯނު ހިފައިގެން އޮއްވާ ނިދުނީ. ދެ ދުވަސްވީ ވާކިފް ތި ރިސޯޓަކަށް ގޮސްގެން އުޅޭތާ. މިހާރު ބިޒީކަން ކުޑަވީތަ؟." ރަހާ ބުންޏެވެ.

"އަހަރެން ކިތަންމެ ބިޒީކޮށް އުޅެފައި ވެސް އެނބުރި އަންނާނީ ހަމަ ގެއަށް ދޯ." ވާކިފް ބުންޏެވެ.

(ނުނިމޭ)

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910