ބޮލީވުޑް

އިންޑިއަން އައިޑަލް: އަނޫ އަގަރްވާލް ބާކީ ކޮށްލީމަ ދެރަވެއްޖެ

އިންޑިއަން އައިޑަލްގެ މިހާރު ދައްކަމުންދާ 13 ވަނަ ސީޒަންގެ އެންމެ ފަހުން ދެއްކި "އާޝިގީ"ގެ ކާމިޔާބީ ފާހަގަކުރި އެޕިސޯޑުގައި އެ ފިލްމުގެ ތަރިން ކަމަށްވާ ރާހޫލް ރޯއީ އާއި އަނޫ އަގަރްވާލް އަދި ދެވަނަ ބަތަލުގެ ރޯލު އަދާކުރި ދީޕަކް ތިޖޯރީ އާއި ފިލްމުގެ ރީތި އަދި މަޝްހޫރު ލަވަތަކުގެ ފިރިހެން އަޑުގެ ވެރިޔާ ކުމާރު ޝާނޫ ބައިވެރިވެފައި ވެއެވެ.

މި އެޕިސޯޑުގައި ޝޯގެ ބައިވެރިން "އާޝިގީ"ގެ ރީތި ލަވަތައް ކިޔާފައި ވެއެވެ. އަދި ކޮންމެ ލަވަކިޔުންތެރިޔަކު ލަވަ ކިޔާ ނިމުމުން އެ ލަވަކިޔުންތެރިޔަކު ކީ ލަވަޔަކަށް ކޮމެންޓުކޮށް ހެދުމުގެ ފުރުސަތު ވެސް "އާޝިގީ"ގެ ތަރިންނަށް ދިނެވެ. ފިލްމުގެ ބަތަލާ އަނޫ އަގަރްވާލަށް ފިޔަވަ އެވެ.

މި އެޕިސޯޑުގައި އަނޫ އިނީ ރާހޫލް ރޯއީ އާ ޖެހިގެން އިން ގޮނޑީގައި ނަމަވެސް ވަރަށް މަދު ޝޮޓެއްގައި މެނުވީ އަނޫ ދައްކާފައެއް ނުވެ އެވެ. އޭނާއަށް ވުރެ ގިނަ ވަގުތު ދީޕަކް ތިޖޯރީ އަށް ވެސް މި ޝޯގައި ފުރުސަތު ދީފައި ވެއެވެ. އަދި ލަވަކިޔުންތެރިންގެ ލަވަތަކަށް ވެސް އަނޫ ކޮމެންޓުކުރާތީ އެއްގޮތަކަށް ވެސް ނުފެނެ އެވެ.

މިކަން ޝޯ ބެލި ގިނަ ބަޔަކަށް ފާހަގަ ކުރެވުނެވެ. އަދި އިންޑިޔާގެ ނޫސްވެރިން މި ސުވާލު އަނޫއާ ކޮށްފައި ވެއެވެ. އަދި އަނޫ ގަސްދުގައި ވާހަކަ ނުދައްކާ މަޑުމަޑުން އިނީތޯ ވެސް ނޫސްވެރިން އޭނާ ކުރެން އަހާފައި ވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން އަނޫ ދިން ޖަވާބުން ގިނަ ބަޔަކަށް ލިބުނީ ޝޮކެކެވެ.

އަނޫ ބުނި ގޮތުގައި އިންޑިއަން އައިޑަލްގެ އެޕިސޯޑުގައި އޭނާ ބައިވެރިވީ ޝޯގެ ބައިވެރިންނަށް ޚާއްސަކޮށް އަންހެން ބައިވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ސަބަބަކީ އޭނާއަކީ ވެސް އުމުރުން އެންމެ 19 އަހަރުގައި ފިލްމު ކުޅެން ފެށި ބަތަލާއަކަށް ވެފައި މި ޝޯގެ ލަވަކިޔުންތެރިންނަކީ ވެސް ހަމަ އެ އުމުރުގެ ކުދިންނަށް ވާތީ އެވެ. އަދި ކޮންމެ ލަވަކިޔުންތެރިޔަކަށް ވެސް އޭނާއަށް ފެންނަ ލަފަޔާއި އިރުޝާދުތައް ވެސް ދީފައިވާނެ ކަމަށް އަނޫ ބުންޏެވެ.

އަނޫ ބުނީ ޝޯ ދެއްކިއިރު އޭނާ ވާހަކަ ދެއްކި މަންޒަރުތައް އެޑިޓްކޮށް ކަނޑާލާފައިވާ ކަމަށެވެ. އަދި ރާހޫލް އާއި އޭނާ އެއް ފްރޭމަކުން ދެއްކެން އޮތްއިރުވެސް އޭނާ އެ ފްރޭމަށް ނާރުވައި ރާހޫލް އާއި ދީޕަކް ދައްކާފައިވާ ކަމަށެވެ.

"އަހަންނަކީ އެއްވެސް ފޮނިކަމެއް، ބޮޑާކަމެއް އަދި އެހެން މީހަކާ ދޭތެރޭ ގޯސް ހިތެއް ބާއްވާ މީހެއް ނޫން. އެކަމަކުވެސް އަހަންނާ ދޭތެރޭ ކަންތައް ކުރި ގޮތުން އަހަރެން އަސްލު ވަރަށް ދެރަވި. އަހަރެންނަކީ މުޅި ދުނިޔޭގައި އިންސްޕިރޭޝަނަލް ސްޕީޗްތައް ދޭ މީހެއް. އެހެންވީމާ މިފަދަ ކަންކަން ދިމާވުމުން އަމިއްލަ ނަފްސު ހަމަޖައްސާލާނެ ގޮތް އަހަންނަށް އެނގޭ. އެހެންވެ އަޅާނުލީ،" އަނޫ ބުންޏެވެ.

"އާޝިގީ"ގެ ބަތަލާ ބުނި ގޮތުގައި މިކަން ކޮންމެ ގޮތަކަށް ހިނގައި ދިޔަސް އެއްވެސް މީހެއްގެ ބޮލުގައި މީގެ އިލްޒާމް އަޅުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނޫސްވެރިންނަށާއި ޝޯގެ ބެލުންތެރިންނަށް މިކަން މާބޮޑަށް ފާހަގަކުރެވިގެން ތަކުރާރުކޮށް މި ސުވާލުތައް ކުރަން ފެށުމުން ކަން ވީގޮތް އޭނާއަށް ބަޔާންކޮށްދޭން މަޖްބޫރުވީ އެވެ.

އަނޫ ބުނި ގޮތުގައި އެޕިސޯޑު ފެށިގެން "އާޝިގީ"ގެ ތަރިން ތައާރަފް ކުރަމުން ޝޯގައި ބައިވެރި ކުރަމުން ދިޔައިރު އަނޫގެ ވެސް ވަރަށް ފުރިހަމަ ތައާރަފެއް ޝޯގެ ހޯސްޓް ދިނެވެ. އަދި އަނޫ އެތަނަށް ވަނުމުން ކުމާރު ޝާނޫ ތެދުވެ އޭނާއަށް ހޫނު އަތްތިލަބަޑިއަކުން މަރުހަބާ ކިއުމުން ޝޯގެ ޖަޖުންނާއި އެތާގައި ތިބި އެންމެން ވެސް ކޮޅަށް ތެދުވެ ހޫނު މަރުހަބާއެއް ކިޔެވެ. ނަމަވެސް މީގެން އެއްވެސް މަންޒަރެއް ވެސް ޝޯގައި ދައްކާފައެއް ނުވެ އެވެ. ހުރިހާ ބައިތަކެއް ވަނީ ފޮހެލާފަ އެވެ. އަދި މިއީ އޭނާ ވަރަށް ލަދުގަނެ ދެރަވީ ކަމެކެވެ.

ބޮޑު އެކްސިޑެންޓަކަށްފަހު އެތައް ދުވަހަކު ކޯމާގައި އޮވެފައި ރަނގަޅުވީ ފަހުން އަނޫގެ ސިފަ އަށް ބޮޑު ބަދަލެއް އައިސްފައި ވެއެވެ. އަދި އެކްސިޑެންޓްވީއިރުވެސް އޭނާ ހުރީ ގަސްދުގައި ފިލްމީ މަސައްކަތްތަކާ ދުރުވެގެންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަކުން ފެނިދާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އަނޫ ބުނީ އޭނާއަކީ ސުޕަމޮޑެލް އަކުން އެކްޓަރަކަށް ވީ މީހަކަށް ވާތީ އޭރު ވެސް ފިލްމީ މަސައްކަތްތައް ކުރަން އެހާ ފަސޭހަ ނުވި ކަމަށެވެ. އަދި ސުޕަ މޮޑެލުންނަށް އެކްޓްކުރަން ނޭނގޭނެ ކަމަށް ބުނެ ބޮލީވުޑަށް މަރުހަބާ ނުކިޔާ ކަމަށް އަނޫ ބުންޏެވެ.

އަނޫގެ ފިލްމީ ކެރިއަރުގައި ވަރަށް މޮޅު ފިލްމުތައް ކުޅެ އޭނާގެ ހުނަރު ދައްކާލާފައި ވިޔަސް ބަތަލާއެއްގެ ހުންނަން ޖެހޭ ކޮލިޓީ އޭނާގެ ކިބައިގައި ހުރި ކަމަކަށް އަނޫ މިހާރު ގަބޫލެއް ނުކުރެ އެވެ.