ބޮލީވުޑް

އިންޑިއަން އައިޑަލް 12: ގްރޭންޑް ފިނާލޭ ވަރަށް ތަފާތުވާނެ

އިންޑިޔާގެ އެންމެ މަޝްހޫރު މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑަލް"ގެ 12 ވަނަ ސީޒަން ނިމެން ދެ ތިން ދުވަހަށް ވެފައިވާއިރު ބެލުންތެރިން ކެތްތެރިކަމެއް ނެތި މިހާރު އިންތިޒާރު ކުރަމުންދަނީ ޝޯގެ ޓްރޮފީ ހިއްލާލާނެ ލަވަކިޔުންތެރިޔަކީ ކޮބައިކަން ބަލާލުމަށެވެ.

އޮގަސްޓް 15 ވަނަ ދުވަހުގެ މެންދުރު 12 އިން އެ ރޭގެ މެންދަމު 12 އަށް ޝޯ މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދަން ހަމަޖެހިފައިވާއިރު 40 ހަށް ވުރެ ގިނަ އެކްޓް މި ޝޯގައި ފެނިގެން ދާނެ އެވެ. މި އެކްޓްތަކުގެ ތެރޭގައި ފައިނަލަށް ގޮސްފައިވާ ހަ ލަވަކިޔުންތެރިންގެ ލަވަތަކުގެ އިތުރުން ކުރީގެ ސީޒަންތަކުގެ ބައެއް ބައިވެރިން ވެސް ލަވަ ހުށަހަޅަން ވަނީ ހަމަޖެހިފަ އެވެ.

ގްރޭންޑް ފިނާލޭ ހޯސްޓްކުރާނީ އަދިތުޔާ ނާރަޔަން އާއި ޖޭ ބާނޫޝާލީ އެވެ. އިންޑިއާގެ މިއުޒިކް އިންޑަސްޓްރީގެ ވަރުގަދަ ޝަޚްސިއްޔަތުތައް މިފަހަރުގެ ގްރޭންޑް ފިނާލޭގައި ބައިވެރިވާނެ އެވެ.

ޝޯގެ ޖަޖުން ކަމަށްވާ ހިމޭޝް ރޭޝަމިޔާ އާއި ސޯނޫ ކައްކަރް ވެސް ޕާފޯމްކުރަން ހަމަޖެހިފައި ވެއެވެ.

އިންޑިއަން އައިޑަލް 12ގެ ޓްރޮފީއަށް ހަ ލަވަކިޔުންތެރިއަކު ވާދަ ކުރިޔަސް ޝޯ ކާމިޔާބުކޮށް ޓްރޮފީ ހާސިލުކުރާނީ ޕަވަންދީޕް ރާޖަން ނުވަތަ އަރޫނީތާ ކާންޖީލާލް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.