ބޮލީވުޑް

ޔޯހާނީ އާއެކު ސަލްމާން ވެސް "މަނިކޭ މަގޭ ހިތޭ"ގައި ބައިވެރިވެއްޖެ

ސްރީ ލަންކާގެ ސެންސޭޝަން ޔޮހާނީ އަކީ މިހާރު އިންޑިޔާގައި ވެސް ވަރަށް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާގެ "މަނިކޭ މަގޭ ހިތޭ" އިންޑިޔާ މީހުންނަށް މާ ކަމުދާ ލަވައަކަށް ވެގެންނެވެ.

އިންޑިއާގެ އެކި ބަސް ތަކުން މި ލަވަ ކިޔައި ނެރެމުންދާއިރު ޔޮހާނީ މިހާރު ހުރީ އިންޑިޔާގަ އެވެ. މި ލަވައިގެ ސަބަބުން ލިބުނު މަގްބޫލު ކަމާއެކު އިންޑިޔާއިން ލަވަ ކިއުމުގެ ގިނަ ފުރުސަތުތަކެއް ޔޮހާނީ އަށް ލިބިފައިވާތީ އެވެ.

ސަލްމާން ޚާން ހޯސްޓްކުރާ ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް 15" އިގެ ފުރަތަމަ ހަފުތާ ބަންދު އެޕިސޯޑުގައި މެހެމާނެއްގެ ގޮތުގައި ޔޮހާނީ ބައިވެރިވެ މި ލަވަ ކިޔައިދީފައި ވެއެވެ. އަދި ފަހުން ސަލްމާން ވެސް މި ލަވަ ކިޔުމުގައި ޔޮހާނީ އާ ވަނީ ބައިވެރިވެފަ އެވެ. "މަނިކޭ މަގޭ ހިތޭ" ސަލްމާން ކިޔަނި ވަރަށް މަޖާކޮށެވެ.

ސަލްމާނާއި ޔޮހާނީ ލަވަ ކިޔަނީ



މި ލަވައަކީ ސިންގަޅަ ބަހުން ކިޔާފައިވާ ލަވައަކަށް ވާތީ ސަލްމާނަށް ބައެއް ތަންތަންކޮޅު ކިޔަން ނޭނގި "ހޭންގްއޯވާ" އާއި "ސްރީދޭވީ" ފަދަ ބަސްތައް ބޭނުންކުރުމުން ޔޮހާނީ އަށް ވަރަށް މަޖާވެގެން ހެވޭ މަންޒަރުވެސް މި އެޕިސޯޑުގައި ފެނެ އެވެ.

ކިޔާފައިވާލެއް މަޖާ ކަމުން ގިނަ ބަޔަކަށް ވަރަށް ޝައުގުވެރިވާ ކަމަކަށް މިކަން ވަނީ ވެފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޔޮހާނީ ބުނީ "މަނިކޭ މަގޭ ހިތޭ" ލަވަ ރެކޯޑް ކުރިއިރު މިހާބޮޑު މަޝްހޫރުކަމެއް މި ލަވައަށް ލިބިދާނެކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ނަމަވެސް އިންޑިޔާގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމެއްގައި ހެން މި ލަވަ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާތީ ޔޯހާނީ ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ.

ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ"ގެ ޖާދޫގައި ޖެހުނު ބޮލީވުޑް އެކްޓަރުންގެ ތެރޭގައި އަމީތާބު ބައްޗަން ވެސް ހިމެނިފައި ވެއެވެ. އޭނާގެ ބްލޮގުގައި މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން އަމީތާބު ލިޔެފައިވާ ގޮތުގައި މި ލަވައިގެ ޖާދޫގައި ޖެހި އޭނާއަށް ރޭގަނޑުގެ ނިދިން މަހްރޫމްވާވަރު ވެފައިވާ ކަމަށެވެ.