ބޮލީވުޑް

ސަލްމާނާއި ޕޫޖާގެ ރޮމޭންސް ފެނިފައި ފޭނުން ގަތީ ބިރު

ސަލްމާން ޚާންގެ އާ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން"ގެ ދެވަނަ ލަވަ 'ބިއްލީ ބިއްލީ' އަޑުއަހާލަން ވަރަށް ކަމުދިޔަސް ލަވައިގެ ވީޑިއޯ ބަލާފައި ފޭނުން ގަތީ ބިރެވެ. ސަލްމާނަށް ވުރެ 25 އަހަރު ހަގު ޕޫޖާ ހެގްޅޭއާ އޭނާގެ ރޮމޭންސް މި ލަވައިގައި ދައްކާތީ އެވެ. އަދި ޕޫޖާގެ އިތުރުން ޝެހެނާޒް ގިލް އާއި ޕަލަކް ތިވާރީ ވެސް މި ލަވައިގައި ފެނެ އެވެ. މިއީ އަދި ޕޫޖާ އަށް ވުރެ ވެސް ހަގު ދެ ބަތަލާއިންނެވެ.

އުމުރުން 57 އަހަރުގެ ސަލްމާނާއި 32 އަހަރުގެ ޕޫޖާގެ އުމުރުގެ ތަފާތު ފެނިފައި ފޭނުން ބުނީ ހީވަނީ ބޮޑުބޭބެ އަކާއި އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ހެން ކަމަށެވެ. އަނެއްބަޔަކު ބުނީ ހީވަނީ ދެބަފައިން ހެން ކަމަށެވެ.

"އުމުރުގެ ތަފާތު ހަނދާން ނައްތާލިޔަސް މި ލަވައިން ދެ މީހުންގެ މެދުގައި ހުރި އުމުރުގެ ތަފާތު ވަރަށް ބޮޑަށް ހާމަވޭ. ޕޫޖާގެ މޫނަކީ ވަރަށް 'ބޭބީ ފޭސް' އަކަށް ވެފައި ޑިޖިޓަލްކޮށް ވީޑިއޯ އެޑިޓްކޮށްގެން ވެސް ސަލްމާން އެހާ ޅަ ކުރެވިފައެއް ނުވޭ،" ލަވައަށް ފާޑުކީ މީހަކު ބުނެފައި ވެއެވެ.

ލަވަ ބަލާފައި ސަލްމާނަށް ފާޑު ކީ ގިނަ މީހުން ބުނީ އޭނާގެ އުމުރާ ގުޅޭ ބަތަލާއިންނާއެކު ފިލްމު ކުޅުން ރަނގަޅުވާނެ ކަމަށެވެ. އެހާ ޅަ ބަތަލާއިންނާއެކު ފިލްމު ކުޅުނަސް ސަލްމާން ދެން އިތުރަށް ޅަ ނުވާނެ ކަމަށެވެ.
"ބިއްލީ ބިއްލީ" މި ލަވަ ކިޔާފައިވަނީ ސުކްބީރް އެވެ. ލިރިކްސް ލިޔެފައިވަނީ ކުމާރު އެވެ.