ބޮލީވުޑް

"ބިގް ބޮސް އޯޓީޓީ" ސަލްމާން ރުޅިގަދަވެގެން ޝޯ ދޫކޮށް ގޮއްސި \

ރިއަލިޓީ ޝޯ "ބިގް ބޮސް" ހޯސްޓްކުރަން ސަލްމާން ޚާން ވަރެއް ނެތޭ ބުންޏަސް ރަނގަޅުވާނެ އެވެ. މި ޝޯ ބެލުމަށް މީހުން އެހާ ޝައުގުވެރިވާ އެއް ސަބަބަކީ ސަލްމާންގެ ހޯސްޓް ކުރުމުގެ ކުޅަދާނަކަމެވެ.

"ބިގް ބޮސް"ގެ އޯޓީޓީ ދެ ވަނަ ސީޒަން ފަށައިގެން މިހާރު ކުރިޔަށް ދާއިރު "ބިގް ބޮސް އޯޓީޓީ 2"ގެ ވެސް ހޯސްޓަކީ ސަލްމާނެވެ. ނަމަވެސް ޓީވީ ޗެނަލުން ދައްކާ "ބިގް ބޮސް" ޝޯގައި ސަލްމާން އުޅޭ ގޮތާ މިފަހަރުގެ ޝޯ ހޯސްޓްކުރާ އިރު އުޅޭ ގޮތް ތަފާތުކަމަށް ބުނެ އޭނާއަށް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އަދި ޝޯ ހޯސްޓްކުރަން ހުރެފައި މާ ގަދަޔަކަށް ރުޅިއައިސްގެން ސަލްމާން ޝޯ ދޫކޮށްލާފައި ދަނިކޮށް މި ޝޯގެ އާ ޕްރޯމޯގައި ދައްކާފައި ވެއެވެ.

ހޮނިހިރު ދުވަހު ރިލީޒްކުރި މި ޝޯގެ އާ ޕްރޮމޯގައި "ވީކްއެންޑް ކާ ވާރް"ގެ ހޯސްޓުގެ ގޮތުގައި ސަލްމާން ޝޯގެ ބައިވެރިންނާ ވާހަކަ ދައްކައި އެމީހުން ކޮށްފައި ހުރި އެކި ކަންތައްތަކާ ސުވާލުކޮށް އެމީހުންނަށް އެއްޗެތި ގޮވާތަން ފެނެ އެވެ.

ސަލްމާން އެންމެ ރުޅިގަދަވީ އާކަންޝާ އާއި ޖެޑް މައި ގައިގޯޅިކޮށް އުޅުމުންނެވެ.

"ކަލޭމެންނަށް ހީވޭތަ މިއޭ (އާކަންޝާ އާއި ޖެކް ކުރި ކަންތަކޭ) މި ހަފުތާގެ ހައިލައިޓަކީ. މިއީ އަހަރެމެންގެ މައިންބަފައިން އަހަރެމެން ކުޑައިރުއްސުރެ ތަރުބިއްޔަތުކޮށްފައިވާ ގޮތްތަ؟ އަހަރެމެންގެ އާއިލީ ގުޅުމާއި ސަގާފަތާއި މިކަންކަމާ ގުޅޭތަ؟ ހުރިހާކަމެއް ކޮށްފަ ދެން ކޮންމެހެން މައާފަށް އެދޭނެކަމެއް ނެތް. އަހަންނަށް ވަރިހަމަ. އަހަރެން މި ދަނީ. އަހަރެން މި ޝޯއިން ވަކިވަނީ މި،" ސަލްމާން ބުނެ އެވެ.

އެހެން ބުނެފައި ސަލްމާން ޝޯ ދޫކޮށް ދާ މަންޒަރު ފެނިފައި ޝޯގެ ބައިވެރިން ޝޮކް ޖެހި ބުނާނެ އެއްޗެއް ނޭނގިފައި ތިބިތަން ވެސް ފެނެ އެވެ.

"ބިގް ބޮސް"ގެ ގޭގައި މި ވަގުތު ތިބި ބައިވެރިންގެ ތެރޭގައި ހިމެނެނީ ޖިޔާ ޝަންކަރް، މަނީޝާ ރާނީ، އަބީޗެކް މަލްހާން، ސައިރަސް ބްރޯޗާ، ޕޫޖާ ބަޓް، ފަލަކް ނާޒް އަދި ޖެކް އާއި އަކަންޝާ އެވެ.

މި ޝޯ އިން ކަޓައި އެންމެ ފަހުން ބިގް ބޮސްގެ ގެއިން ނުކުންނަން ޖެހިފައިވަނީ އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އަންހެނުން އާލިއާ ސިއްދީގީ އަށެވެ. ބިގް ބޮސްގެ ގެއިން ނުކުތުމަށްފަހު އާލިއާ ވަނީ ސަލްމާނަށް ވަރަށް ފާޑުކިޔައި އޭނާ އެކި މީހުންނަށް ތަފާތުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.